ތިން ގަޑިއިރުގެ ބައްދަލުވުމެއް؛ ރައީސް، އެމްޑީޕީގެ ޕީޖީ ލީޑަރާއެކު މަޝްވަރާތަކެއް ކުރައްވައިފި

ރައީސް ސޯލިހު، އަލީ އާޒިމްއާ ސަލާމް ކުރައްވަނީ: މިރޭ ވަނީ ދިގު ބައްދަލުވުމެއްގައި މަޝްވަރާތަކެއް ކުރައްވާފައި - ފޮޓޯ: އަލީ އާޒިމް / ޓްވިޓާ

ރައީސް ސޯލިހު، އަލީ އާޒިމްއާ ސަލާމް ކުރައްވަނީ: މިރޭ ވަނީ ދިގު ބައްދަލުވުމެއްގައި މަޝްވަރާތަކެއް ކުރައްވާފައި - ފޮޓޯ: އަލީ އާޒިމް / ޓްވިޓާ

އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު އަލީ އާޒިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

ރައީސް، އަލީ އާޒިމްއާ ބައްދަލު ކުރެއްވީ މުލިއާގޭގައި ނުރަސްމީ ގޮތެއްގައި އެވެ. އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުން ތިން ގަޑިއިރެއްހާ އިރަށް ދެމިގެންދިޔަ އެވެ.

އަލީ އާޒިމްއާ މިރޭ ރައީސް ބައްދަލު ކުރެއްވިއިރު ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އާޒިމް ވަނީ ރައީސް ސޯލިހާ، އެމްޑީޕީއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެނގިފައިވާ ގޮތުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް، ރައީސް ސޯލިހާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

"އަޅުގަނޑުމެންގެ (އެމްޑީޕީގެ) ރައީސަކު ހުރެ އަޅުގަނޑުމެންނާ ވާހަކަ ނުދެކެވޭކަން ވަރަށް ބޮޑަށް ފާހަގަވެގެން އެބަދޭ،" އަލީ އާޒިމް، ރޭ ގައުމީ މަޖިލީހުގައި ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ސޯލިހާ މިރޭ ބައްދަލު ކުރެއްވުމަށްފަހު އަލީ އާޒިމް ވިދާޅުވީ، ރައީސްއާއެކު ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްއާ ބައްދަލު ކުރެއްވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

"މަޖިލީހާއި އެހެން އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވޭ،" އަލީ އާޒިމް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރާއެކު، ރައީސް ސޯލިހު ދިގު ބައްދަލުވުމެއް މިރޭ ބާއްވަވާފައިވާއިރު މި ބައްދަލުވުމުގެ މައުލޫމާތެއް އެހެން ގިނަ މެންބަރުންނަށް އެނގިވަޑައިނުގަންނަވަ އެވެ.

އެގޮތުން، ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުންނާ ސުވާލު ކުރުމުން އެ މެންބަރުން ވިދާޅުވީ ބައްދަލުވުން އޮތް ކަމެއް ވެސް އަދި މަޝްވަރާ ކުރި ކަމެއް ވެސް އެނގިފައިނުވާ ކަމަށެވެ.

މި ބައްދަލުވުން މުލިއާގޭގައި މި ބޭއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފައިވަނިކޮށެވެ. އަދި، އެކަމުގެ މަސައްކަތްތައް އެމްޑީޕީގެ ތެރޭގައި ފަށާފައިވާ ކަމަށް އާޒިމް މިއަދު ވިދާޅުވެފައިވެސް ވަނިކޮށެވެ.

ހަމައެއާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުރިހާ ޓެރަރިސްޓުން ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލަން ގައުމީ މަޖިލީހަށް ނަޝީދު ވަނީ ގަރާރެއް ރޭ ހުށަހެޅުއްވި އެވެ. އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ހަނި ފުރުސަތަކުން ފާސްކޮށްފަ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި 109 މެންބަރުން ތިބޭއިރު ގަރާރު ފާސްކުރުމަށް ވޯޓު ދިނީ 39 މެންބަރުންނެވެ. ގައުމީ މަޖިލީހުން ކަމެއް ފާސްކުރުމަށް 37 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ.

ރޭގެ ގައުމީ މަޖިލީހުގައި އެ ގަރާރާ ދެކޮޅަށް އަލީ އާޒިމް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެ ގަރާރު ހުށަހެޅުއްވިއިރު އެކަމުގައި ރައީސް ސޯލިހާ މަޝްވަރާކޮށްފައި ނެތް ކަމުގެ ކަންބޮޑުވުން އަލީ އާޒިމް ފާޅު ކުރެއްވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުގައި ދަނީ ފާޑުކިޔަމުންނެވެ. އަދި، ނަޝީދު ވަނީ އެމްޑީޕީން ސަރުކާރަށް ކުރާ ތާއިދު ނަގައި އިދިކޮޅު ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ވެސް ގޮވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox