މެޑްރިޑް (އޮގަސްޓް 15) - ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން ރޭ ފަސޭހަކަމާ އެކު އަލަވޭސް އަތުން 4-1 އިން މޮޅުވެއްޖެ އެވެ.
ރެއާލާ ދެ ވަނަ ފަހަރަށް ހަވާލުވި ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ޓީމު ރަސްމީކޮށް ކުޅުނު ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ އެގާރައިން ވަނީ ގަރެތު ބޭލް އާއި އެޑެން ހަޒާޑަށް ފުރުސަތު ދީފަ އެވެ. ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޭލް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ ޕްރީ ސީޒަނުގެ ގިނަ މެޗުތަކެއްގައި ވެސް ބޭލް ބޭނުންކޮށްފަ އެވެ.
އަލަވޭސް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ހުރިހާ ގޯލެއް ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފްގަ އެވެ. ރެއާލުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. އަނެއް ދެ ގޯލު ޖެހީ ނަޗޯ އާއި ވިނީޝިއަސް ޖޫނިއާ އެވެ. މެޗުގެ އިތުރު ވަގުތުގައި ވިނީޝިއަސް ޖެހި ގޯލަށް ފުރުސަތު ތަަނަވަސްކޮށްދިނީ މި ފަހަރު ހިލޭ ޓްރާންސްފާއެއްގައި ރެއާލުން ގެނައި ޑޭވިޑް އަލަބާ އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އަލަވޭސްގެ ހަމައެކަނި ގޯލު ޖެހީ ކުރިން ރެއާލާއި ނިއުކާސަލް އަށް ކުޅުނު ފޯވާޑް ހޮސޭލޫ އެވެ.
ރޭގެ މެޗަށް ފަހު އަންޗެލޮޓީ ވަނީ ބެންޒެމާގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ. އަދި ރެއާލުން މި ފަހަރުގެ ޓްރާންސްފާގައި ކުޅުންތެރިން ނުގެނައި ކަމުގައި ވިޔަސް ހަޒާޑް ފިޓްކޮށް ހުރެފައި ސީޒަންގެ ބޮޑުބައިގައި ބޭލް ރަނގަޅު ފޯމް ދަމަހައްޓައިފިނަމަ ރެއާލުން އާ ކުޅުންތެރިން ނުހޯދުމުގެ ޝަކުވާ މަދުވާނެކަން އަންޗެލޮޓީ ފާހަގަކުރި އެވެ.
"ހަޒާޑާއި ބޭލްގެ އަސްލު ކުޅުން ދެއްކިއްޖެނަމަ ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ،" އަންޗެލޮޓީ ބުންޏެެވެ.
ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އާއި އޮސަސޫނާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މަޔޯކާ އާއި ރެއާލް ބެޓިސް ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.












