ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއަށް ގޮސްގެން ކުނި ނަގާގޮތަށް ހަމަޖެއްސުން މާލޭ ސިޓީ ކައުންސިލާއި ވެމްކޯގެ މެދުގައި ބޮޑު އަރައިރުމަކަށް ބަދަލުވެއްޖެ އެވެ.
މާލޭގެ ކުނި މެނޭޖްކުރަން ހަވާލުކޮށްފައިވާ ވެމްކޯއިން މީގެ ކުރިން ގޭގެއަށް ގޮސްގެން ކުނި ނަގަމުން އައި ނަމަވެސް، ކޮވިޑާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ގޭގެއަށް ނުވަންނަގޮތަށް ހަމަޖެއްސި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިހާރު ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާއިރު، ކުނި ނަގާ އިންތިޒާމަށް ބަދަލެއް އަންނަންޖެހޭ ކަމަށެވެ.
އެގޮތުން، ވެމްކޯއާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި ކައުންސިލް ބައްދަލުވުމުގައިވެސް މިކަން މިގޮތަށް ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

އަދި ކުނި ނެގުމުގެ ކަންތައް އެ ގޮތަށް ބަދަލުކުރާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށާއި، އެ ނިންމުމާބެހޭ ލިޔުން ވަރަށް އަވަހަށް ވެމްކޯއަށް ފޮނުވާނެ ކަން މުއިއްޒު ހާމަކުރެއްވި އެވެ.
ނަމަވެސް، ވެމްކޯއިން ވަނީ މުއިއްޒުގެ އެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.
އެގޮތުން، ކުނި ނެގުމުގެ އުސޫލަށް އަދި ބަދަލެއް ގެނެސްފައިނުވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް އެޗްޕީއޭ އާއި ސަރުކާރާއެކު ކުރެވެމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމާ ގުޅިގެން މުއިއްޒު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ވެމްކޯއިން އެގޮތަށް އެއްބަސްވުމަށްފަހު، އެއީ ނުވާކަމެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ބަޔާންތައް ނެރުމަކީ ވަރަށް ޒިންމާދާރު ކުޑަކަމެއް ކަމަށެވެ.
"އެހެން ނަމަވެސް އެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަމަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން ކުރެއްވި އިތުރު ޓްވީޓެއްގައި މުއިއްޒު ވަނީ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ އެގޮތަށް ފައިސާ ދައްކާ ކަންކަން ވެސް ވެމްކޯއިން ނުކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"ކޮންމެ މަހަކު ވެމްކޯ އަށް ކައުންސިލުން ކުރަންޖެހޭ ހަރަދު. ހިތާމަޔަކީ، ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަން. މިކަމަކީ ސިޓީ ކައުންސިލުން އިސްލާޙުކުރުވަން މަސައްކަތް ކުރާނެކަމެއްކަން ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.












