މިލާން (ޖުލައި 29) - އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވާފައިވާއިރު، އޭނާ އަށް އިންޓަ އަށް ކުޅެވޭނެތޯ ބަލަން ވަރަށް އަވަހަށް މެޑިކަލް ޓެސްޓްތަކެއް ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ތެރެއިން އެރިކްސަން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އައިސީޑީ ލައްވަން ޖެހޭ ކަމެވެ.
އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ.
ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީގެ އިސް އޮފިޝަލް ފްރަންސެސްކޯ ބްރަކޮނާރޯ ބުނީ އައިސީޑީ ލައްވައިގެން ހުރެ އެރިކްސަން އަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށެވެ.
އަންނަ ހަފްތާގައި އިންޓަގެ މެޑިކަލް ޓީމުން ހަދާ އެރިކްސަންގެ ޓެސްޓްތަކުން ބަލާނީ އޭނާ އަށް އައިސީޑީ ނުލައްވައި ކުޅެވޭނެތޯ އެވެ. އެ ޓެސްޓްތަކުން އެރިކްސަން ފާސްވެއްޖެނަމަ އޭނާ ހަ މަސް ދުވަސް ވަންދެން އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ. އެ ހުރިހާ ޓެސްޓްތަކުގެ ނަތީޖާ ރަނގަޅުނަމަ އަށް މަހެއްހާ ދުވަސް ތެރޭ އެރިކްސަން އަށް އިޓާލިއަން ލީގުގައި ކުޅުމަށް އެނބުރި އާދެވޭނެ އެވެ.
އެކަމަކު، ޓެސްޓްތަކުގެ ނަތީޖާ އިން އެރިކްސަންގެ ހާލަތު ރަނގަޅު ނޫންކަމަށް ދައްކައިފިނަމަ، އަދި އައިސީޑީ ނުލައްވައި އެރިކްސަން އަށް ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެފިނަމަ އިންޓަ އިން އެރިކްސަން ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.
އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް ވެސް ކުޅެމުން އަންނަނީ ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ކުރިން އަޔަކްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
އަޔަކްސް ޔޫތު ޓީމާ 2008 ވަނަ އަހަރު ގުޅުނު އެރިކްސަން އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ތިން އަހަރު ސީނިއާ ޓީމަށް ކުޅުމަށް ފަހު އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ. އޭނާ އިންޓަ މިލާނަށް ބަދަލުވީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.












