ގައުމީ ޓީމުގެ ކޯޗު ކޫޕްމަންގެ ކޮންޓްރެކްޓް އުވާލައިފި

ކޯޗު މާޓިން ކޫޕްމަން: އެފްއޭއެމުން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި.-- ފޮޓޯ: އެފްއޭއެމް

ކޯޗު މާޓިން ކޫޕްމަން: އެފްއޭއެމުން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައި.-- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމުން ނިންމީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފަހު ގައުމީ ޓީމުގެ ކޯޗާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިގެން ދެ ފަރާތުގެ ވެސް ރުހުމުގަ އެވެ.

އެފްއޭއެމްގެ ޖެނެލަރް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ކޫޕްމަންގެ ކޮންޓްރެކްޓް އުވާލިކަން "އަދަދު" އަށް ކަށަވަރުކޮށްދީފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނިސް މި އަހަރުގެ ކުރީކޮޅުގައި ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެކަަމަކު، މިދިޔަ ޖޫން މަހު ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކަށް ފަހު އެފްއޭއެމާ އެކު ކޫޕްމަން ބޭއްވި ބައްދަލުމުވުމުގައި ދެ ފަރާތުގެ މެދުގައި ދެބަސްވުންތަކެއް ހުރުމުން ނިންމީ ކޮންޓްރެކްޓް އުވާލުމަށެވެ.

ޖޫން މަހު ސެންޓްރަަލައިޒްކޮށް ދުބާއީގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. އަދި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވިއިރު، ފަހު މެޗުގައި ވަނީ ފިލިޕީންސާ 1-1 އިން އެއްވަރުވެފަ އެވެ. ކޫޕްމަން އަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.

ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހާތަނަށް ކޯޗުގެ ކޮންޓްރެކްޓް އުވާލި ވާހަކަ މީޑިއާއާ ހިއްސާނުކޮށް އޮތް ސަބަބަކީ މި ދުވަސްވަރަކީ ތަންކޮޅެއް ފޯރީގައި ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ދައްކަމުން އަންނަ ވަގުތެއް ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުމެން މި ނިމުނު ކޮލިފައިން ކަންތައްތަކަށް ބެލުމަށް ފަހު ބައެއް ކަހަލަ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމާ އެކީ ދެން ކޯޗާ އެކު ބޭއްވުނު ބައްދަލުވުމުގައި އެއްބަސްނުވެވުނު ކަންތައްތައް ހުރުމާ އެކީ ކޮންޓްރެކްޓް ޓާމިނޭޓް ކޮށްފައިވާނީ (އުވާލާފައިވާނީ)،" ބައްސާމް ވިދާޅުވި އެވެ.

ދެ ފަރާތް (އެފްއޭއެމް އާއި ކޯޗު) ވެސް އެއްބަސްވެވިގެން ރަނގަޅު މާހައުލެއްގައި ހުރިހާ ކަމެއް ވެސް ނިމިގެން ދިޔައީ - ބައްސާމް

ކޫޕްމަން ކޯޗިންގެ ތެރެއަށް އައީ 1989 ވަނަ އަހަރު އެވެ. ރާއްޖެއާ ހަވާލުވުމުގެ ކުރިން ކޫޕްމަން ހުރީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ ޓީމުގެ ކޯޗަކަށެވެ. ދެ އަހަރު ދުވަހު އަރޫބާ އަށް ކޯޗުކޮށްދިން ކޫޕްމަން ކޯޗިންގެ މަސައްކަތް ކުރި ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ނެދަލެންޑްސްގެ ގްރޮނިންގެން އެސިސްޓަންޓް ކޯޗުކަމާއި ސައުދީ އަރަބިއްޔާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ހިމެނެ އެވެ. އަދި އޭނާ ވަނީ ޗައިނާގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އަށް ވެސް ކޯޗު ކޮށްދީފަ އެވެ.

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޫޕްމަން ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އެފްއޭއެމް

ގައުމީ ކޯޗަކަަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓާ ސެގާޓް ވަކިކޮށްފަ އެވެ. ސެގާޓް ވަކިކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ.

ކޫޕްމަން އަކީ މިދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސް ވަނަ ކޯޗެވެ. ކޫޕްމަން އާއި ސެގާޓްގެ އިތުރުން ދެން ގައުމީ ޓީމަށް އެ މުއްދަތުގެ ތެރޭގައި އިރުޝާދުދިނީ ވެލީޒާ ޕޮޕޯފް، ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓް އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ކޯޗެެއް ހުރުމުގެ ފުރުސަތު އެބައޮތް

މިދިޔަ އަހަރުތަކުގައި ދެކެވުނު އެއް ވާހަކަ އަކީ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ދިވެހި ކޯޗެއް ހުރުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި ފާހަގަކޮށެވެ. މި މައުލޫއަށް ފުޓްބޯޅައިގެ ވާހަކަ ދައްކާ އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތް ގޮތްގޮތަށް ބަހުސް ކުރެވުނެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު ހާއްސަ ހާލަތްތަކެއްގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ދިވެހި ކޯޗެއް ނަގާފައިވެސް ވެ އެވެ. އެއީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރިއިރު، އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. އިންމަގެ ކޯޗުކަމުގައި ގައުމީ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ކުޅެފަ އެވެ.

ބައްސާމް ވިދާޅުވީ އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ދިވެހި ކޯޗެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕަށް ދާއިރުގައި ފަހަރުގައި ހުސް ދިވެހިން މުޅި ޓީމުގައި އޮތުމަކީ އެކަށީގެންވާ ކަމެެއް. ރާއްޖޭގެ މުޅި ޓީމު ހުސް ދިވެހިން ތަމްސީލްކުރާ ޓީމަކަށް ވެގެންދިއުމަކީ އެކަށީގެންވާ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

ދިވެހި ކޯޗުންނަށް ބަލާއިރު ގައުމީ ޓީމު ލީޑުކުރެވޭނެ ފެންވަރުގެ ކޯޗުން ހުރި ކަމަށް ބައްސާމް ވަނީ ފާހަަގަކުރައްވައިފަ އެވެ.

ކޫޕްމަން ގައުމީ ޓީމުގައި މަސައްކަތްކުރިއިރު އޭނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސައިފަ އެވެ. އެއީ ކުރިއަށް އޮތް އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށެވެ. އާންމު ގޮތެއްގައި ފަހަކަށް އައިސް ރާއްޖޭގެ 23 އަަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެނީ ސީނިއާ ޓީމު ވެސް ކޯޗެެވެ. ސުޒޭނާ 23 އަހަރުން ދަށުގެ ޓީމު ހަވާލުކުރީ ކޫޕްމަންގެ ކޮންޓްރެކްޓް އުވާލާން ނިންމާފައިވުމުންނެވެ.

ތޭވީސް އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ވެލެންސިއާގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމާއި ވެލެންސިއާ އާއި ވީބީގެ ކުރީގެ ކޯޗު އަދި 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމުގެ ވެސް ކޯޗަކަށް މަސައްކަތްކުރި މުހައްމަދު ޝާހިދު (ޝާޑު) އެވެ.

ދުރާލާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ވީ އެންމެ އަވަހަށް ގައުމީ ޓީމަށް ކޯޗެއް ހަަމަޖެއްސުން މުހިއްމެވެ. އެފްއޭއެމްގެ ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން 30 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމުގެ އިތުރުން ރަނގަޅު މެޗުތަކެއް ކުޅުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox