ފުވައްމުލަކަށް ދިމާވި ކަރަންޓާއި ފެނުގެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އާބާދީގައި 10,000 އަށް ވުރެން ގިނަ މީހުން ހިމެނޭ އެ ސިޓީގައި ރޭ ފަތިހުން ފެށިގެން ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފަ އެވެ. އެ މައްސަލަ ދިމާވެފައި ވަނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2500 ކިލޯވޯޓުގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންނެވެ.
އެ ރަށުގެ 80 ޕަސެންޓް ގެތަކުގައި ކަރަންޓާއި ފެން ކެނޑުނުއިރު ބާކީ ގެތަކަށް ކަރަންޓާއި ފެން ދޫކުރަމުން އައީ ލޯ ވޮލްޓޭޖުގަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އާލަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުން ނުކުރަން އިލްތިމާސް ކޮށްފަ އެވެ.

ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ހިދުމަތް އަލުން ފެށުމަށް 10-12 ގަޑިއިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު"އަށް ވިދާޅުވީ ވަގުތީ ހައްލެއް ހޯދުނީ އެ ރަށުގައި ހުރި ޓްރާންސްފޯމަރެއް ބޭނުންކޮށް ގެ ތަކަށް ކަރަންޓާއި ފެން ދޭން ފެށުން ކަމަށެވެ.













