ދެ ވަނަ ގެއަށް އައިސް އޮސްކާ ބޭނުމީ ނިއުގެ ކާމިޔާބީ ބަޝުންދަރާގައި ތަކުރާރު ކުރަން

Aug 17, 2021, 9:14 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން އޮސްކާ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން އޮސްކާ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ނިއު ރޭޑިއަންޓް ގޮވައިގެން ރާއްޖޭގެ ފަސްގަނޑުގައި ހޯދި ފަދަ ކާމިޔާބެއް މި ފަހަރުގެ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ އެކު ތަކުރާރު ކުރަން ބޭނުންވާ ކަމަށް ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

މާދަމާރޭ ގަލޮޅު ދަނޑުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ބަޝުންދުރާ ކުޅޭ ފުރަތަމަ މެޗުގައި ކުޅޭނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. ނިއު ރޭޑިއަންޓް ގޮވައިގެން އޮސްކާ ހޭދަކުރި އަހަރަކަށް ވުރެ ގިނަ ދުވަހުގައި އޭނާއާ އެންމެ ވަރުގަދަ އަށް ވާދަކުރީ މާޒިޔާ އިންނެވެ.

ނިއު އަށް 2017 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން 2018 ވަނަ އަހަރުގެ ވަކި ހިސާބަކަށް ކޯޗުކޮށްދީ ރާއްޖޭގެ ހުރިހާ މުބާރާތެއް އޮސްކާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ރާއްޖޭގައި މަސައްކަތްކުރިއިރު، މާޒިޔާއާ އަކީ އެންމެ ވާދަވެރި ޓީމު ކަމަށާއި އެ ޓީމާ ދެކޮޅަށް ނުކުންނައިރު، ވިސްނުމަކީ ގަލޮޅު ދަނޑުގައި އޭނާ ނިއުގައި ހުރެ މި ގައުުމުގައި ކުރި ރަނގަޅު މަސައްކަތް ބަޝުންދުރާގައި ތަކުރާރު ކުރުމެވެ.

"އެނބުރި އާދެވުމުން އަހަރެން މި ހުރީ ވަރަށް އުފަލުން. މިއީ އަހަރެންގެ ދެ ވަނަ ގެ ފަދަ ގައުމެއް. އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން އެބަތިބި މި ގައުމުގައި. ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުންނާއި އާންމުން ވެސް،" ރާއްޖެ އެނބުރި އާދެވުމުން ކުރެވޭ އިހުސާސާ ބެހޭގޮތުން އޮސްކާ ބުންޏެވެ.

"އަހަރެންގެ މޯޓިވޭޝަން އަބަދުވެސް ހުންނާނީ ރަނގަޅަށް. އަހަރެން ނިއު ރޭޑިއަންޓްގައި ހުރެ ހޭދަކުރި އަހަރެއްހާ ދުވަހު ހޯދި ކާމިޔާބީ މި ދަނޑުގައި ހޯދަން ބޭނުމީ މި ފަހަރު އެހެން ކްލަބެއްގައި (ބަޝުންދުރާގައި) ހުރެ،"

ރާއްޖޭގެ މެޗެއްގެ ތެރެއިން އޮސްކާ.

ގްރޫޕް ސްޓޭޖުގައި މި ވަގުތު މާޒިޔާ އާއި ބަޝުންދަރާގެ އިތުރުން ދެން އޮތީ އިންޑިއަން ސުޕަ ލީގުގެ ދެ ޓީމެވެ. އެއީ ޕްލޭއޮފް ބުރުން އައި ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން އެވެ. އޮސްކާ ވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގައި ވެސް ކޮށްފަ އެވެ. އިންޑިއާގައި މަސައްކަތްކުރީ މުމްބާއީ ސިޓީ އާއި ގޯއާ ޓީމުގަ އެވެ.

