ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކްއިން ވެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށް އެޗްޕީއޭއިން މިރޭ ބުނެފި އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުން ދެކުނު އޭޝިއާގެ ޓޫރިސްޓުން ފިޔަވައި، އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުންނަށް ގެސްޓްހައުސްތަކުގައި ޗެކްއިންވެވެ އެވެ.
ދެކުނު އޭޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ސަރަހައްދުގެ ޓޫރިސްޓުން ގެސްޓްހައުސްތަކަށް ގެނައުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް، ސަރުކާރުން އޮތީ އެކަމަށް ލުއިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އެގޮތުން، މިރޭ އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ދެކުނު އޭޝިއާއިން އަންނަ ޓޫރިސްޓުންނަށް ވެސް ގެސްޓްހައުސްތަކަށް ޗެކްއިން ވެވޭނެ އެވެ. ނަމަވެސް، ޗެކްއިން ވެވޭނެ އުސޫލު ކުރިއަށްވުރެ ބޮޑަށް ވަނީ ހަރުކަށި ކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން ޑަބްލިއުއެޗްއޯއިން އިމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް ވެކްސިނެއްގެ ޑޯޒުތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ޓޫރިސްޓުން، މީހުން އުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކްއިން ނުވެވޭނެ އެވެ.

ގެސްޓްހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށާއި އެމީހުންނާއެކު ދަތުރުކުރާ ކުޑަކުދިންނަށެވެ.
އެމީހުން ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. އަދި، ގެސްޓްހައުސްތަކުން ޓޫރިސްޓުން ޗެކްއައުޓްވާއިރު ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.
ވެކްސިން ނުޖަހާ ޓޫރިސްޓުން ގެނެވޭނެ ހާލަތްތައް
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ގެސްޓްހައުސްތަކަށް ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުން ގެނެވޭ ހާލަތްތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން، ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ގެސްޓްހައުސްތައް ހުޅުވާލެވޭނީ އެ ރަށެއްގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓަށް ވެކްސިން ޑޯޒު ފުރިހަމަވުމުންނެވެ.
އަދި، ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި މަސައްކަޔް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒު ފުރިހަމަވުމުންނެވެ.
އޭގެއިތުރުން ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒުތައް ފުރިހަމަވެފައިވާން ޖެހޭނެ އެވެ.
ވެކްސިން ޑޯޒު ފުރިހަމަވީ ކަމަށް ބަލާނީ ދެ ޑޯޒު ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވުމުންނެވެ.












