ރިޕޯޓުއުގެއިލްގެ ސިޔާސީ ކާމިޔާބު، 70 ޕަސެންޓާ ގުޅިފައި!

އުގެއިލްގެ ސިޔާސީ ކާމިޔާބު، 70 ޕަސެންޓާ ގުޅިފައި!

ދުނިޔޭގެ ފެންވަރުގައި އޭނާ ކާމިޔާބުކުރައްވާ ކަންކަމުން ސިޔާސީ މަސައްކަތަށް ހުސްވަނީ ނާކާމިިޔާބުވެވަޑައިގަންނަވާކަށް ނޫނެވެ. ކުރިން މާބޮޑު ތަޖުރިބާއެއް ސިޔާސީ ކަންކަމުގައި ލިބިވަޑައިނުގަތަސް އޭނާ އިންތިހާބަށް ޖައްސަވާ ހިސާބު ދިމާވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

އުގެއިލް: ސިޔާސީ މަސައްކަތަށް އުގެއިލް ވަރަށް އަވަހަށް ރާއްޖެ ބަދަލުވެވަޑައިގަންނަވާނެ.
އުގެއިލް: ސިޔާސީ މަސައްކަތަށް އުގެއިލް ވަރަށް އަވަހަށް ރާއްޖެ ބަދަލުވެވަޑައިގަންނަވާނެ.

ޕްރޮފެސަރު ހަސަން އުގެއިލް ކުރިމަތިލައްވައިގެން އެ ހުންނެވީ ވަރުގަދަ ޗެލެންޖަކާ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދެމިއޮތީ ދެ ފިކުރަށް ކަމަށް ދައްކާ މަންޒަރުން ނެރޭ ނަތީޖާ ބަދަލުކޮށްލެއްވުމަށެވެ; ސިޔާސީ މައިދާނަށް މުޅިން އަލެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގައި އޭނާ ކާމިޔާބުކުރައްވާ ކަންކަމުން ސިޔާސީ މަސައްކަތަށް ހުސްވަނީ ނާކާމިިޔާބުވެވަޑައިގަންނަވާކަށް ނޫނެވެ. އޭނާ ޖައްސަވާ ހިސާބާއި އީޖާދުކުރައްވާ ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ވަކި ފިކުރެއްގައި ތިބީ 30 ޕަސެންޓް މީހުންނެވެ. ބާކީ 70 ޕަސެންޓަކީ ވަކި ފިކުރަކަށް ނިސްބަތްނުވާ ރައްޔިތުންނެވެ.

ވާދަވެރި 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ސިޔާސީ ހުރިހާ ލީޑަރުންނަށް ގެއްލުނު އިރު, އުގެއިލް ކުރިމަތިލައްވަން އުޅޭ ކަމުގެ އަޑު ފެތުރެނެވެ. އެއާއެކު ކުރީގެ ސަރުކާރުން ފާސްކުރި ގާނޫނަކުން އެ މަގު, އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރައްވައިގެން ހުންނެވި އުގެއިލަށް ވެސް ބަންދުކޮށްލި އެވެ.

ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ މީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ގާނޫނު އިސްލާހުކުރީ އެވެ. އެކަމަކު އޭރު އޭނާގެ އެ ވިސްނުމެއް ނެތެވެ.

އުގެއިލް ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތް އޭރު ކުރެއްވި ބޭފުޅުންނާ އެކު ވާހަކަ ދެއްކެވީ ރަނގަޅު ބަދަލަކަށެވެ. އޭނާ ވެރިކަމުގައި ހުންނަވައިގެން އެ ބަދަލު ގެންނަވާކަށް ނޫނެވެ.

އެކަމަކު ގައުމަށް ހެޔޮ ބަދަލު ގެންނެވުމުގައި އޭނާގެ ގެންގުޅުއްވާ ވިސްނުން މިހާރު ތަފާތެވެ.

ކަންކަން ހަމަމަގަށް އެޅުވެން އޮތީ އުގެއިލް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ މަސައްކަތްތަކުންނެވެ. މިވަގުތު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ނުކުރެއްވިޔަސް އެ ވިސްނުން ވެސް ގެންގުޅުއްވަ އެވެ. ރައްޔިތުން އެދޭ ގޮތް ސާފުވުމާ އެކު އޮތީ އިއުލާންކުރެއްވުމެވެ.

