ސާފް ޗެމްޕިއަންޝިޕަށް ދެ ދަނޑު، ރާއްޖޭގެ ބިޑްގައި ސަރުކާރު ބޮޑު ދައުރެއް

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު: މި ދަނޑު ވަނީ ސާފް ޗެމްޕިއަންޝިޕް އަށް ދެ ވަނަ ދަނޑެއްގެ ގޮތުގައި ހިމަނާފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު: މި ދަނޑު ވަނީ ސާފް ޗެމްޕިއަންޝިޕް އަށް ދެ ވަނަ ދަނޑެއްގެ ގޮތުގައި ހިމަނާފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ބިޑް ހުށަހެޅިއިރު، އެފްއޭއެމުން ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ޓްރެކްގައި އޮތް ދަނޑު ވެސް ހިމެނި އެވެ. އެއީ ރާއްޖެ އަށް ސާފްގެ ބިޑް ކާމިޔާބުވުމުގައި ސަރުކާރުގެ ދައުރު ބޮޑުވުމުގެ އިތުރުން ސަރުކާރުގެ އެހީގައި އެ ދެ ދަނޑުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ނިންމޭނެ ކަމުގެ އުއްމީދު ބޮޑުވުމުންނެވެ.

ޕީއެސްއެމްގެ "ކުޅިފަސް" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑްކުރާއިރު އެއް ވެނިއު އަށް ވުރެ އިތުރުވުން މުހިއްމު ކަމަށާއި އެހެންވެ، އެފްއޭއެމްގެ ބިޑްގައި ވެސް އެ ގޮތަށް ހިމަނާފައިވާނެ ކަމަށެވެ.

"ޕްރޮޮޕޯސްކޮށްފައި ގަލޮޅު ދަނޑަކީ އެއް ވެނިއު (ދަނޑު). އޭގެ އިތުރުން ހުޅުމާލޭގައި ޓްރެކް ހަދާފައި އިން ދަނޑު އެ އަށް ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަކުރަން. އެ ދަނޑު ވެސް ކުޅެވޭ ހާލަތުގައި ބާއްވަން. އޭގެ އިތުރުން ގަލޮޅު ދަނޑުގައި ވެސް އެބަހުރި ސްޓްރަކްޗަރަލް މަަސައްކަތް. ސަޕޯޓަރުން ވެއްދުން ވެސް. މި ވަގުތު އޭއެފްސީ ކަޕް (މާލޭގައި މި މަހު ކުޅޭ ދެކުނު އޭޝިއާގެ މެޗުތަކަށް) ގައެއް ނެތް ހުއްދައެއް ސަޕޯޓަރުން ވައްދާކަށް. އެހެން ނަމަވެސް އުއްމީދަކީ (ސާފް ޗެމްޕިއަންޝިޕަށް) ސަޕޯޓަރުންނަށް ދަނޑަށް ވަދެވުން،" ޖަވާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު މާޗް މަހުގައި ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އާއި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގަ އެވެ. އެކަމަކު، މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އަދި ރަސްމީކޮށް ފެށޭ ގޮތެއް ނުވެ އެވެ.

އެ ދެ ފަޅި ބަންދުކޮށްފައި އޮއްވައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ވަނީ 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސް އަދި ގުއާމާ ދެކޮޅަށް ކުޅެފަ އެވެ. އަނެއްކާ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ވެސް އެ ދެ ފަޅި ބަންދުކޮށްފައި އޮވެ، ކުޅުން އެއީ ސަޕޯޓަރުންނަށް ލިބޭނެ ދެރައެކެވެ. އެ ކަން އެގޮތަށް ވިޔަނުދޭން އެފްއޭއެމާއި ޔޫތު މިިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް އެސެމްބްލީއެއްގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް.--

"މިނިސްޓްރީއާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. ސަޕޯޓަރުން ވަދެވޭގޮތަށް ސިޑިބަރިތައް ބޭނުންކުރެވޭނެ ހާލަތަށް ގެނައުމުގެ މަސައްކަތް އެއީ. އެ ޔަގީންކަން އަޅުގަނޑު ހުރިހާ ސަޕޯޓަރުންނަށް ދެން،" ޖަވާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އޮތް ދަނޑުގެ ވިނަގަނޑު ތަރައްގީކޮށްގެން އެ ތަނުގައި މެޗުތައް ކުޅެން ވިސްނައިފަ އެވެ. އެކަމަކު، އޭރު އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ކުރެވޭ ގޮތެއް ނުވި އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ދެ ދަނޑުގެ ވިނަގަނޑު ރަނގަޅު ކުރެވިއްޖެނަމަ އެއީ ލިބޭނެ އިތުރު ސްޓޭޑިއަމެކެވެ. ލޯކަލް މުބާރާތްތައް އެ ދަނޑެއްގައި ކުޅެން ޖެހޭތީ އޮތް ބޮލުގެ ރިހުމަށް ލިބޭނެ ލުޔެކެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޫބަރު 1-15 އަށް މާލޭގަ އެވެ.

ސާފްގެ ބިޑް ކާމިޔާބު ކުރުމުގައި ސަރުކާރުގެ ދައުރު ބޮޑު

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ވެސް ރާއްޖޭން ޝައުގުވެރިވި އެވެ. އެކަމަކު، ރާއްޖެ އަށް މާ ބޮޑު ކަމެއް ހާސިލްނުކުރެވި ނުކުރެވި އެ ފުރުސަތު ގެއްލުނީ އެވެ. އޭގެ ފަހުން މި ފަަހަރުގެ ސާފް އެންމެ ފުރަތަމަ ހޯސްޓް ކުރުމުގެ ފުރުސަތު ލިބިފައި އޮތް ޕާކިސްތާނަށް އެކަން ނުކުރެވި ބަންގްލަދޭޝްގައި އެ މުބާރާތް މިދިޔަ އަހަރު ބާއްވަން ނިންމީ އެ ގައުމުގެ މިނިވަންކަމާ ގުޅުންހުރި ހާއްސަ މުނާސަބަތަކާ ގުޅުވައިގެންނެވެ. މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ބަންގްލަދޭޝްގައި އެ މުބާރާތް ނުބޭއްވި މި އަހަރަށް ޖެހުނީ ފަސްކުރާށެވެ.

ޖަވާ ވިދާޅުވީ ބަންގްލަދޭޝްގައި މި އަހަރު މުބާރާތް ނުބޭއްވުނު ކަމުގައި ވިޔަސް މުބާރާތް ކެންސަލްކުރަން އެއްވެސް ގައުމަކުން ބޭނުން ނުވި އެވެ. އެހެންވެ، ސާފް އިން ނިންމީ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ބިޑަށް ހުޅުވާލާށެވެ. އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ އިންޑިއާ އާއި ރާއްޖެ އަދި ނޭޕާލުންނެވެ. ރަސްމީކޮށް ނޭޕާލާއި ރާއްޖޭން ބިޑް ހުށަހެޅިއިރު، އިންޑިއާ އިން ފަހު ވަގުތު ރާއްޖެ އަށް ސަޕޯޓް ކުރަން ނިންމީ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން ދެ ކެޕްޓަނުން: 2008 ވަނަ އަހަރުގެ ކެޕްޓަން އައްސަދު (ކ) އާއި އޭނާގެ ކޮއްކޮ އަކްރަމް (ވ).-- ފޮޓޯ: އެފްއޭއެމް

ޖަވާ ވިދާޅުވީ މި ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުވުމަކީ ބިޑް ކާމިޔާބުވުމުގެ މުހިއްމު ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ (ކޮވިޑް) ހާލަތު ރަނގަޅު ކަމުން ސަރަހައްދުގެ ހުރިހާ ގައުމުތަކުން ވިސްނާ އެކަމަށް. މި ވެގެން މިދިޔައީ މި ބިޑް ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް. އޭގެ އިތުރުން ސަރުކާރުގެ ފުލް ސަޕޯޓާ އެކު މުބާރާތް ދާތީ ވެސް ގައުމުތަކުން ރާއްޖޭގެ ބިޑް ކާމިޔާބުވުމުގައި މުހިއްމު ރޯލެއް ކުޅުނު،" ޖަވާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އިންޑިއާ އާއި ލަންކާ އަޅުގަނޑުމެންގެ ބިޑަށް ވޯޓުދީފައި. އެންމެ ފަހުން ނޭޕާލް ވެސް ރާއްޖެ އަށް ވޯޓު ދީ ހުރިހާ ގައުމެއްގެ ތާއީދާ އެކު މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ،"

ބިޑް ކާމިޔާބުވުމުގައި ދެން އެންމެ ބޮޑު ބާރަކަށްވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ރާއްޖޭން ތިން ފަހަރެއްގެ މަތިން ބިޑް ކާމިޔާބުކުރިއިރު، އެކި ކަންކަން ކުރިއަށް ގެންދަން ހަދާފައިވާ ގައިޑްލައިންތައް ފުރިހަމަވުން ކަމަށެވެ.

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. މި ފަހަރު ވެސް ސާފް ބާއްވަން އެންމެ ފުރަތަމަ ރާއްޖޭން ބިޑް ކުރަން މަޝްވަރާކުރީ ލަންކާއާ ގުޅިގެންނެވެ. އެކަމަކު، ފަހުން ނިންމީ ރާއްޖޭން އެކަނި ސާފް ބޭއްވުމަށެވެ.

ޖަވާ ވިދާޅުވީ ލަންކާގެ ފުޓްބޯލް ފެޑެރޭޝަނަކީ އަަބަދު ވެސް ރާއްޖެއާ ވަރަށް ގާތްކޮށް މަސައްކަތްކުރާ ބައެއް ކަމަށެެވެ. އެހެންވެ، އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑްކުރީ ލަންކާއާ ގުޅިގެން ކަމަށާއި އެކަމަކު ފަހުން ސާފް އިން ޕާކިސްތާން ސަސްޕެންޑްވެފައި އޮތުމާއި ބޫޓާންގެ ހާލަތު ކަށަވަރުނުވާތީ ޓީމުތައް މަދުކޮށް މުބާރާތް ކުރިއަށްގެންދަން ޖެހިދާނެ ކަމަށް އެންގުމުން ރާއްޖޭން އެކަނި ބިޑް ކުރަން ނިންމީ ކަމަށް ޖަވާ ވިދާޅުވި އެވެ.

"ދެން އެހެންވެ ދެ ފަރާތުން (ރާއްޖެ އާއި ލަންކާ އިން) މަޝްވަރާކޮށްފައި ނިންމީ ރާއްޖޭގައި މުބާރާތް ބާއްވަން. ސަބަބަކަށް މި ވަނީ ރާއްޖޭގައި އެކަނި މުބާރާތް ބޭއްވިފައި ނުވުން. ލަންކާގެ ބޮޑު ސަޕޯޓަކާ އެކީ އެކަނި ބިޑް ކޮށްގެން މި ކާމިޔާބުކުރީ،" ޖަވާ ވިދާޅުވި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޔަގީނުން ވެސް ޕާކިސްތާނަށް ނުކުޅެވޭނެ އެވެ. އެއީ އެ ގައުމު މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެވެ. ބޫޓާނުން މީގެ ކުރިން މުބާރާތުގައި ނުކުޅެވޭނެކަމަށް އަންގާފައިވީ ނަމަވެސް މުބާރާތް ރާއްޖޭގައި ހޯސްޓްކުރާނަަމަ ބޫޓާން ވެސް ކުޅުމުގެ ފުރުސަތު ބޮޑެެވެ. ބޫޓާނުން މިއަދުގެ ސާފް ބައްދަލުވުުގައި އަންގާފައިވަނީ މުބާރާތުގައި ބައިވެރިވުވާ މެދު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

މި ވަގުތު ސާފްގައި ބައިވެރިވާނެކަން އިއުލާނު ކޮށްފައިވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ފަސް ޓީމުގެ މެދުގައި ކުޅޭނަމަ ފުރަތަމަ އޮންނާނީ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ މަތިން ނިންމާ ދެ ގައުމެއް ފައިނަލްގައި ކުޅޭގޮތަށެވެ. ބޫޓާން ވާދަކުރާނަމަ މުބާރާތް ބާއްވާނީ ހަ ޓީމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ.

ޖަވާ ވިދާޅުވީ މީގެ ކުރިން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އެ ފެނުނު ކަންތައްތަކަކީ މި ފަހަރުގެ މުބާރާތަށް ފަހު ވެސް ފެންނަން އެދޭ މަންޒަރުތައް ކަމަށެެވެ. އެހެންވެ، މި ފަހަރުގެ މުބާރާތަށް ވެސް ގައުމީ ޓީމަށް ތަށި ދިފާއުކުރެވޭ ވަރަށް ތައްޔާރުވުން މުހިއްމު ކަން ޖަވާ ފާހަގަކުރެއްވި އެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ބިޑް ކާމިޔާބުކުރީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ޖަވާ ވިދާޅުވީ އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބިޑް ކާމިޔާބުކުރީ ވަރަށް ބައިވަރު ޗެލެންޖް ހުންނާނެކަން އެނގިހުރެ ކަމަށާއި ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ވެސް މިކަން ކުރަން ބޭނުންވީ ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭން ބޭނުންވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox