ލަންޑަން (އޮގަސްޓް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމުގެ އެއް ވަނަ ފޯވާޑް ހެރީ ކޭން ނުލައި 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް ހާމަކޮށްފައިވާ ކޭން ހޯދަން އެންމެ ބޮޑަށް މަސައްކަތެއް ކުރަނީ ސިޓީ އިންނެވެ. މިރޭ ކޭން ޓޮޓެންހަމްގެ މެޗު ސްކޮޑުގައި ނުހިމެނުމަކީ އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ވާހަކަ އަށް ބާރު ލިބޭ ކަމެކެވެ. އެކަމަކު، ޓޮޓެންހަމްގެ އާ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މެޗަށް ފަހު ނޫނޯ ބުނީ ކޭން ޓީމުގައި ނުހިމެނީ އޭނާގެ މެޗު ފިޓްނަސް ރަނގަޅު ލެވަލެއްގައި ނެތުމުން ކަމަށާއި މި މެޗުގައި އޭނާ ނުފެނުމާ ޓްރާންސްފާ އަކާ ގުޅުވައިގެން ދައްކަނީ ހަގީގަތެއް އޮތް ވާހަަކައެއް ނޫން ކަމަށެވެ.
ޗުއްޓީ އަށް ފަހު ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުކުތީ އޭނާ އެކަން ކުރަން ޖެހޭ ތާރީހު ފަހަނައަޅައި ދިޔަފަހުންނެވެ. ކޭން، ޓޮޓެންހަމްގެ ޕްރީ ސީޒަނަށްް ނުކުތުން ލަސްކޮށްލީ ކްލަބް ބަދަލުކުރަން ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ޓޮޓެންހަމްގެ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ އޭރިއާބޭރު ރޮނގުކައިރިން ސޮން ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު، ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ޓޮޓެންހަމްގެ ލޫކަސް މޯރާ (ވ) ކައިރިން ޖެކް ގްރީލިޝް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގައި ސިޓީ އަށް ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ޓެސްޓް ކުރެވޭވަރުގެ މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވެ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީ އަށް 100 މިލިއަން ޕައުންޑަަށް ގަތް އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް މި މެޗުގައި ވެސް ވަނީ ކުޅެފަ އެވެ. އެ ޓީމުން މެޗުގެ ފަހު ވަގުތު ކެވިން ޑި ބްރޭނާ ކުޅެން އެރުވި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މިދިޔަ ހަފްތާގައި ލެސްޓާ ސިޓީ އަތުން ވެސް ސިޓީ ބަލިވީ 1-0 އިންނެވެ. މިރޭ ވެސް ހަމަ އެ ނަތީޖާ އިން ޓޮޓެންހަމް އަތުން ބަލިވީ އެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ސިޓީ އަށް ގޯލެއް ނުޖެހުނީ ސާޖިއޯ އަގުއޭރޯ ނެތްތަން ފޫނުބެއްދިގެން ނޫން ކަމަށެވެ.
"ސާޖިއޯ (އަގުއޭރޯ) ވަނީ ޓީމު ދޫކޮށް ގޮސްފައި. އެކަމަކު އަހަރެމެން މިއީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ޓީމު. އަހަރެމެންނަކީ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށް އެކަން ކުރެވޭނެ ބައެއް. އަދި އަހަރެމެން ކުރިއަށް އޮތްތަނުގައި އެކަން ކުރާނަން،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ލައިގެން ގުނާނަމަ ސިޓީން އެންމެ ފަހުން ރަސްމީ މުބާރާތްތަކުގައި ކުޅުނު ތިން މެޗުން ބަލިވީ ލަނޑެއް ނުޖެހި އެވެ. މިއީ 2007 ވަނަ އަހަރަށް ފަހު ސިޓީ ޖެހިޖެހިގެން ތިން މެޗުގައި ލަނޑެއް ނުޖަހައި ބަލިވި ފުރަަތަަމަ ފަހަރެވެ.
އަނެއްކޮޅުން ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ޓީމެއް ލަނޑެއް ނުޖެހި ތިން ބައްޔާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ޓޮޓެންހަމް ދަނޑުގައި އެންމެ ފަހުން ސިޓީ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު ސީޒަނެއްގެ ފުރަތަމަ މެޗުން ބަލިވުމަށް ފަހު އެ އަހަރަކު ޗެމްޕިއަންކަން ހޯދުނީ އެންމެ ޓީމަކަށެވެ. އެކަން ކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ވަނީ ފުރަތަމަ މެޗުން ބަލިވުމަށް ފަހު ވެސް ތިން ފަހަރެއްގެ މަތިން ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 1993 އާއި 1996 އަދި 2013 ވަނަ އަހަރެވެ.