މިއީ, ސިޔާސީ މަސައްކަތް ފެއްޓެވުމާ ގުޅޭ ގޮތުން އުގެއިލް "އަދަދު"އަށް ދެއްވި އިންޓަވިއުގެ މުހިއްމު ޚުލާސާއެކެވެ.

ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، ރާއްޖެ ބަދަލުވެވަޑައިގަތުމުގެ ފަހަތުގައި އޮތީ އިންތިހާބުގައި ވާދަކުރެއްވުންތޯ؟

އިންތިހާބަށް ކުރިމަތިލާނަމޭ އަޅުގަނޑު އަދި ނުއެއް ބުނަން. އަޅުގަނޑު ނިންމީ ސިޔާސީ ކަންކަމުގައި އުޅެން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއަށް ހިދުމަތްތަކެއް ކުރެވިއްޖެ. ދެން މިވަގުތު ގަބޫލުކުރަން ސިޔާސީ ދާއިރާ އިން ވެސް އެ ހިދުމަތް ކޮށްދެވިދާނެ ކަމަށް. ސީދާ އަޅުގަނޑު ބުނީކީއެއް ނޫން އިންތިހާބަށް ކުރިމަތިލާނަމޭ.

މަތީ ތައުލީމް ހާސިލްކުރެއްވުމަށް ފަހު މިހާތަނަށް ވެސް ހިދުމަތް ކުރައްވީ ބޭރުގައި. ސިޔާސީ ދާއިރާ އިން އުގެއިލް ހިދުމަތް ކުރައްވަން ނިންމެވުމުން ރައްޔިތުން އިތުބާރު ކުރަން ވީ ސަބަބަކީ ކޮބައިތޯ؟

ސިޔާސީ ދާއިރާ އަށް ނުކުތުމަކީ އަޅުގަނޑު އެކަނި ބޭނުންވެގެން ކުރާ ކަމެއް ނޫން. ވަރަށް ގިނަ ރައްޔިތުންތަކެއް އެބަ ބޭނުންވޭ. އަޅުގަނޑަށް ވަރަށް ގިނަ ފޯން ކޯލްތަކާއި މެސެޖްތައް ވެސް ލިބިފައި އެބަހުރި ސިޔާސީ ދާއިރާ އިން ހިދުމަތްތަކެއް އަޅުގަނޑުގެ ފަރާތުން ބޭނުންވާ ކަމަށް.

އެހެންވީމާ ގަބޫލުކުރެވޭ ހިދުމަތުގެ ތެރެއިން އަޅުގަނޑަށް އެކަން ވެސް ކޮށްދެވިދާނެ ކަމަށް. އިލްމީ ގޮތް ވަރަށް ގިނަ ހިދުމަތްތަކެއް އަދި އެހެނިހެން ގޮތްގޮތުން ވެސް ހިދުމަތް ކޮށްފައި މިހިރީ.

ގަބޫލު އެބަކުރެވޭ މިހާރު މަސްރަހު އޮތް ގޮތުން ދިވެހިރާއްޖެ އަށް ސިޔާސީ ދާއިރާ އިން އަޅުގަނޑަށް މަސައްކަތްތަކެއް ކޮށްދެވިދާނެ ކަމަށް.

ހަމައެކަނި ސިޔާސީ މަސައްކަތް ކުރާކަށް ވެސް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ހިދުމަތް ދިވެހި ރައްޔިތުންނަށް އެހެން ގޮތްގޮތުން ވެސް ރާއްޖޭގައި ހުރެގެން ލިބޭނެ.

ރާއްޖެ ބަދަލުވެވަޑައިގަންނަވަނީ ކިހާ ތާކުތޯ؟

ސީދާ ވަކި ތާރީހެއް އަދި ނެތް. އެކަން ނިންމަމުން މި އަންނަނީ. މިކޮޅުގައި އަޅުގަނޑު މިކޮޅުގައި [އިނގިރޭސި ވިލާތުގައި] ކުރާ މަސައްކަތްތައް ހަމައަކަށް އެޅުވުމަށް ފަހު އުއްމީދަކީ ވީހާވެސް އަވަހަކަށް ރާއްޖެ ބަދަލުވުން.

ކޮންމެ ރިޔާސީ އިންތިހާބަކާ ގާތްވުމުން ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނޭ. އާ ޕާޓީތައް ވުޖޫދުވެ އިންތިހާބަށް މިސްރާބު ޖެހުމާއި ފިކުރު ތަފާތު ޕާޓީތައް އިންތިހާބަށްޓަކައި އިއްތިހާދު ވެސް ވޭ. އުގެއިލްގެ ސިޔާސީ މައިދާނަށް ތި ނުކުންނަވަނީ ކޮން ބަޔަކާ އެކުގައިތޯ؟

އަޅުގަނޑު އަދި ނުނިންމަން ސިޔާސީ މަސައްކަތް ކުރާނީ ސީދާ ކޮން ގޮތަކަށްތޯ. އެކަން މި އަންނަނީ ދިރާސާކުރަމުން ކޮންޓްރިބިއުޝަން ދޭނެ އެންމެ ރަނގަޅު ގޮތެއް.

މާބޮޑަށް ގަބޫލުކުރާ ކަމެއް ނޫން, ވަކި ފިކުރަކަށް ވަކި ޕާޓީއަކަށް މަސައްކަތް ކުރަން ޖެހޭ ކަމަކަށް.

އެއީ، ރާއްޖޭގެ ވޯޓާސް ޕޮޕިއުލޭޝަނަށް އަޅުގަނޑުމެން ބަލާލިއަސް ގާތްގަނޑަކަށް 30 ޕަސެންޓް ރާއްޖޭގެ ޕާޓީތަކުގައި މިއުޅެނީ. އެހެންވީމާ 70 ޕަސެންޓް މީހުންނަކީ ޕާޓީތަކުން ބޭރުގައި ތިބި މީހުން. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކޮންމެހެން ސިޔާސީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ބަރޯސާވާކަށް ނުޖެހޭ ކަންނޭނގެ ސިޔާސީ މަސައްކަތް ކުރަން.

އުގެއިލް ވެސް އެބަ ގަބޫލުކުރައްވާ ރައްޔިތުންނަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލަތައް ގިނަ ކަމަށް. ކޮންމެ ވެރިއަކު ވެސް ވައުދުތަކާ އެކު ރައްޔިތުން މާޔޫސްކޮށްފައި ދައުރު ނިންމަވަނީ ކަމަށް. އެހާ ދުވަހު ބޭރުގައި އުޅުއްވައި ސިޔާސީ ކަންކަމަށް އަލަށް ނުކުމެވަޑައިގެން ދިވެހިންގެ މައްސަލަތައް ހައްލުކޮށްދެއްވާނީ ކިހިނެއް ކަމާ މެދު އުގެއިލްއަށް ސުވާލު ކުރިމަތި އެބަ ކުރޭ.

ތި ވިދާޅުވަނީ އަޅުގަނޑު ރާއްޖޭގައި ނެތީމަ، ރާއްޖެ ނޭނގޭ ވާހަކަ ކަންނޭނގެ. ނޫން, ކިތަންމެ ދުރުގައި އުޅުނަސް އަޅުގަނޑަކީ ރާއްޖެއާ ވަރަށް ގާތުން މަސައްކަތްތަކެއް ކުރާ މީހެއް. އަޅުގަނޑަށް ވަރަށް ރަނގަޅަށް ރާއްޖެ އެނގޭ. ސިޔާސީ މަސްރަހު ވެސް ވަރަށް ރަނގަޅަށް އެނގޭ.

މިސާލަކަށް ބަލަމާ އަޅުގަނޑު މިދަނީ 2023ގެ ދެ އަހަރު ކުރިން. އެހެންވީމަ އަޅުގަނޑަށް ވަގުތު ލިބޭނެ ރާއްޖެ އާއި ދިވެހިން އިތުރަށް ދަސްކުރަން އަދި ސިޔާސީ މަސްރަހު އެނގެން ވެސް. އެއީ ވަރަށް ގިނަ ވަގުތު.

