މިލާން (ޖުލައި 24) - އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވައިގެން ހުރެ، އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަަލަކު ބުނެފި އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިދިޔަ މަހު 12 ވަަނަ ދުވަހު ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ދަނޑުމަތީގައި އަވަސް ފަަރުވާ ދިނުމަށް ފަހު މާ ގިނައިރެއް ނުވެ އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދިންއިރު، ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަންގެ ހިތަށް އައިސީޑީ ޑިވައިސްއެއް ލައްވަން ޖެހޭ ކަމެވެ. އައިސީޑީ އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. ޕޭސްމޭކަރުގެ ފައިދާ އަކީ ހިތުގެ ވިންދު ލަސްނަމަ އަވަސްކޮށްދީ ރަނގަޅު ލެވަލެއްގައި ބަހައްޓާނެ އެވެ. އައިސީޑީ ނޫނީ ޕޭސްމޭކަރު ލައްވައިގެން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުން މުބާރާތްތަކުގައި ވާދަކުރެ އެވެ.
އެރިކްސަން އަލުން އެނބުރި ކުޅުމަށް އަންނާނެ ދުވަހެއް އަދި މީޑިއާގައި ހާމައެއްނުކުރެ އެވެ. އެކަމަކު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީގެ އިސް އޮފިޝަލް ފްރަންސެސްކޯ ބްރަކޮނާރޯ ބުނީ އައިސީޑީ ލައްވައިގެން ހުރެ އެރިކްސަން އަށް އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށެވެ.
"އިޓާލިއަން ލީގުގައި އެރިކްސަން އަށް ކުޅެވޭނީ އައިސީޑީ ނަގައިގެން. އައިސީޑީ ނެގުމުގެ މާނަ އަކީ އޭނާގެ މެޑިކަލް ހާލަތު ރަނގަޅުވީއޭ. އެހެންނޫންނަމަ (އައިސީޑީ ލައްވައިގެން ހުއްޓައި) އެ ވަރުގެ ރިސްކެއް އަހަރެމެން ނުނަގާނަން،" ބްރަކޮނާރޯ ބުންޏެވެ.
ޓޮޓެންހަމް ދޫކޮށް އެރިކްސަން އިންޓަ އަށް ބަދަލުވީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެރިކްސަން އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ސީޒަނުގެ ފަހު ކޮޅުގައި މުހިއްމު ގޯލުތަކެއް ޖެހި ކުޅުންތެރިއެކެވެ.
އިންޓަގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ސިމޯން އިންޒާގީ ވަނީ އެރިކްސަން އަށް ޓީމުން އަލުން ފުރުސަތު ދޭން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، މިހާރު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުތަކުގައިވާ ގޮތުން އައިސީޑީ ލައްވައިގެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމުގެ ހުއްދައެއް ނުދޭތީ އިންޓަ އިން އެރިކްސަންގެ މުސްތަގުބަލާ މެދު މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.
އައިސީޑީ ނެގުމުގެ ހުއްދަ އަވަހަށް ލިބެން ނެތްނަމަ އެރިކްސަން އިންޓަ ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕްގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް ވެސް ކުޅެމުން އަންނަނީ ޕޭސްމޭކަރެއް ލައްވައިގެންނެވެ. އެރިކްސަން އަކީ ކުރިން އަޔަކްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
އަޔަކްސް ޔޫތު ޓީމާ 2008 ވަނަ އަހަރު ގުޅުނު އެރިކްސަން އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. ތިން އަހަރު ސީނިއާ ޓީމަށް ކުޅުމަށް ފަހު އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ.












