އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އިއްޔެ ހަވީރު ކުޅުނު އެކުވެރިކަމުގެ މެޗުން 3-0 އިން ބ. އޭދަފުށި އަތުން މޮޅުވެއްޖެ އެވެ.
އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ވީހާވެސް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. ގައުމީ އަންހެން ޓީމުން މި މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ ދާދި ފަހުން ޓީމާ ގުޅުނު ޒުވާން ކުޅުންތެރިޔާ ރާނިޔާ އިބްރާހިމް އެވެ. އަދި އަނެއް ގޯލު ކާމިޔާބުކުރީ ގައުމީ ޓީމުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ފާތިމަތު ތީބާ އެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ޒިންމާއާ މި ވަގުތު ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ. ޑުންގާ އަށް އެހީތެރިވުމުގެ ގޮތުން ގައުމީ ޓީމުގެ ތަރި ފަދުވާ ޒާހިރު ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައުމީ އަންހެން ޓީމުގެ ސްކޮޑު.-- ފޮޓޯ: އެފްއޭއެމް
ފާއިތުވި އަށް ވަރަކަށް އަހަރަށް ބަލާއިރު ގައުމީ އަންހެން ޓީމުގައި ގިނަ ކޯޗުންތަކެއް ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ޖަޕާނުގެ ކޯޗު ނައޯކޯ ކަވަމޯޓޯ އާއި ދިވެހި ކޯޗުން ކަމަށްވާ މުހައްމަދު އާތިފް (އާތީ) އާއި އިބްރާހީމް ހަލީމް (ޖަޑާ) އަދި އަހުމަދު ނާޝިދު (ނާދު) ވަނީ އަންހެން ޓީމުގައި ޖުމްލަކޮށް ބަލާއިރު ރަނގަޅު ބަދަލުތަކެއް އަންހެން ގައުމީ ޓީމަށް ގެެނެސްފަ އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެ އެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ.
އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.
އެ މެޗުތަކުގެ ކުރިން ގައުމީ އަންހެން ޓީމު ރާއްޖޭން ބޭރު ގައުމެއްގައި ކޭމްޕެއް ޖަހަން އަންނަނީ މަސައްކަތް ކުރަމުންނެވެ.