އަޅުގަނޑަށް ރާއްޖެ ނޭނގެއޭ ބުނާ މީހުންނަށް ވެސް ފެންނާނެ ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ހުރެގެން ކުރާތަން.

ރައްޔިތުންނާ ވާހަކަ ދައްކާނަން. އޮޅުންފިލުވާނަން ރަށްރަށުގައި އަތޮޅުތަކުގައި ހުރި މައްސަލަތައް. އެކަންކަން ދެނެގަނެ ހައްލު ހޯދަން ބޭނުންވަނީ.

އަމިއްލަ ގޮތުން ކުރައްވާ މަސައްކަތްތަކުން މާބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުކުރައްވާ ސަބަބަކީ ކޮބައިތޯ؟

އެންމެ މޮޅު ހައްލަކީ ކޮބައިތޯ ބަލާނަން. އެކަމަކު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބަރޯސާވެގެން އެ މަސައްކަތް ކޮންމެހެން ގެންދަން ޖެހޭ ކަމަށް. މިވަގުތު ވިސްނުން ހުރީ ވަކި ފަރުދެއްގެ ގޮތުގައި މަސައްކަތް ކުރަން.

އިތުރަށް ބަލައި ދިރާސާކޮށް ހެދީމަ އެނގިދާނެ ކަންނޭނގެ މޮޅު ގޮތެއް އޮތިއްޔާ.

އިންތިހާބުގައި ވާދަކުރެއްވަން މިހާތަނަށް ތި ހުންނެވީ ނިންމަވައިގެން ނޫން ކަމަށް ތި ވިދާޅުވަނީ. ސިޔާސީ މަސައްކަތްތަކުގައި ނެރެވޭ ނަތީޖާތަކުން އެ ފުރުސަތު އޮވެއްޖެ ނަމަ ވާދަކުރައްވާނަންތޯ؟ އެއީ ޕާޓީއެއްގެ ޓިކެޓްގައިތޯ ނުވަތަ އަމިއްލައަށް ޕާޓީއެއް އުފައްދަވައިގެންތޯ ނުވަތަ އަމިއްލަ ގޮތުންތޯ؟ މިހާރު ހުރި ޕާޓީއަކާ ގުޅިވަޑައިގެން ވާދަކުރައްވާނަމަ އެއީ ކޮން ޕާޓީއެއްތޯ. މިހާތަނަށް އެއްވެސް ޕާޓީއަކުން އުގައިލަށް ދައުވަތު ދެއްވާފައި ނުވަތަ އުގައިލަށް ޓިކެޓް ދެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ؟

ކުރީގައި ވެސް ދެންނެވިހެން ރައްޔިތުން އެކަމަށް ތައްޔާރުވެ ތިބިއްޔާ, މިސާލަކަށް އިންޑިޕެންޑެންޓް ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ ޕާޓީއަކުން ވެސް އެ ފުރުސަތު ރައްޔިތުން ދޭކަމަށް ވަންޏާ އެކަން ވެސް ކުރާ ގޮތަށް މިހިރީ.

އެންމެ ރަނގަޅު ދަނޑިވަޅުގައި އަޅުގަނޑު އެކަން އިއުލާންކުރާނީ. އޭގެ ކުރިން އަޅުގަނޑު ދާނީ, ހޯދަން ޖެހޭ ހޯދުންތަކާއި ދިރާސާކުރަން ޖެހޭ ކަންކަން ކުރަމުން, ތި ވިދާޅުވި ހެން އަޅުގަނޑު ކަހަލަ ސިޔާސީ ދާއިރާ އަށް އާ މީހަކު ނުކުމެ މިކަން ކާމިޔާބުކުރާނެ ގޮތަކާ މެދު.

އަޅުގަނޑު ބޭނުމެއް ނޫން ސިޔާސީ ދާއިރާއަށް ނުކުމެ ނާކާމިޔާބުވާކަށް.

މިކަމުގެ ތެރެއަށް އަޅުގަނޑު މި ނުކުންނަނީ ވަރަށް ގިނަ އެއްޗެހި ދޫކޮށްލާފައި. އެކަމަކު ވަރަށް އިހްލާސްތެރިކަމާ އެކުގައި. އެހެންވީމާ ޒަމީރު ގަބޫލުނުކުރާނެ, އިހްލާސްތެރިކަން އަދި އިހްސާންތެރިކަން ނަގާލައި މަސައްކަތް ކުރަން.

އެއީ ރައީސުލްޖުމްހޫރިއްޔާ ކަން ވިޔަސް އެ މިންގަނޑުގެ ތެރޭގައި އަޅުގަނޑު ކުރާނީ.

އެންމެ ފަހުން, 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އުގެއިލް ތާއީދުކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކަށާއި ކުރައްވާ ކަންކަމަށް އުގައިލް ފާޑުވިދާޅުވާތަން. މި ވެރިކަމުގައި އުގައިލް އެންމެ ހިންހަމަޖެހިވަޑައިނުގަންނަވާ ކަންކަމަކީ؟

އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވަނީ... އަޅުގަނޑުމެންނަށް ސަރުކާރަށް ވަރަށް ގިނަ ފުރުސަތުތައް ދެވުނު. ހާއްސަކޮށް މި ސަރުކާރަށް, ހުރިހާ ގޮތަކުން ވެސް ވަރަށް ގިނަ ފުރުސަތު ރައްޔިތުންނަށް ދެވުނު. އަޅުގަނޑުގެ ވެސް ވަރަށް އުއްމީދު އޮތް ސަރުކާރެއް.

އެހެން ނަމަވެސް ފާއިތުވެދިޔަ ތަން ފެނިގެން ދިޔައީ އެހާ އުއްމީދީ ގޮތަކަށް ނޫން.

ވަރަށް ބައިވަރު ވައުދުތައް ވެފައި އޮތީ, އެކަމަކު އެ ވައުދުތައް ފުއްދޭ ތަނެއް ނުފެނޭ. އެމްޑީޕީއަށް ބެލިޔަސް އެތެރޭގައި މައްސަލަތަކެއް ދިމާވެ, ވެރިންގެ މައްސަލަތަކެއް ވެސް އެބައުޅޭ. ގައުމު, ރައްޔިތުން އިސްކުރުމަށް ވުރެން ވެރިންގެ މަސްލަހަތު އިސްކުރާތަން ފެންނަނީ.

މިހާރު ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން އަޅުގަނޑަކަށް ހިއެއް ނުވޭ ސޮލިއުޝަނެއް ނެރެވިދާނެ ކަމަކަށް. އެހެންވީމާ, ތައުލީމީ ގާބިލް, ފަސްބައި ސާފު މީހުން ސިޔާސީ ދާއިރާއަށް ނުކުންނަން ޖެހޭނީ.

މިދިޔަ 12-15 ވަރަކަށް އަހަރުގެ ތެރޭގައި އިލްމީ ގާބިލް މީހުން ސިޔާސީ ދާއިރާއަށް ނުވަދޭ. ހުތުރު ކަމަކަށް ވެފައި އޮންނަނީ.

އަޅުގަނޑުމެން ކަހަލަ މީހަކު ނުކުމެ މި މަސައްކަތް ކުރަން ފެށީމަ އަޅުގަނޑަށް ގަބޫލުކުރެވޭ މިކަން ބަދަލުކުރެވިދާނެ ކަމަށް. އިސް ނަގައިގެން އެ މަސައްކަތް ފެށީ ވެސް އެހެންވެ.

ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭތަން އެބަ ފެންނަން ޖެހޭ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުގައިލަށް ރައްޔިތުން އިތުބާރުކުރައްވަންވީ ސަބަބަކީ ކޮބައިތޯ؟

ރައްޔިތުން އަޅުގަނޑަށް އިތުބާރު ނުކުރަންވީ ސަބަބެއް ނުވިސްނޭ. ދިވެހިރާއްޖޭގައި ނޫޅުނަސް ދުނިޔޭގެ ފެންވަރުގައި ވަރަށް ބައިވަރު މަސައްކަތްތައް ކޮށް, ބޮޑެތި ޕްރޮޖެކްޓްތައް ކާމިޔާބުކޮށްފައިވާ މީހެއް. އަދި ދިވެހިރާއްޖޭގައި ވެސް އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކޮށްފައި ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނުހުންނާނެ.

