ހައްދުފަހަނާއެޅި ފިކުރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބޮޑުވެފައި ވިޔަސް ސަރުކާރުގެ ތެރޭގައި 'އަޑީ ދައުލަތެއް' އޮތް ކަމަށް ރަސްމީ އިދާރާތައް ހިމެނޭ ގޮތުން ކޮށްފައިވާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ސަލާމަތީ ހިދުމަތްތަކުގެ ބައެއް އިސްވެރިން ވަނީ ރާއްޖޭގައި ހައްދުފަހަނާއަޅައި ދިއުމުގެ ފިކުރު އޮތް މިންވަރުގެ މައްޗަށް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ނުވަތަ ރެޑިކަލައިޒޭޝަން މޫލައި ފެތުރިފައި އޮތް މިންވަރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެެފައިވެ އެވެ. އޭގެތެރޭގައި, ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ހިމެނިވަޑައިގަންނަވާ އިރު އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ހަރުކަށިކަމާއި ހައްދުފަހަނާޅާފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގައި ދައުލަތުގެ ތެރޭގައި "އަނދިރި" ނުވަތަ ހައްދުފަހަނާއެޅި ފިކުރުގެ ދައުލަތެއް އެބަ ހިނގަ އެވެ.

"... އަޅުގަނޑުމެން މި ހާލަތުން އަރައިނުގެންފިއްޔާ އަޅުގަނޑުމެންގެ މި ގައުމު އަފްގާނިސްތާނު އޮތް ހާލަތަށް ދާނެ ކަން. ހަރާމް އިގްތިސާދު އޮތް ކުފުރު ދައުލަތެއްގައި ކަން. ދީނީ ގޮތުން ވެސް އަދި ކޮންމެ ގޮތަކުން ވެސް ނަމަވެސް އެ މީހުންގެ ވިސްނުމާއި ފިކުރު ރެޑިކަލައިޒްވެ މަޑުމަޑުން އެއަށްވުރެ މައްޗަށް ވަޔަލެންޓް އެކްސްޓްރީމިޒަމަށް ބަދަލުވެ އަދި އޭގެ މައްޗަށް ޓެރަރިޒަމާ ހިސާބަށް މި ދަނީ އަޅުގަނޑުމެންގެ ދިރާސާތަކުން ފެންނަ ގޮތުގައި ވެއްޖިއްޔާ،" ޒަކަރިއްޔާ ވިދާޅުވި ކަމަށް ރިޕޯޓުގައި ވެ އެވެ.
ސަލާމަތީ ހިދުމަތްތަކުގެ މި ވާހަކަތަކާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ފަރާތުން މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިވާ އަދި ރާއްޖޭގެ ސަލާމަތީ ކަންކަން އެސެސްކުރަން ހެދި އެއްވެސް ރިޕޯޓެއްގައި ރާއްޖޭގައި އަޑީދައުލަތެއް އޮތް ކަމަކަށް ބުނެފައި ނުވާ ކަމަށެވެ.
ރާއްޖެއަކީ ކުރިއަރަމުން އަންނަ ތަރައްގީ އާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަފްގާނިސްތާނާ ހަމައަށް ގެންދަން ނުވާނެ ކަމަށެވެ. އެދިމާއަށް ރާއްޖެ ދަތުރުކުރަމުން ވެސް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތް. އެކަމަށް ފަރުވާ ކުރަން އެބަޖެހޭ, މަސައްކަތްތަކެއް ކުރަން އެބަޖެހޭ," އިމްރާން ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މިހާރު މިއޮތް ސަރުކާރުން ރާއްޖެ އަފްގާނިސްތާނަށް ވާން ދުލެއް ނުކޮށްލާނެ.
ހޯމް މިނިސްޓަރަށް "އަޑީ ދައުލަތުގެ" ރިޕޯޓެއް ލިބިވަޑައިނުގަތަސް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ އެފަދަ ދައުލަތެއް އޮތް ކަމަށާއި އަފްގާނިސްތާނުގެ ހާލަތަށް ރާއްޖެ ހިނގައިދާނެ ކަމަށް ވިދާޅުވަނީ އެއްވެސް އަސާސެއްގެ މައްޗަށް ކަމަށް ނޫން ކަމަށް ގަބޫލުކުރައްވަނީތޯ އެހުމުން އިމްރާން ވިދާޅުވީ "ކަންކަން ހަގީގީ މާނައިގައި, ހުރި ގޮތަށް ނަގަން" ޖެހޭ ކަމަށެވެ.
"ތި ވިދާޅުވި ގޮތަށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުން ކުރިމަތިވާ ގޮތަށް 1400 އެއްހާ މީހުން ނުވަތަ އެއަށް ވުރެން އިތުރު އަދަދެއް ރާއްޖޭގައި އުޅޭކަން އެއީ ފާހަގަކުރެވި އަޅުގަނޑުމެންގެ ރިޕޯޓްތަކުންނާއި ބަލަހައްޓާ ޑޭޓާތަކުން އެނގެން ހުރި ކަންކަން. އޭގެ މާނައެއް ނޫން ރާއްޖެ އަކީ އަފްގާނިސްތާނަށް ވެފައި އޮތެކޭ."
