ބާސެލޯނާ (އޮގަސްޓް 15) - ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލި ފަހުން ރަސްމީކޮށް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން 4-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފި އެވެ.
މި މެޗުގައި ބާސެލޯނާގެ ޑެންމާކް ފޯވާޑް މާޓިން ބްރެއިތުވެއިޓް ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ކްލަބްތަކުން ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް ބްރެއިތުވެއިޓް ވަނީ ބާސެލޯނާގައި މަޑުކުރަން ނިންމައިފަ އެވެ.
ބާސެލޯނާ އަށް މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖެރާޑް ޕީކޭ އެވެ. ޕީކޭ ބޮލުން ޖެހި މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މެމްފިސް ޑިޕާއި އެވެ. ޑިޕާއީ އަކީ ޕީކޭގެ މުސާރަ ކުޑަކުރުމުން ޓީމުގައި ރަޖިސްޓްރީ ކުރެވުނު ތިން ކުޅުންތެރިންގެ ތެެރެއިން އެކަކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ބްރެއިތުވެއިޓް އެވެ. އަދި ދެ ވަނަ ހާފް ފެށިގެން 14 މިނިޓް ތެރޭ ބްރެއިތުވެއިޓް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.
އޭގެ ފަހުން ސޮސިއެޑާޑުން ދެ ގޯލު ޖަަހައި ބާސެލޯނާ ހާސްކޮށްލި އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ހުލެން ލޮބޭޓޭ އާއި މިކޭލް އޮޔާޒަބާލް އެވެ. ޕްރެޝަރު ކަނޑުވާލައި ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ސާޖީ ރޮބާޓޯ އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި މޮޅަށް ކުޅުނު ބްރެއިތުވެއިޓް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން މި ފަހަރުގެ ލީގު ފެށީ ސެލްޓާ ވިގޯ ދަނޑުގައި 2-1 އިން ހޯދި މޮޅާ އެކު އެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް ޖެހީ އެންހެލް ކޮރޭއާ އެވެ. އަދި ސެލްޓަގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އަކުން އިއާގޯ އަސްޕާސް އެވެ.
އެތުލެޓިކޯ އައި ސެލްޓަ ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެތުލެޓިކޯގެ މާރިއޯ ހާމޯސޯ އާއި ސެލްޓަގެ ހޫގޯ މަލޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދަައްކައިފަ އެވެ.












