މެޑްރިޑް (ޖުލައި 27) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ވަރާން، 28، ޔުނައިޓެޑަށް ބަދަލުވާ ޑީލްގެ ޖުމްލަ އަގަކީ 58 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން ޔުނައިޓެޑުން އެންމެ ފުރަތަމަ ދައްކަން ނިންމާފައިވަނީ 47 މިލިއަން ޑޮލަރެވެ.
ރެއާލުން ވަރާން ދޫކޮށްލަން ނިންމީ އޭނާ އެ ގޮތަށް އެދޭތީ އެވެ. އެންމެ ފުރަތަމަ ޔުނައިޓެޑުން ވަރާން ގަންނަން މަޝްވަރާ ކުރަން ފެށިއިރު، ރެއާލް އޮތީ ވަރާން ދޫކޮށްލާ ގޮތަކަށް ނޫނެވެ.
ލަސްވެގެން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ވަރާން ޔުނައިޓެޑްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަަކޮށް އެ ޓީމާ އެކު އެގްރީމެންޓްގައި ސޮއިކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ވަރާން އިއްޔެ ވަނީ ރެއާލްގެ ޓްރެއިނިން ކޭމްޕް ދޫކޮށްލައިފަ އެވެ.
މީގެ 10 އަހަރު ކުރިން ވަރާން، ފްރާންސްގެ ލެންސް ދޫކޮށް ރެއާލަށް ބަދަލުވިއިރު، އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި އަލެކްސް ފާގަސަން ވެސް ވަނީ ވަރާންގެ ސޮއިހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެ ފަހަރު ވަރާން ބަދަލުވީ ހޯސޭ މޮރީނިއޯގެ އެދުމަށް ރެއާލަށެވެ. ރެއާލުން އެ ފަހަރު ވަރާން ގަތީ 14 މިލިއަން ޑޮލަރުގެ ފީ އެއް ދައްކައިފަ އެވެ.
ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ވަރާން ވަނީ ރެއާލާ އެކު ސްޕެނިޝް ލީގު ތިން ފަހަރު، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް ތިން ފަހަރުގެ އިތުރުން ކޮޕަ ޑެލް ރޭ އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ވަރާން އަކީ މި ފަހަރު ޔުނައިޓެޑްގެ ސީނިއާ ޓީމާ ގުޅޭނެ ތިން ވަނަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑުން ވަނީ ކުރިން އެ ޓީމަށް ކުޅުނު ގޯލްކީޕަރު ޓޮމް ހީޓަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯގެ ގެނެސްފަ އެވެ.
ކުރިން މެންޗެސްޓާ ސިޓީ ޔޫތު ޓީމަށް ކުޅުނު ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ 72 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) އަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ތެރޭގައި ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އިތުރު 20 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އޮތީ އެއްބަސްވެފަ އެވެ.
ޔުނައިޓެޑްގެ އެހެން ޓްރާންސްފާ ހަބަރުތަކަށް ބަލާއިރު، އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ދޫކޮށްލައިފިނަަމަ ބަދަލުގައި ޔުނައިޓެޑުން ގެންނަން ވިސްނާނީ އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ނޫނީ ރެނެސްގެ އެޑުއާޑޯ ކަމަވިންގާ އެވެ.












