މެންޗެސްޓާ (އޮގަސްޓް 12) - މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ފޯކަސް މި ހުރީ ޔުނައިޓެޑާ އެކު ކުރިއަށް ދިއުމަށް ކަމަށް ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު އެވެ. ޔުނައިޓެޑުން ވަނީ އޭރު ޑެހެއާ ގަންނަން އެތުލެޓިކޯ އަށް 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) ދީފަ އެވެ.
ޑެހެއާ ޔުނައިޓެޑް ދޫކޮށްލުމާ އެންމެ ގާތަށް ދިޔައީ 2015 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ޑެހެއާ އަށް ރެއާލް މެޑްރިޑަށް ސޮއިނުކުރެވުނީ ޔުނައިޓެޑުން ފަހު ވަގުތު ރެއާލަށް ބޭނުންވާ ލިޔެކިޔުންތައް ފެކްސް ނުކުރުމުންނެވެ. އޭގެ ފަހުން ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަށް ޔުނައިޓެޑާއި ޑެހެއާގެ ގުޅުން ހީނަރުވި އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑުން އިނގިރޭސި ކީޕަރު ޑީން ހެންޑަަސަން މަޑުކުރުވުމުން ޑެހެއާ އަށް ޔުނައިޓެޑްގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ގެއްލޭނެ ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު، މުޅި ސީޒަނަށް ބަލާއިރު ހެންޑަސަން އަށް ވުރެ ގިނަ މެޗު ޑެހެއާ ވަނީ ކުޅެފަ އެވެ. ޑެެހެއާ 36 މެޗު ކުޅުނުއިރު، ހެންޑަސަން ކުޅުނީ 26 މެޗެެވެ.
އާ ސީޒަނަށް އެންމެ ފުރަތަމަ ޔުނައިޓެޑްގެ ޕްރީ ސީޒަނަށް ނުކުތް ކުޅުންތެރިންގެ ތެރޭގައި ޑެހެއާ ހިމެނެ އެވެ. އެއީ މި ފަހަރުގެ ޔޫރޯގައި ވާދަކުރި ސްޕެއިން ސްކޮޑުގައި ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު ޑެހެއާ އަށް ނުލިބޭތީ އެވެ.
"އަހަރެންގެ ނަޒަރުގައި މި ކްލަބް (ޔުނައިޓެޑް)ގައި އަހަރެން 10 އަހަރު ވިޔަސް އަދި ވެސް ގިނަ އަހަރުތަކެއް ވަންދެން މި ޓީމަށް ކުޅެވޭނެ. އަހަރެންގެ ފޯކަސް އަކީ މި ކްލަބްގައި ހުރެ އިތުރު ކަންތައްތަކެއް ހާސިލްކުރުން،" މެންޗެސްޓާ ޔުނައިޓެޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޑެހެއާ ބުންޏެވެ.

ޕްރީ ސީޒަން މެޗެއްގެ ތެެރެއިން ޑެހެއާ އާއި ޝޯ ބައްދާލައިގެން.-- ފޮޓޯ: އޭއެފްޕީ
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ގޯލްކީޕަރެއް ގެނެސްފަ އެވެ. އެއީ ބާންލީ އަށް ކުޅެމުން އައި ޓޮމް ހީޓަން އެވެ. ހީޓަން އަކީ ކުރިން ޔުނައިޓެޑަށް ވެސް ކުޅުނު ކީޕަރެކެވެ.
ޑެހެއާ ބުނީ ގޯލްކީޕަރުން އިތުރު ވިޔަސް އޭގެ އޮތީ ޕޮޒިޓިވް ވިސްނުމެއް ކަމަށެވެ. އެއީ މަގާމުގެ ވާދަވެރިކަން ބޮޑުވުމަކީ އޭގެ ފައިދާ މުޅި ޓީމަށް ކުރާނެ ކަމެއްގެ ގޮތުގައި ޑެހެއާ ވަނީ ބުނެފަ އެވެ.
"އޭނަ (ހީޓަން)ގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްކުރަން ފުރުސަތު ލިބޭނެ. މަގާމުގެ ވާދަވެރިކަން އޮތުމަކީ ޕާސަނަލީ (އަމިއްލަ ނަފްސަށް) ވެސް އަދި ޓީމަށް ވެސް ރަނގަޅު ކަމެއް،" ޑެހެއާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ޔުނައިޓެޑް ބަލިވީ ވިޔަރެއާލް ކޮޅަށް ޑެހެއާ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ޔުނައިޓެޑުން ޕްރީ ސީޒަނުގައި ކުޅުނު މެޗުތަކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ޑެހެއާ ވަނީ ރަނގަޅަށް ހިފައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި ލީޑްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ ޑެހެއާ އަށް ވުމުގެ ފުރުސަތު ބޮޑެވެ.












