މިލާން (އޮގަސްޓް 5) - ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސިއްހީ ހާލަތު ދެނެގަންނަން ހަދާ ޓެސްޓްތަކަށް ފަހު ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް އިންޓަ މިލާން ޓީމުން އޭނާ އަށް ޖާގަދޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ތެރެއިން އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ. އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ.
ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީގެ އިސް އޮފިޝަލް ފްރަންސެސްކޯ ބްރަކޮނާރޯ ބުނީ އައިސީޑީ ލައްވައިގެން ހުރެ, އެރިކްސަން އަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށެވެ. އެރިކްސަން އިއްޔެ ވަނީ އިންޓަގެ ޓްރެއިނިން ސެންޓަރަށް ގޮސް ކްލަބްގެ މީހުންނާ ބައްދަލުކޮށްފަ އެވެ. އެރިކްސަން އިންޓަގެ ޓްރެެއިނިން ސެންޓަރަށް ގެނައީ އޭނާގެ މެޑިކަލް ޓެސްޓްތަކެއް ހެދުމަށެވެ.
އިންޓަ ޓީމުން އެރިކްސަން އަށް ހާއްސަ މަރުހަބާއެއް ކިޔައި އޭނާ އަށް ވަނީ ކުރިއަށް އޮތް ސީޒަނުގެ ޖޯޒީއެއް ވެސް ހަވާލުކޮށްފަ އެވެ. އެރިކްސަންއާ ބެހޭގޮތުން އިންޓަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ފިޒިކަލީ އަދި މެންޓަލީ" އެރިކްސަން ހުރީ ރަނގަޅަށް ކަމަށެވެ.

އެރިކްސަން ކުރިއަށް އޮތް ސީޒަނުގައި އިންޓަ އިން ބޭނުންކުރާ ޖޯޒީ ދައްލާނީ.-- ފޮޓޯ: އިންޓަ މިލާން
ޑެންމާކްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އިންޓަގެ އޮފިޝަަލަކު ބުނީ ޓެސްޓްތައް ހެދުމަށް ފަހު އެރިކްސަން އަށް އިންޓަ އިން ދެވެން އޮތް ކޮންމެ ފުރުސަތެއް ވެސް ކްލަބުން ފޯރުކޮށްދޭނެ ކަމަށެވެ.
އިންޓަ އިން ކުރިއަށް އޮތް ދުވަސްތަކުގައި އެރިކްސަންގެ ޓެސްޓްތައް ހަދާއިރު ބަލާނީ އޭނާ އަށް އައިސީޑީ ނުލައްވައި ކުޅެވޭނެތޯ އެވެ. އެ ޓެސްޓްތަކުން އެރިކްސަން ފާސްވެއްޖެނަމަ އޭނާ ހަ މަސް ދުވަސް ވަންދެން އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ. އެ ހުރިހާ ކަންކަމެއް ކުރިއަށްގެންދާނީ ޑެންމާކްގެ ހާއްސަ ޑޮކްޓަރުގެ ޓީމެއް މެދުވެރިކޮށެވެ. އެ ހުރިހާ ކަމެއް އިންޓަގެ މެޑިކަލް ޓީމުން ވެސް ގަވާއިދުން ދިރާސާ ކުރާނެ އެވެ. ގަވާއިދުން ހެދޭ އެރިކްސަންގެ ޓެސްޓްތައް ރަނގަޅުނަމަ އަށް މަހެއްހާ ދުވަސް ތެރޭ އޭނާ އަށް އަލުން ކުޅުމަށް އެނބުރި އާދެވޭނެ އެވެ.
އެކަމަކު، ކުރިއަށް އޮތް މަސްތަކުގައި ހަދާ ޓެސްޓްތަކުގެ ނަތީޖާ އިން އެރިކްސަންގެ ހާލަތު ރަނގަޅު ނޫންކަމަށް ދައްކައިފިނަމަ، އަދި އައިސީޑީ ނުލައްވައި އެރިކްސަން އަށް ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެފިނަމަ އިންޓަ އިން އެރިކްސަން ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެނަމަ އެރިކްސަން ޖެހޭނީ އެހެން ކްލަަބަކަށް ބަދަލުވާށެވެ.
ޔޫރަޕްގެ މަޝްހޫރު ލީގުތަކަށް ބަލާއިރު އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދެނީ މަދު ލީގުތަކަކުންނެވެ. އެ ގޮތުން އައިސީޑީއާ އެކު އެންމެ މަތީ ލެވަލްގައި ކުޅެން ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް ވެސް ކުޅެމުން އަންނަނީ ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ބްލިންޑާ އެކު ކުރިން އަޔަކްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
އިންޓަގެ އެދުމަކީ އެރިކްސަން އަލުން އެ ޓީމުގެ ޖޯޒީގައި ފެނުމެވެ. މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، އެރިކްސަން ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.












