މި މަހުގެ ކަރަންޓް ބިލް, އެހެން މަސްތަކާ އަޅާބަލާއިރު ބޮޑު ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މި މައްސަލައިގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުންފާޅުކުރައްވައި "ދެއްކޭ ވަރަށް ވުރެން ބިލްތައް ބޮޑު" ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ސްޓެލްކޯ އިން ބުނަނީ ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ "އަދަދު" އަށް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ ކަރަންޓް ބިލް ފޮނުވީ ސަރުކާރުން ދިން ސަބްސިޑީ ހިމަނައިގެންނެވެ. މި މަހުގެ ބިލް މިދިޔަ މަހަށް ވުރެން ބޮޑުވީ ސަބްސިޑީ ނުލައި ބިލް ހަދާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ބޮޑަށް އެ ޝަކުވާ އެ އަންނަނީ, ގިނަ ކަސްޓަމަރުންނަށް އެނގިވަޑައިނުގަންނަވަނީ ހެން މިދިޔަ މަހުގެ ބިލަކީ އެއީ ސަބްސިޑައިޒް ބިލެއް ކަމެއް،" ފަހުމީ ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން ލިބޭ މާލީ ގެއްލުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ވަނީ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް, އަދި ފެންބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދީފަ އެވެ.

ބިލް ބޮޑުވުމުގެ މައްސަލަ ފެންމަތިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭނެ ބިލެއް ކަމަށެވެ.
"ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި.،" މުއިއްޒު ވިދާޅުވި އެވެ.
ބައެއް އާއްމުން ވެސް ގެންދަނީ ކަރަންޓް ބިލް ބޮޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.
ލަތީފް ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ ތިން މަހުގެ ކަރަންޓް ބިލް ބޮޑުވަމުން ގޮސް މިމަހުގެ ބިލް މިދިޔަ މަހަށް ވުރެން ދެ ގުނަ ބޮޑުވެފައިވާ ކަމަށެވެ.
ސްޓެލްކޯގެ ޖީއެމް ފަހުމީ ވިދާޅުވީ ކޮންމެ މަހަކު ރީޑިން ނަގާއިރު ބިލް ބޮޑު ކަމަށް ފާހަގަ ކުރެވޭ ގެތަކުގެ ރީޑިން ދެވަނަ ފަހަރަށް ނަގައި މީޓަރު ވެސް ޓެސްޓް ކުރާ ކަމަށެވެ. ކުރިއާލާ ހިލާފަށް ގެތަކުގެ ބިލް ބޮޑުވިކަން ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓެޓިސްކަލީ އަޅުގަނޑުމެން ބަލަން ވޭތުވެދިޔަ ދެ ތިން މަހަށް ކޮމްޕެއާ ކޮށްލާއިރު މިމަހުގެ ބިލަކީ ބޮޑު ބިލެއްތޯ. ސްޓެޓިސްކަލީ ބަލާލާއިރު އަޅުގަނޑުމެންނަކަށް އެހާ ބޮޑު އިމްޕެކްޓެއް ނުފެނޭ،" ފަހުމީ ވިދާޅުވި އެވެ.