އިމްރާން ވިދާޅުވި ގޮތުގައި ރާއްޖެއާ ގުޅުވައި އެއްޗެއް ބުނާއިރު އަޅާކިޔަންވާނީ ހަމަތަކެއް ބަހައްޓައިގެންނެވެ. އަދި އެކަންކަން ނަގަން ވާނީ އެންމެ ފުރިހަމަ މާނާއިގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މައްސަލައެއް އޮތުމަކީ އޮތް މިންވަރަށް ވުރެން ބޮޑަށް ނުވަތަ އެހެން ގޮތަކަށް މާނަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"މުހިންމު ފިޔަވަޅުތަކެއް އަޅައިފި"
އިމްރާން ވިދާޅުވީ ރާއްޖޭގައި 2007 ވަނަ އަހަރުން ފެށިގެން އުފެދި ބޮޑުވަމުން އައި ހާލަތްތައް ހުއްޓުވުމަށްޓަކައި މި ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި އެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ގާނޫނަށް 2019 ގައި ގެނެވުނު ބަދަލުތަކާއި އޭގެ ދަށުން ގަވާއިދުތަކާއި އޭގެ މައްޗަށް ބިނާކޮށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެ ހަގީގީ ނަތީޖާ ފެންނާނީ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވި އިންޓެލިޖެންސާއި އިންވެސްޓިގޭޝަނާއި ރީހެބިލިޓޭޝަން އެކުގައި ފަށައިގަތުމުން," އިމްރާން ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގާ އަދި މީހުން މަރަން ފަސްނުޖެހޭ 1400 އެއްހާ މީހުން ދޫވެފައި ތިބި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި, ގާނޫނީ ގޮތުން މީހުން ބަންދުކޮށް ބައިތިއްބާ ހަމަތަކެއް ހުންނަ ކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ވެސް މީހުން ބަންދުކޮށްގެން ގެންގުޅުމުގެ ހަމަތައް ހުރީ ވަރަށް ބޮޑަށް އިންސާނީ ހައްގުތަކާއި މިނިވަންކަމާއި ކަރާމާތަށް ރިއާޔަތްކޮށްފައި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް މި ސަރުކާރުގައި ބަދަލުތަކެއް ގެންނަން ޖެހުނީ ރާއްޖޭގައި ހަރުކަށިފިކުރު އޮތް މިންވަރު ވަޒަން ކުރެވޭތީ އެވެ. އަދިވެސް އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެއީ ސީދާ ހަމަލާއެއް ހިންގުމުގެ ކުރިން ވެސް ދައުލަތުގެ މުއައްސަސާތަކަށް, ގަބޫލުކުރެވޭ ވަކި ލެވެލްއެއްގެ ބަޔަކު ޓެރަރިޒަމްގެ ހަރަކާތެއް ނުހިންގި ކަމުގައި ވިޔަސް އެ މީހުން ރީހެބިލިޓޭޓް ކުރެވޭނެ ގޮތެއް ގެނައުމަށްޓަކައި ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު އޮނިގަނޑު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި އޭރަށް ވުރެން މިހާރު ރަނގަޅު ކުރެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ނިޒާމް ފުރިހަމަކޮށް, ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަދިވެސް ހުރި ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރާވައި ހިންގަމުން ދިޔަ ކަންކަމުގައި ބައިވެރިވިކަން ފާޅުވި ފަރާތްތައް ޖަލަށްލާފައި ހުރި އިރު ވެސް އެހެން މީހުންނާ ވަކިން ގެންގުޅުމުގެ މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. ޖަލުގައި ހަރުކަށި ފިކުރު ފެތުރި މީހުން ރެކްރޫޓްކުރާ ތަނަކަށް އެތަން ބަދަލުވި ސަބަބު އެއީ ކަމަށް ވިދާޅުވި އެވެ.
މި ވެރިކަން ފަށައި ޖަލުތަކުގެ އޮޑިޓެއް ހެދިއިރު އެކަން އެންމެ ބޮޑަށް އޮތީ މާފުށީ ޖަލުގަ އެވެ. އެ ހިސާބުން ފެށިގެން ވެސް އެކި ކުށްތަކުގައި ޖަލަށް ލާ މީހުން ވަކިން ބައިތިއްބަން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހާއްސަކޮށް ހަރުކަށި ފިކުރުގެ ގައިދީން އެހެން ކުށްތަކުގެ ގައިދީންނާ ވަކިން ބައިތިއްބަން މަސައްކަތް ފެށީ," އިމްރާން ވިދާޅުވި އެވެ.
އެކަމަށް ޖަލުގައި ހާއްސަ ޔުނިޓެއް ވެސް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެތަން އޮޕަރޭޓްކުރަން ބޭނުންވާ އޮފިސަރުން ކަނޑައަޅައި ތަމްރީންތައް ވެސް ދީފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ ޔުނިޓަށް ލާން ޖެހޭ ގައިދީން ވަކިކޮށް އަންނަ މަހު އެ ބަދަލު ގެނެވޭނެ ކަމަށް އިމްރާން ލަފާކުރައްވަ އެވެ.
ހަރުކަށި ފިކުރުގެ މީހުން ރީހެބިލިޓޭޓް ކުރުމަކީ ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެކަމަށް ސައިކޭޓްރިސްޓުންނާއި ތަފާތު ފަންނުތަކުގެ އުގަންނައިދޭނެ މީހުން ވެސް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ދައުލަތުން ހޭދަވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ޖަލުގައި މިހާރު ވަނީ ރީހެބިލިޓޭޝަން ކޮމާންޑެއް ވެސް އުފައްދައިފަ އެވެ.












