ޖަވާބުދާރީވެވަޑައިނުގެން ޔާމީން ހުންނެވީ ހަނު: މަރު ކޮމިޝަން

މަރު ކޮމިޝަނުން ނިކުމެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން އެމަނިކުފާނުގެ ވަކީލުންނާ ވާހަކަ ދައްކަވަނީ: ކޮމިޝަނުން ބުނީ ތަހުގީގުގައި ހުންނެވީ ހަނު ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

މަރު ކޮމިޝަނުން ނިކުމެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން އެމަނިކުފާނުގެ ވަކީލުންނާ ވާހަކަ ދައްކަވަނީ: ކޮމިޝަނުން ބުނީ ތަހުގީގުގައި ހުންނެވީ ހަނު ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލާފައިވާ މައްސަލައިގައި މިއަދު މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ޖަވާބެއް ނުދެއްވައި ހުންނެވީ ހަނު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮމިޝަނުން މިހެން ބުނެފައިމިވަނީ އެ ކޮމިޝަނުން ޔާމީންގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު އިންކާރު ކުރައްވާފައިވާ ކަމަށް ވަކީލުން ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.

Advertisement

ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސްގެ ވިރާސީ ބާރުން އުފައްދަވާފައިވާ ކޮމިޝަނަށް ޔާމިން ހާޒިރުކުުރީ "އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް" ހުރުމުން ކަމަށެވެ.

"ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރެވުނީ އެ މަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން،" މިސްބާހު ވިދާޅުވި އެވެ.

އެކަމަކު މިއަދުގެ ތަހުގީގުގައި "ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް" ރައީސް ޔާމީން ހުންނެވީ ހަނު ކަމަށް މިސްބާހު ވިދާޅުވި އެވެ.

"ރިލްވާންގެ އާއިލާ އާއި އެހެންނިހެން ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން. ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމް އަދާ ކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުން އެގޮތަށް ބުނި ނަމަވެސް، ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ތަހުގީގަށް ހުރަސް އެޅުއްވިކަމުގެ ތުހުމަތު ކުރާ ސީދާ އަމަލު ކޮމިޝަނަށް ސާފުނުކޮށްދެވުން ކަމަށެވެ. އަދި ކޮމިޝަނުގެ ތުހުމަތުތައް ރައީސް ޔާމީން ދޮގު ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުުރުން އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުން ސިފަ ކުރީ ސިޔާސީ ކުޅިވަރެއްގެ ގޮތުގަ އެވެ.

"އަޅުގަނޑަށް ސިފަ ކުރެވުނީ މުޅި އެއްޗަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއް،" ޔާމީންގެ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލް ވިދާޅުވި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރާއިރު، ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox