މާލޭ އެކި ސަރަހައްދުތަކުން ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓްތައް ވެހިކަލް އެތެރެ ކުރުމަށް ބޭނުންވާ ގަރާޖު ސިޓީގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖު ސިޓީ ދޫކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ މިފަހުން ހަވާލުކޮށްފަ އެވެ. މިހާރު މާލެ އަދި ހުޅުމާލޭގައި ރަޖިސްޓްރީ ކުރާ އުޅަނދުތައް ބާއްވާ ގަރާޖު ޗެކް ކުރުމާއި އުޅަނދުގެ ވެރިފަރާތާއި ގަރާޖުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރު ކުރާނީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެ ކުރުމަށް ގަރާޖު ސިޓީ ހޯދަނީ 80،000 ވަރަކަށް ރުފިޔާ ގޭގޭއަށް ދައްކައިގެން ގަރާޖު ސިޓީ ހޯދައިގެން ކަމަށެވެ. އެގޮތަށް ސިޓީ ހޯދިޔަސް ވެހިކަލް ޕާކް ކުރާނެ ތަނެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިއަދުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލްތަކަށް ގަރާޖު ސްލޮޓްގެ ގޮތުގައި ޕާކިން ސްލޮޓްތައް މާލޭގެ އެކި ހިސާބުތަކުން ގަނެވޭނެ ކަމަށެވެ. ގަރާޖުގެ ގޮތުގައި ސިޓީ ކައުންސިލުން ސްލޮޓެއް ވިއްކަމުން އަންނަނީ 25،000 ރުފިޔާ އަށެވެ.
"އަޅުގަނޑުމެން ކުއްޔަށް މި ދޫކުރާ ސްލޮޓަކީ އެ ފަރާތަކަށް އަބަދުވެސް އޮންނާނެ ސްލޮޓެއް. އެ ވެހިކަލްގެ އުމުރު ހަމަވަންދެއް އެ ސްލޮޓެއްގެ ޔަގީންކަން އަޅުގަނޑު ދެން،" މުއިއްޒު ވިދާޅުވި އެވެ.

ޕާކިން ސްލޮޓްތައް ގަރާޖުގެ ގޮތުގައި ބޭނުން ކުރާ އުސޫލު މިއަދު އިއުލާން ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓްތައް އިތުރު ކުރަން ފަށާފައިވާ ކަމަށެވެ.













