ސްޓެލްކޯއިން ޓެކްނިކަލް މަސައްކަތެއް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޅި މާލެއިން ކަރަންޓް ކެނޑުނީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން މަސައްކަތެއް ކުރުމުގެ ތެރޭގައި ކަމަށެވެ. އަނބުރާ ކަރަންޓް ދޭން 30 ވަރަކަށް މިނެޓް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަކަނެކްޝަން ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު މާލެ އާއި ހުޅުމާލޭން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފަ އެވެ.
މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ ވިއުގަ ގުޅައި ނިންމައި، ކުރި ފުރަތަމަ ޓެސްޓު ކާމިޔާބު ކަމަށް ސްޓެލްކޯ އިން އާދިއްތަދުވަހު ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ބެހެއްޓި 50 މެގަވޮޓްގެ ކަރަންޓު ޖަނަރޭޓަރު ސެޓު މާލެއާ ގުޅާލެވިފައިވަނީ ސިނަމާލޭ ބްރިޖްގެ އަރިމަތިން ގެނެސްފައިވާ ކޭބަލަކުންނެވެ.
ސްޓެލްކޯއިން އާދިއްތަދުވަހު ބުނީ މާލެ އާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައި ކަމަށާއި، މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. މިއަދު ކުރިއަށް ދަނީ އޭގެ ދެވަނަ ސާކިޓު ޓެސްޓު ކުރުމުގެ މަސައްކަތެވެ.
މިހާރު ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޮޓްގެ ޖަނަރޭޓަރު ސެޓުގެ އިތުރުން ހަމަ އެ ސައިޒުގެ އިތުރު ޖަނަރޭޓަރު ސެޓެއް ހުޅުމާލޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ.
އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.