ތިން ގައުމުގެ ފުޓްބޯޅައާ ބެހޭ މައުލޫމާތު ލިބިފައި ހުރުމަކީ އެޑްވާންޓޭޖެއްތޯ ނޫސްވެރިއަކު އެހުމުން އޮސްކާ ބުނީ އޭނާ އަށް މި ގައުމުތަކުގައި ލިބިފައިވާ ތަޖުރިބާ އާއި އިލްމުގެ ބޭނުން ހިފާނެ ކަމަށާއި އަމިއްލަ ވިސްނުމުގައި ބުނާކަމަށްވާ ނަމަ ބަޝުންދުރާ އޮތީ އެއްވެސް ޓީމަކަށް ދޫދޭ ގޮތަކަށް ނޫން ކަމަށެވެ.

"މާޒިޔާގެ އެބައޮތް ހަ އަހަރުގެ އޭއެފްސީ ކަޕްގެ ތަޖުރިބާ. އޭޓީކޭ މޯހަން ބަގާން އަކީ 100 އަށް ވުރެ ގިނަ އަހަރުވީ ތާރީހެއް އޮތް ކްލަބެއް. ބެންގަލޫރު މީގެ ފަސް އަހަރު ކުރިން އޭއެފްސީ ކަޕްގެ ފައިނަލް ކުޅުނު،" އޮސްކާ ބުންޏެވެ.

"އަހަރެމެން މިއީ ފްރެޝް ޔުނިޓެއް. މިއީ އަހަރެމެން އޭއެފްސީ ކަޕްގައި ކުޅޭ ދެ ވަނަ މެޗު ކަމުގައި ވިޔަސް އަހަރެންގެ ނަޒަރުގައި މި ޓީމު އޮތީ މި ގްރޫޕްގައި އޮތް އެއްވެސް ޓީމެއްގެ ފަހަތުގައެއް ނޫން. އަހަރެމެންގެ އެބަތިބި ގައުމީ ޓީމުގެ ލެވަލްގެ 12 ކުޅުންތެރިން. އަހަރެމެން މި ދަނީ (ލޯކަލް މުބާރާތްތަކުގައި) ތަށި ހޯދަމުން. އެހެންވީމަ މީގެ ވެސް އޮތީ މަސައްކަތް ކުރުން،" އޮސްކާ ބުންޏެވެ.

ބަޝުންދުރާގެ ރައީސް އިމްރުލް ހަސަން ބޭނުންވަނީ ހަމައެކަނި އިންޑިއަން ސަބް ކޮންޓިނެންޓްގެ ބާރަކަށް ވުމަށް ނޫން ކަމަށާއި އޭއެފްސީ ލެވަލްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަން އޮސްކާ ފާހަަގަކުރި އެވެ.

މާޒިޔާ އަކީ ރާއްޖޭގެ އެއް ވަނަ ޓީމު: އޮސްކާ

މި ވަގުތު ގްރޫޕް ސްޓޭޖުގައި އޮތް ޓީމުތަކަށް ބަލާއިރު، އެންމެ ފަހުން ވާދަވެރި މެޗުތަކެއް ކުުޅުނީ ބަޝުންދަރާ އިންނެވެ. އެ ޓީމުން ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އޮސްކާ ބުނީ އެއީ އެޑްވާންޓޭޖަކަށް ވެދާނެ ކަމަށާއި އެކަމަކު މާޒިޔާ އިން އޭއެފްސީ ކަޕްގެ ކުރިން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަ ކުރުމަކީ އެ ޓީމާ މެދު ވެސް ސަމާލުވާން ޖެހޭނެ ސަބަބެއް ކަމަށެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަނަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕްރީ ސީޒަން ފެށުމަށް ފަހު އޭއެފްސީ ކަޕްގެ މެޗުތަކަށް މި އަހަރު އޮގަސްޓް މަހު ނުކުންނައިރު، މި ހޭދަވީ ދިގު ސީޒަނެއްކަން އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމަށް ހޯމް އެޑްވާންޓޭޖެއް އެބައޮތް ކަމަށާއި ވަށައިގެން އެނބުރޭ އަޑުތަކަށް ސަމާލުކަން ނުދީ ބަޝުންދަރާ އިން ވިސްނަން ޖެހޭނީ ހަމައެކަނި މޮޅެއް ހޯދަން ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"ފުރަތަމަ މެޗުން އަހަރެމެންނަށް ކޮންމެ ޓީމެއްގެ ފެންވަރު ވެސް އިނގޭނެ. އެކަމަކު އަހަރެެމެން ފުރަތަމަ މެޗުން މޮޅުވޫން ނޫން ގޮތެއް ނެތް. އެއީ އަހަރެން ބޭނުމެއް ނޫން ފުރަތަމަ މެޗުން އެއްވަރުކޮށްލައިގެން ދެން ކުރެވޭނެ ކަންކަމާ މެދު ވިސްނަން. އެއީ މޮޅަކުން ފަށައިގެން ދެން ކުރިއަށްދެވޭނީ. އެންމެ ތިން މެޗު މި އޮތީ. އެއް ވަނަ ޓީމަށް އަނެއް ބުރަށް ދެވެނީ،" އޮސްކާ ބުންޏެވެ.

ހެންވޭރު ސްޓޭޑިއަމްގައި ބަޝުންދުރާ އިން ބޭއްވި ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: ބަޝުންދަރަ ކިންގްސް

މާޒިޔާ އަކީ މި ވަގުތު ދިވެހި ފުޓްބޯޅައިގެ އެއް ވަނަ ޓީމު ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އަދި މާޒިޔާ ޓީމުގައި މިހާރު އެ އޮތީ ވަރަށް ފުރިހަމަ ސްކޮޑެއްކަން ފާހަގަކޮށް އޮސްކާ ބުނީ މާޒިޔާއާ ހަވާލުވެހުރި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗަކީ ސްޕެނިޝް ލަލީގާގައި 10 ވަރަކަށް އަހަރު ރެއާލް ބެޓިސް އަށް ކުޅެފައި އޭއެފްސީ ކަޕްގައި ކޯޗެއްގެ ގޮތުގައި ފިލިޕީންސްގެ ސެރެސްގައި ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކޯޗެއް ކަމަށެވެ.

"މި މެޗު މި ކުޅެނީ ބަންގްލަދޭޝްގެ އެއް ވަަނަ ޓީމާއި ރާއްޖޭގެ އެއް ވަނަ ޓީމު. އަހަރެން ދެކޭ ގޮތުގައި މާޒިޔާގައި މި ވަގުތު އޮތް ޓީމު ސެޓް ކޮށްފައި އޮތީ ޑިފެންސަށް ފޯކަސް ކޮށްގެން ނޫން ހެން. އެ ޓީމަކީ އެޓޭކަށް ބައްޓަން ކޮށްފައި އޮތް ޓީމެއް. އަހަންނަށް މާޒިޔާ ފެންނަނީ ޑިފެންސް އެހާ ވަރުގަދަ ކޮށެއް ނޫން،" އޮސްކާ ބުންޏެވެ.

އޮސްކާގެ ކޯޗުކަމުގައި ނިއު އަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު އުމެއިރު ހުރީ މާޒިޔާގަ އެވެ. އެ ކުޅުންތެރިންނާއި އެހެން ދިވެހި ކުޅުންތެރިން ކުޅޭނެ ގޮތް އެނގުމަކީ އެޑްވާންޓޭޖެއްތޯ އެހުމުން އޮސްކާ ބުނީ ހަމަައެކަނި އެ މައުލޫމާތަށް ބަލައިގެން މެޗަށް ތައްޔާރުނުވާނެ ކަމަށާއި ވީޑިއޯގެ ޒަރިއްޔާއިން ވެސް ގިނަ ކަންކަން ދިރާސާ ކުރާނެ ކަމަށެވެ.

"އަހަރެމެން ކުރިން ރާއްޖެ އައީ މި މާހައުލަށް މި ދަނޑުތަކަށް ހޭނިލަން. މޫސުން މި އޮތީ ބަންގްލަދޭޝްގައި ވެސް އޮންނަ ގޮތަށް. ދެން އަހަރެން ބޭނުމީ މާދަމާރޭ ތިން ޕޮއިންޓާ އެކު ފަށަން،" އޮސްކާ ބުންޏެވެ.

ބަޝުންދަރާ އިން މިހާތަނަށް އޭއެފްސީ ކަޕްގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ބަޝުންދަރާ މޮޅުވީ 5-1 އިންނެވެ. އޭއެފްސީ ކަޕްގައި މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކުގައި ބަންގްލަދޭޝް ޓީމެއް އަތުން ބަލިވެފައިނުވެ އެވެ.

މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox