ލަންޑަން (އޮގަސްޓް 10) - އަންނަ ހުކުރު ދުވަހުގެެރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގެ މެޗުތައް ފަށާއިރު މެޗުތަށް ބަލަށްދާ ސަޕޯޓަރުންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓްކުރަން ރޭންޑަމް ސާމްޕަލް ނަގާނެ ކަމަށް ލީގުގެ ބޯޑުން ކްލަބްތަކަށް އަންގައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް އެންގި އެންގުމުގައިވާ ގޮތުން މެޗުތަކަށް ދަނޑަށް ވަންނަ ސަޕޯޓަރުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތެއްކަން ކަށަވަރު ނުވާނަމަ 48 ގަޑިއިރު ހަމަނުވާ ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް އޮތްކަން ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ އެޕްލިކޭޝަން ނޫނީ ވެބްސައިޓް ލިންކެއް މެދުވެރިކޮށް ދަނޑުގެ ހެލްތު ޕްރޮޓޮކޯލް އޮފިސަރުންނަށް ކަށަވަރު ކޮށްދޭން ޖެހޭނެ އެވެ.
"މީގެ އިތުރުން ވެސް ސަޕޯޓަރުން ލީގުގެ ފުރަތަމަ ކޮޅުގައި ތައްޔާރުވެ ތިބެން ޖެހޭނެ އެއް ކަމަކީ ދަނޑުތަކުގައި ރޭންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެތީ. އެހެންވީމަ އެއީ ސަޕޯޓަރުންނަށް ލިބިފައި އޮތުން މުހިއްމު މައުލޫމާތެއް،" ޕްރިމިއާ ލީގުން ކްލަބްތަކަށް ފޮނުވި ލިޔުމުގައިވެ އެވެ.
ޕްރިމިއާ ލީގަކީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ތެރެއިން ދަނޑު ތެރޭގައި ރޭންޑަމް ސާމްޕަލް ނަގާ ގޮތަށް ހަމަޖެއްސި ފުރަތަމަ ލީގެެވެ.
މީގެ އިތުރުން ދަނޑަށް ސަޕޯޓަރުން ވަންނައިރު ގަވާއިދުން ކޮންމެ މީހެއްގެ ފިނި ހޫނުމިން ބެލުމުގެ އިތުރުން ސްޓޭޑިއަމްގެ އިންޑޯ ބައިގައި އުޅޭއިރު، މާސްކް އެޅުން ފަދަ ކަންކަމަށް ސަޕޯޓަރުން ސަމާލުވާން ޕްރިމިއާ ލީގުން ވަނީ އަންގައިފަ އެވެ.
ޕްރިމިއާ ލީގުގެ މެޗުތަކަށް ސަޕޯޓަރުން ވަންދަން ހުއްދަ އޮތް ކަމުގައި ވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމުން އެއްކޮށް އަދި އަރައިގަނެވިފައިނުވާތީ ސަޕޯޓަރުން ވީހާވެސް ބޮޑަށް އެންއެޗްއެސް އިން އަންގާފައިވާ އެންގުންތަކަށް ބޯލަނބަށް ކްލަބްތަކުން އަންނަނީ ސަޕޯޓަރުންނަށް އަންގަމުންނެވެ.
އެ ގޮތުން ސީޒަން ޓިކެޓް ނަގާ ކޮންމެ ސަޕޯޓަރަކު ހަފްތާއަކު އެއް ފަހަރު ނެގެޓިވް ޕީސީއާރް ޓެސްޓެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ކްލަބަށް ފޮނުވާން ވެސް ބައެއް ޓީމުތަކުން ވަނީ ސަޕޯޓަރުންނަށް އަންގައިފަ އެވެ. އިނގިރޭސިވިލާތަކީ ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް ބަލާއިރު އެންމެ ބޮޑަށް ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެން ލުއިދީފައިވާ ގައުމެވެ.
އިނގިރޭސި ސަރުކާރުން މިދިޔަ މަހު 19 ވަނަ ދުވަހު ދިން ލުއިތަކުގެ ތެރޭގައި އައުޓްޑޯ ކުޅިވަރުތައް ކުޅޭ ސްޓޭޑިއަމްތަކުގެ ޖާގައަށް ވާ ވަރަށް ސަޕޯޓަރުން ވައްދަން ވަނީ ހުއްދަދީފަ އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނީ ހުކުރު ދުވަހުގެރޭ އާސެނަލާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗުންނެވެ.












