ގްރީސްގެ މަޝްހޫރު ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސް އާއި ގައުމީ ޓީޓީ ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްގެ އެއްބާރުލުމާ އެކު ގްރީސް އިން ރާއްޖޭގެ ޓީޓީ އަށް އިތުރު ފުރުސަތުތަކެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ފަސް ފަހަރު އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ޕެނަޖިއޯޓިސް، 41، ރާއްޖެ އައީ ދާދި ފަހުން ޖަޕާނުގައި ބޭއްވި ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރުމަށް ފަހު ޗުއްޓީ އަކަށެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ކޯޗު ކޮންސްޓަންޓީނޯސްއާ އެކު މަސައްކަތްކޮށްފަ އެވެ. އެ ދެ މީހުންގެ ގުޅުމުގެ ތެރެއިން ޓީޓީ އެސޯސިއޭޝަނުން ރޭވި އިވެންޓެއްގައި އިއްޔެ ޕެނަޖިއޯޓިސް ވަނީ ރާއްޖޭގެ ކުޅުންތެރިންނާ އެކު ވަގުތުތަކެއް ހޭދަކޮށްފަ އެވެ.
ހުޅުމާލޭ ޓީޓީ ހޯލުގައި އިއްޔެ ބޭއްވި އެ އިވެންޓްގެ ތެރެއިން ޝިއުރީ ވިދާޅުވީ ކޯޗު ކޮންސްޓަންޓީނޯސް އާއި ޕެނަޖިއޯޓިސްގެ މި ގުޅުމުގެ ސަބަބުންނާއި މި އިވެންޓުން ރާއްޖޭގެ ޓީޓީ އަށް އުއްމީދީ ފުރުސަތުތަކެއްގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.
"މިސާލަކަށް ކުރިއަށް އޮތްތާނގައި (ގްރީސްއާ އެކީގައި) އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅުންތެރިޔާ (ޕެނަޖިއޯޓިސް) އާ ވެސް ގުޅިގެން ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި. އެކްސްޗޭންޖް ޕްރޮގްރާމާއި މި ކަހަލަ ޓްރެއިނިންތަކުގެ ފުރުސަތު ހުޅުވިގެންދާނެ ގްރީސްއާ އެކު. އެއީ (ރާއްޖޭގެ ޓީޓީ އަށް މި ކަމުގެ ތެރެއިން) ލިބުނު ކުރިއެރުމެއް،" ޝިއުރީ ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު ރާއްޖޭން ހަމަޖެއްސި ގްރީސް ކޯޗު ކޮންސްޓަންޓީނޯސް ވަރަށް ބޮޑަށް އެ ގައުމުގެ ކުޅުންތެރިންގެ ކަންތައްތައް ބަލާކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުގެ މަތިން މި ފަހަރުގެ އޮލިމްޕިކްސްގެ މެޗުތައް ކުރިއަށްދިޔައިރު، ރާއްޖޭގެ ކުޅުންތެރިން ގެނެސްގެން ލައިވްކޮށް މެޗުތައް ބަލަމުން ވެސް ދިޔަ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

ގައުމީ ޓީޓީ ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ޕެނަޖިއޯޓިސްއާ އެކު ހުޅުމާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ އިވެންޓްގައި އޭނާ ވަނީ ދިވެހި ކުޅުންތެރިންނާ އެކު ޓީޓީ ކުޅެފަ އެވެ.
"އެހެން (ލައިވްކޮށް މެޗު ފެނިފައި) އެނގިފައި އިން ކުޅުންތެރިއެއް ހަމަ ސީދާ ޕާސަނަލް އައިސްފައި ކުޅެލަން ލިބުމަކީ (ރާއްޖޭގެ) ހުރިހާ ކުޅުންތެރިން ވެސް އުފާވާނެ ކަމެއް. އެ މީހުން ހަނދާނުން ފޮހެލަން ދަތިވާނެ މި ލެވަލްގެ ކުޅުންތެރިއަކާ އެކު ކުޅެލަން ލިބުނީމަ. އިންސްޕަޔާވާން ވެސް ރަނގަޅު،" ޝިއުރީ ވިދާޅުވި އެވެ.
ޕެނަޖިއޯޓިސް މީގެ ކުރިން ފަސް ފަހަރު އޮލިމްޕިކްސްގައި ވާދަކޮށް 2024 ގައި ޕެރިސްގައި އޮތް އޮލިމްޕިކްސް އަށް ވެސް ކޮލިފައި އޮތުމަކީ އޭނާގެ އާދަޔާހިލާފުކަން އެނގޭ ހެއްކެކެވެ.
"މިއީ ދުނިޔޭގެ ލެވަލްގައި މޮޅު ކުޅުންތެރިއެއް. ޑިފެންސިވް ސްޓައިލްގެ މި ކަހަލަ ކުޅުންތެރިން ހަގީގަތުގައި މަދުވާނެ،" ޕެނަޖިއޯޓިސް ބެހޭގޮތުން ޝިއުރީ ވިދާޅުވި އެވެ.
ރާއްޖޭގައި މި މަހު ބާއްވަން ތާވަލުކުރި ބައިނަލްއަގުވާމީ ދެ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މި އަހަރަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިންނަށް ހަމައެކަނި އޮތް އިންޓަނޭޝަނަލް މުބާރާތަކީ އޭޝިއަން ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތް އަންނަ މަހު އޮތީ ގަަތަރުގަ އެވެ.
"މިހާރު އަމާޒުހިފައިގެން މި ތިބީ އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދަން. އެއީ ފުދޭވަރަކަށް އުނދަގޫ މުބާރާތެއް. އޭޝިއާ އަކީ ދުނިޔޭގެ ޗެމްޕިއަނުންނާއި ހުރިހާ އެންމެން ތިބޭ ބައްރު. އެހެންވީމަ އޭޝިއަން ޗެމްޕިއަންޝިޕްގައި ޕާފޯމް ކުރުމަކީ ޓައިޓް (އުނދަގޫ ކަމެއް) ކަމެއް،" ޝިއުރީ ވިދާޅުވި އެވެ.
ޓީޓީ އެސޯސިއޭޝަންގެ ވިސްނުމަކީ އޭޝިއަން ޗެމްޕިއަންޝިޕްގައި ވީ އެންމެ ރަނގަޅަށް ފައިޓް ކޮށްގެން ވޯލްޑް ޗެމްޕިއަންޝިޕުން ކިރިޔާ ވެސް ފުރުސަތެއް ހޯދޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމެވެ.













