ދޮޅު އަހަރު ދަރިވަރުން ހޭދަކުރީ ބަންދު މާހައުލެއްގަ އެވެ. އުނދަގޫތަކާ އެކު އެ ކުދިން ކިޔެވީ ޓީޗަރުންނާ ދުރުގައި ތިބެ އޮންލައިންކޮށެވެ. އެކީގައި ކިޔަވާ ކުދިންނާ އޮތް ރަހުމަތްތެރި ކަމުގެ ގުޅުން ދުރުވި އެވެ. ކޮވިޑުން ގެނުވި މި ހިތްދަތި އިހްސާސްތަކަށް ފަހު ކުދިންނާއި ޓީޗަރުންގެ މޫނު މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަމަ ލޮލަށް މިއަދު ފެނުނީ އަދާޔާހިލާފު އުފާވެރި ކަމެކެވެ.
ގައިދުރުކަން ބަހައްޓައިގެން މާސްކް ނެގުމުގެ ހުއްދަ 35 މިނެޓަށް ދަރިވަރުންނަށް ދިނެވެ. އެ ވަގުތުކޮޅުން ހިތަށް ވެރިވި އިހްސާސް ކިޔައިދެއްވާކަށް އިއްޒުއްދީންގެ ލީޑިން ޓީޗަރު ފާތިމަތު ޝިނާޒަށް ފަސޭހައެއް ނޫނެވެ.
"ވަރަށް އުފާވެރި މަންޒަރެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ދޮޅު އަހަރު އޭނާއަށް ވެސް ހޭދަކުރަން ޖެހުނީ އޮންލައިންކޮށް ކުދިންނާ ދުރުގަ އެވެ. އެކަމަކު އެ ދުވަސްތައް ނިމި މިއަދަކީ ގިނަ ޓީޗަރުންނާއި ޕްރިންސިޕަލުން ވިދާޅުވާ ގޮތުގައި، ދުޅަހެޔޮ ފެށުމެކެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ މުޅި ރާއްޖޭގައި ޖުމްލަ 92936 ކުދިންނާ އެކުގަ އެވެ.

މިދިޔަ އަހަރު ކިޔަވައިދޭން ޖެހުނީ އޮންލައިންކޮށް ޓެބްލެޓް ބޭނުން ކޮށްގެންނާއި ޓެލެކިލާސް މެދުވެރިކޮށެވެ. ކޮވިޑް ކޭސްތައް މަދުވެ ނިއު ނޯމަލްގައި ދެ ހަފްތާއަށޤ ސްކޫލުތައް ވެސް ހުޅުވި އެވެ. ނަމަވެސް ކޭސްތައް އިތުރުވެ އަނެއްކާވެސް ބަންދުކުރަން މަޖުބޫރުވީ އެވެ.

ސްކޫލްތަކުގެ ކިޔެވުން މިއަދު އަލުން ފެށީ ވަރަށް ވަރުގަދަ ފިޔަވަޅުތަކަކާ އެކުގަ އެވެ. ހުރިހާ ސްކޫލެއްގައި ވެސް ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވައި ލައްވައިފައިވާ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިންތިޒާމު ކޮށްފަ އެވެ.
- ވެކްސިން ކާޑު ދެއްކުން.
- ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލަށް ވަންނައިރު މާސްކު އެޅުން.
- ޓެމްޕްރޭޗާ ޗެކް ކުރުން.
- ދަރިވުންނާއި މުވައްޒަފުންގެ އަތް ދޮވުމާއި ގައިދުރުކަމަށް އިސްކަން ދިނުމަށް ފާހަގަތައް ޖަހައި އަމަލުކުރުން.
މީގެ ކުރިން ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިން ހާލަތްތަކުގައި ވެސް އިޖުތިމާއީ ގައިދުރުކަމާ އެކު ކޮންމެ ކްލާހެއްގައި ތިންފޫޓު ދުރުމިނާ އެކު ތިބީ 16 ކުދިންނެވެ.
ނަމަވެސް މިފަހަރު ސްކޫލުތައް ހުޅުވި އިރު ތަފާތުވި ކަމަކީ ކުރިން ކްލާސްތަކުގައި ކުދިން ތިބި އަދަދަށް ތިބުމެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްނީން ވާފިރު ވިދާޅުވީ ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ސަބަބަކީ އޮންލައިންކޮށް ކިޔަވައިދިނުމާއި ސްކޫލަށް ގެނެސްގެން ދަރިވަރުންނަށް ކިޔަވައިދިނުމަކީ ވަރަށް ތަފާތު ދެކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރިވަރުންގެ މޫނުމަތިން ފެންނަން ޖެހޭ އެއްވެސް އިހުސާސެއް ނުފެނޭ މާސްކު އަޅައިގެން ހުންނާތީ. އެ ނިވާފަތްގަނޑު ދަށުގަ ނުވެސް ފެންނާނެ. ނަމަވެސް ކުދިން ފެނިގެން ދިޔައީ ވަރަށް މަޑުމައިތިރި ކަންމަތީ ތިބި ތަން،" ނާޒްނީން ވިދާޅުވި އެވެ.
އަތޮޅު ތެރެއިން ވާހަކަ ދައްކާލި ބައެއް ސްކޫލުތަކުގެ ޓީޗަރުން ފާހަގަ ކުރި ގޮތުގައި މިއަދު ފެށި އާ އަހަރާއެކު ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެވެ. ސަބަބަކީ ދަރިވަރުންގެ ހުދު ޔުނީފޯމު ނުފެނުމަކީ ރަށަށް ލިބޭ ފަޅުކަމަކަށް ވާތީ އެވެ.
އަސްލު ވަރަށް އުފާވޭ އަލުން ކިޔަވައިދޭން ފެށުނީމަ. ކުދިންވެސް ބޭނުންވަނީ ސްކޫލަށް ގޮސް ކިޔަވަން. ގޭގައި އޮންލައިންކޮށް ކިޔަވައިގެން ފިލާވަޅު ހަދަން އުނދަގޫ ކަމަށް ވަރަށް ގިނަ ކުދިން ބުނޭ. އެކަމަށް ނިމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އާ އަހަރާއެކު މި އައީ." އަތޮޅު ތެރޭގެ ރަށެއްގައި ކިޔަވައިދޭ ޓީޗަރަކު ވިދާޅުވި އެވެ.
މިއަދު ސްކޫލުތައް ހުޅުވާ ކިޔަވައިދޭން ފެށިއިރު ތައުލީމީ ދާއިރާގެ އެންމެން ވެކްސިން ޖަހަން އޮތީ މަޖުބޫރުކޮށްފަ އެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މިނިސްޓްރީން ނިންމާފައި އޮތީ, ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ނުވައްދާ ގޮތަށެވެ.
ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ވެސް ބޮޑެތި ބަދަލުތަކެއް މިދިޔަ އަހަރު ގެންނަން ޖެހުނެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު މިދިޔަ އަހަރުގެ ފަހުކޮޅަށް ނުނިންމައި، މި އަހަރުގެ ޖޫންއާ ހިސާބަށް އިތުރުކުރުމެވެ. އެއާއެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ހަމަޖެއްސުމެވެ.













