ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން 2-0 އިން އާސެނަލް ބަލިކޮށްފި އެވެ.
މިއީ އިނގިރޭސި ޕްރިމިއާ ލީގު ހުޅުވާ މެޗެއްގައި ވާދަކޮށްގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރު ހުޅުވާ މެޗުގައި ކުޅެގެން ވަނީ ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ އަދި ފުލަމް ބަލިކޮށްފަ އެވެ. އެކަމަކު، މިރޭ ބްރެންޓްފޯޑާ ވާދަކޮށް އާސެނަލްގެ އެ ރެކޯޑަށް ނިމުން އައީ އެވެ.
މީގެ ކުރިން އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން އާސެނަލް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ 1976-1977 ވަނަ އަހަރުގެ ސީޒަނުގައި ބްރިސްޓަލް ސިޓީ އަތުންނެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންޝިޕްގެ (ދެ ވަނަ ޑިވިޝަން) ޕްލޭއޮފް މެޗުން މޮޅުވެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން މިރޭ އާސެނަލް ކައިރިން މޮޅަށް ކުޅުނެވެ. މިއީ އެ ޓީމުން 74 އަހަރު ތެރޭ އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި 1992 ވަނަ އަހަރު ޕްރިމިއާ ލީގަށް ރީބްރޭންޑް ވީ ފަހުން މި ޑިވިޝަނުގައި ކުޅުނު ފުރަަތަމަ މެޗެވެ.
ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗަށް ނުކުތްއިރު އާސެނަލްގެ ދެ ފޯވާޑުން ކަމަށްވާ ޕިއޭ އެެމެރިކް އޮބާމަޔަން އާއި އަލެކްސަންޑަ ލަކަޒޭޓަށް ފިޓްނަސްގެ ކަމެއް ދިމާވެގެން ނުކުޅެވުނެވެ. މެޗުގެ ކުރީކޮޅުން ފަށައިގެން ބްރެންޓްފޯޑުން ދިޔައީ ލިބޭ ބޯޅަތަކުގައި އާސެނަލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން ބްރަޔާން އެމްބުއޭމޯ އޭރިއާތެރެއިން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ރަނގަޅަށް ކުޅެމުންދިޔަ ބްރެންޓްފޯޑުން ލީޑުނެގީ 22 ވަނަ މިނިޓްގަ އެވެ. އީތަން ޕިނޮކް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސާޖީ ކަނޯސް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ބާސެލޯނާ ޔޫތު ޓީމާއި ލިވަޕޫލަށް ކުރިން ކުޅުނު ކަނޯސް ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ލެނޯ އަށް ނުހުއްޓުވުނެވެ. ކަނޯސް އަކީ 2012 ވަނަ އަހަރު ސްވަންސީ ސިޓީ އަށް ކުޅުނު މީކޫ އަށް ފަހު ޕްރިމިއާ ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ ގޯލު ޖެހި ސްޕެއިނަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ފުރަތަމަ ހާފުގައި އާސެނަލަށް އެއްވަރުކޮށްދޭން ނިކޮލަސް ޕެޕޭ ޖެހި ޝޮޓެއް އަރިމަތިން ބޭރަށްދިޔައިރު، އެންމެ ކުރިއަށް ކުޅުނު ފޮލަރިން ބަލޮގަން އަށް ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި އާސެނަލުން ބުކާޔޯ ސަކާ ކުޅެން އަރުވައި ރަނގަޅު ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އެ ގޮތުން އޭރިއާތެރެއިން ގްރޭނިޓް ޝާކާ އަށް ލިބުނު ރަނގަޅު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ބްރެންޓްފޯޑުން ދެ ވަނަ ގޯލު ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް އެއްލި ދިގު އެއްލުމަކުން އާސެނަލް ޑިފެންޑަރުން ތެރެއިން ދިޔަ ބޯޅަ ބްރެންޓްފޯޑްގެ މެދުތެރެއަށް ކުޅޭ ކްރިސްޓިއަން ނޯގާޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އާސެނަލްގެ އަގުބޮޑު ޑިފެންޑަރު ބެން ވައިޓަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
އާސެނަލަށް ލަނޑެއް ޖަހައިދޭން ޕެޕޭ އޭރިއާތެރެއިން ފޮނުވާލި ބާރު ބޯޅަ ބްރެންޓްފޯޑްގެ ގޯލުގައި ހުރި ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް އާސެނަލުން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.












