ހުޅުމާލޭގައި 500 ޖާގައިގެ ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މިތަން އަޅަނީ، ކައުންސިލުގެ ކުރީގެ ދައުރުގެ މެމްބަރުން ހުޅުމާލޭން އެކަމަށް ހާއްސަކޮށްގެން ހޯދި ބިމުގަ އެވެ. އެއީ ހުޅުމާލޭ އުތުރުކޮޅުން ބްރިޖް ހައިވޭ އަށް އަރާ ސަރަހައްދެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހުޅުމާލެ ރައްޔިތުންގެ ވެހިކަލްތައް ޕާކުކުރުމަށްޓަކައި ހަދަން ހަމަޖެހިފައިވާ ޕާކިން ބިލްޑިންގުގެ މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޕާކިން ބިލްޑިންއާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތައް ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް މިއަދުން ފެށިގެން އަންނަނީ ނަގަމުންނެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖު ސިޓީ ދޫކުރުމުގެ މަސައްކަތް ވެސް މިއަދު ފަށާފަ އެވެ.