އެކި މުއައްސަސާތަކަށް, ހުންނާނެ ހިދުމަތްތަކެއް ކޮށްދެވިފައި.

ކާމިޔާބު ކަމާ އެކު ދުނިޔޭގެ ފެންވަރުގެ ޕްރޮޖެކްޓްތައް ނިންމުމުގައި އަޅުގަނޑުގެ ޓްރެކް ރެކޯޑެއް އެބައޮތް. މިހާތަނަށް ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސއްކަތް ނުކުރުމަކީ އެކަން ނުކުރެވެންވީ ހުއްޖަތަކަށް ދައްކަންވީ ސަބަބެއް ކަމަކަށް ގަބޫލެއް ނުކުރެވޭ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަށް ކާމިޔާބުކުރައްވާ ވެރިކަން ކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ފިކުރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން، ކުރިމަތިލައްވަން ނިންމަވައިގެން ތި ހުންނެވީ ވަރުގަދަ ޗެލެންޖަކާ، ރާއްޖޭގެ ބޮޑު ސިޔާސީ ދެ ފިކުރު ބަލިކޮށް ކާމިޔާބު ހޯދުމަށް ވިސްނުންފުޅު ގެންގުޅުއްވާ ގޮތަކީ ކޮބައިތޯ؟

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ތި ވިދާޅުވާ ފިކުރުތަކުގެ ބާރެއް. އަދި ފިކުރެއްގެ ތެރެއިން ނުކުމެ ކާމިޔާބު ވެދާނެ ކަމަކަށް. މިހާތަނަށް ނެތް އިނގޭތޯ.

އަޅުގަނޑުމެން ބަލަން ޖެހެނީ ޕާޓީތަކުގައި ތިބި މީހުންގެ އަދަދު. ވޯޓާސް ލިސްޓު ދެއްތޯ. ބަލާއިރު އަޅުގަނޑުމެން މިދައްކަނީ 30 ޕަސެންޓް މީހުންގެ ވާހަކަ. ބާކީ އޮތް 70 ޕަސެންޓަކީ ރަނގަޅު ގޮތެއް ފެންނަ އިރަށް އެ ގޮތަކާ ދިމާލަށް ދާނެ މީހުން. އެހެންވީމަ އެ މީހުން ވަކި ޕާޓީއަކަށް, ފިކުރަކަށް ނުގޮސް އެ ތިބީ ވެސް. މިހާތަނަށް ދިވެހިރާއްޖޭގައި އިންތިހާބު ކާމިޔާބުވެފައެއް ނެތް އެއްވެސް ޕާޓީއެއް ނުކުމެ. ވަކި ފިކުރަކުންނެއް ނޫން.

ކޯލިޝަން ހެދިޔަސް ވޯޓުގެ ބޮޑު ބަޔަކީ ނިއުޓްރަލް ރައްޔިތުން.

އަޅުގަނޑަށް އޮތް ހިތްހަމަޖެހުމަކީ...ސިޔާސީ މަސައްކަތަށް ނުކުންނަ ކަން އެނގުނީމަ ގިނަ ބައެއްގެ ސަޕޯޓު އަޅުގަނޑު ހައިރާންވާވަރަށް އެބަ ލިބޭ. އަޅުގަނޑު ވަރަށް އުފާވޭ ހަގީގަތުގައި އެހެންވީމަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން އެބަ ބޭނުންވޭ ބަދަލެއް.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުމެ މަސައްކަތް ކުރަން ފެށީމަ އެ ބަދަލު ގެނެވިދާނެ ކަމަށް އަޅުގަނޑަށް މިހާރު ގަބޫލުކުރެވޭ.

ފަޒީނާ އަހުމަދު

އެޑިޓަރ

ދެ ހާސް ހަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ފަޒީނާ އަހުމަދަކީ ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އަދި ކޮރަޕްޝަނުގެ މައްސަލަތައް ކަވަރުކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމު ތިން ފަހަރު ހާސިލްކޮށްފަ އެވެ. ކުރިން މަސައްކަތްކުރީ "ހާމަ"، "ހަވީރު" އަދި "މިހާރު" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox