ޓޯކިޔޯ (ޖުލައި 28) - އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ކުއާޓާ ފައިނަލަށް އެންމެ ފަހުން ރަން މެޑަލް ހާސިލްކުރި ބްރެޒިލާއި މި ފަހަރުގެ ގޭމްސް އަށް އެންމެ ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ސްޕެއިން ދަތުރުކޮށްފި އެވެ.
ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުން ކެޓި މަޝްހޫރު ޓީމުތަކުގެ ތެރޭގައި މީގެ ކުރިން ދެ ފަހަރު ރަން މެޑަލް ހާސިލްކުރި އާޖެންޓީނާ އާއި 2016 ވަނަ އަހަރު ރިހި މެޑަލް ހޯދި ޖަރުމަނު އަދި 1984 ވަނަ އަހަރު ރަން މެޑަލް ހޯދި ފްރާންސް ހިމެނެ އެވެ.
ގްރޫޕް ސީގެ ފަހު މެޗުގައި މިއަދު ސްޕެއިން ވަނީ 1-1 އިން އާޖެންޓީނާއާ އެއްވަރުވެފަ އެވެ. މިކޭލް މެރީނޯގެ ގޯލުން ސްޕެއިން ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ތޯމަސް ބެލްމޮންޓޭ އެވެ. އިތުރު ގޯލެއް ޖަހައިގެން ސްޕެއިން ކަޓުވާލުމަށް ފަހު އާޖެންޓީނާ އަށް ކުއާޓާގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް ދެ ވަނަ ގޯލެއް ޖަހަން އާޖެންޓީނާ އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

އާޖެންޓީނާގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ސްޕެއިންގެ އޮލްމޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މި ގްރޫޕްގެ އަނެއް ޖާގަ ލިބުނީ މިއަދު 2-0 އިން އޮސްޓްރޭލިއާ ބަލިކުރި މިސްރަށެވެ. މިސްރު ކުއާޓާގެ ފުރުސަތު ހޯދީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ތިން ވަނަ އަށް ދިޔަ އާޖެންޓީނާއާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުންނެވެ.
ބްރެޒިލުން ވަނީ ގްރޫޕްގެ ފަހު މެޗުގައި މިއަދު 3-1 އިން ސައުދީ އަރަބިއްޔާ ބަލިކޮށްފަ އެވެ. ބްރެޒިލްގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު ޖެހީ މި ފަހަރުގެ އޮލިމްޕިކްސްގައި ރަނގަޅު ފޯމެއްގައި ހުރި ރިޗާލިސަން އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު ރިޗާލިސަން ވަނީ މި ފަހަރުގެ އޮލިމްޕިކްސްގައި ޖުމްލަ ފަސް ގޯލު ޖަހައިފަ އެވެ. ބްރެޒިލްގެ އަނެއް ގޯލު ކާމިޔާބުކުރީ މަތިއަސް ކޫނިއާ އެވެ. ސައުދީގެ ހަމައެކަނި ގޯލު ޖެހީ އަލް-އަމްރީ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން އައިވަރީ ކޯސްޓް ވަނީ ޖަރުމަނާ 1-1 އިން އެއްވަރުކޮށް ކުއާޓާގެ ޖާގައެއް ހޯދައިފަ އެވެ. ބްރެޒިލް އެއް ވަނަ އަށް ދިޔައީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި އައިވަރީ ކޯސްޓަށް ލިބުނީ ފަސް ޕޮއިންޓެވެ. ޖަރުމަނު ނިންމާލީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެންމެ ފުލަށް ދިޔަ ސައުދީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ސައުދީގެ ކުޅުންތެރިއަކު ކައިރިން ބްރެޒިލްގެ ރިޗާލިސަން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސް ކެޓީ ގްރޫޕްގެ ފަހު މެޗުން މި ފަހަރުގެ އޮލިމްޕިކްސްގެ ހޯސްޓް ޖަޕާން އަތުން 4-0 އިން ބަލިވުމުންނެވެ. ޖަޕާނުގެ ގޯލުތައް ޖެހީ ޓަކެފޫސާ ކޫބޯ، ހިރޯކީ ސަކާއި، ކޯޖީ މިޔޯޝީ އަދި ޑައެޒަން މައޭޑާ އެވެ. މި ގްރޫޕްގެ އަނެއް މެޗުން މެކްސިކޯ ވަނީ ދެކުނު އެފްރިކާގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ.
މި ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ކުއާޓާގެ ޖާގަ ކަށަވަރުުކުރީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ޖަޕާން އެވެ. ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި މެކްސިކޯ އެވެ. ފްރާންސް ތިން ވަނައިގައި ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލަށްދިޔަ ދެކުނު އެފްރިކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ކުއާޓާ ފައިނަލް މެޗުތައް:
ޖަޕާން - ނިއު ޒީލެންޑް (31 ޖުލައި)
ސްޕެއިން - އައިވަރީ ކޯސްޓް (31 ޖުލައި)
ދެކުނު ކޮރެއާ - މެކްސިކޯ (31 ޖުލައި)
ބްރެޒިލް - މިސްރު (31 ޖުލައި)












