މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއުގައި ބޮޑެތި 21 މަގެއްގައި ތާރު އެޅުމުގެ ހުއްދައަށް މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒުގެ ޓުވީޓެއްގައި މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން ކުރިޔަށްގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން މިއަދު ފަށާނެ ކަމަށެވެ. މިއަދު މަސައްކަތް ފަށަނީ ވައިލެޓްހިނގުން، ވައިލެޓުމަގު، ގުލިސްތާނު ގޯޅި، ހިރުނދުމަގު، ދުނބުރު މަގު، ރޯޝަނީ މަގު، ކުރަނގި ގޯޅި، ސީސަންމަގު، ސަނދުބަރަކަ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި، ފިލިގަސް ގޯޅީގަ އެވެ.
ކައުންސިލްގެ ޕްލޭންގައި ބުނެފައިވާ ގޮތުގައި ހެންވޭރު ސެގްމެންޓު ފަށާނީ ރޯޝަނީ މަގުންނެވެ. އެ ސެގްމެންޓަށް ޖުމްލަ 36.8 ރުފިޔާ ހަރަދުވާނެ ކަމަށާއި އެއީ ޕްރޮޖެކްޓުގެ 9 ޕަސެންޓު ކަމަށް ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ތާރުއަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ތާރު އަޅައިގެން ހަދަން ނިންމާފައިވާ މަގުތައް:
ބޮޑުތަކުރުފާނު މަގު (ރިންގް ރޯޑު) ހުޅުމާލެ ޓާމިނަލް ކައިރިން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް

- އަމީނީ މަގު
- ކަނބާއައިސާ ރަނި ހިނގުން
- ޝަހީދު އަލީ ހިނގުން
- އިއްޒުއްދީން މަގު
- ހަނދުވަރީ ހިނގުން
- ޗާންދަނީ މަގު
- ބުރުޒުމަގު
- ލޮނުޒިޔާރަތް މަގު
- ރަށްދެބައި މަގު
- ސޯސަން މަގު
- ޖަނަވަރީ މަގު
- މުރަނގަ މަގު
- މުއިވެޔޮ މަގު
- މާވެޔު މަގު
- ހަވީރީ ހިނގުން
- ލިލީ މަގު
- އަމީރު އަހުމަދު މަގު
- އޯކިޑް މަގު
- ފަރީދީ މަގު
- ބޮޑުރަސްގެފާނު މަގު
ކަލާފާނު ސްކޫލުގެ ހޯލުގައި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ހެންވޭރު އުތުރުގެ މައި މަގުތަކުގައި ތާރު އަޅަން ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދައިފަ އެވެ. އެ ބައްދަލުވުންތަކުގައި މާލޭގައި ހުރި ބޮޑެތި މައްސަލަތަކާއި އެކަންކަމަށް ހައްލު ހޯދަން ބޭނުންވާ ގޮތްތައް ރައްޔިތުން ވަނީ. ހުށަހަޅައިފަ އެވެ.
ކައުންސިލްގެ ޕްލޭންގައިވާ ގޮތަށް މާލެއަށް ބަދަލު ގެންނާނީ ރައްޔިތުންގެ ހިޔާލާ އެކުގައި ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.













