މީހަކު ރީތި ރާގަކަށް ޤުރުއާން ކިޔަވާ ވާހަކަ ބުނުމުން އެއީ މާ އަޖައިބުވާ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ދޫންޏެއް ޤުރުއާނުގެ ސޫރަތެއް ހިތުދަސްކޮށްގެން ކިޔަވާ ވާހަކަ ބުނުމުން އެއީ ހައިރާންވާ ކަމަކަށް ވާނެކަން ޔަގީނެވެ.
މިއީ އައްޑޫ ސިޓީ ފޭދޫގައި ގެންގުޅެމުންދާ ވާހަކަދައްކާ ގުރާ (އެފްރިކަން ގްރޭ) އެއްގެ ވާހަކަ އެވެ. މަރިޔަމް ހިޝްމާ އެ ގުރާ (ރިއޯ) ގެންގުޅެން ފަށާފައި ވަނީ އެންމެ ހަތް މަހުގަ އެވެ. އެ ފަހުން މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރިއޯއަށް އެންމެ ފުރަތަމަވެސް ދަސްކޮށްދީފައި ވާނީ ސަލާމް ބަލައިގަތުމަށް ކަމަށް އޭނާ ބުންޏެވެ.

ހިޝްމާގެންގުޅެމުންދާ ވާހަކަ ދައްކާ ގުރާ: ރިއޯ އެކި އަޑުއަޑުން ވާހަކަ ދައްކާ-- ފޮޓޯ: ހިޝްމާ
"އަބަދުވެސް ބޭނުންވަނީ ހަމަ ޤުރުއާން ދަސްކޮށްދީ އެކަހަލަ އެއްޗެހި ކިޔާދޭން. އެންމެ ފުރަތަމަވެސް ދަސްކޮށްދިނީ ވެސް އައްސަލާމަލައިކުމް ކިޔާދޭން،"

ވާހަކަ ދައްކާ ގުރައަކީ ދިވެހީންނަށް ވެސް އާ އެއްޗަކަށް ނުވާނެ އެވެ. ގުރާ އާއިލާގެ ބައެއް ދޫންޏަކީ އިންސާނުން ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބައެއް ބަސްތަކުގެ އަޑު ލައްވަން އިނގޭ ދޫނިތަކެކެވެ. ގުރައަކީ އެހެން ދޫނިތަކާއި ހިލާފަށް އެހެން ޖަނަވާރުތަކާއި އިންސާނުންގެ އަޑުތައް ކޮޕީ ކުރަން ނުވަތަ ނަކަލު ކުރުމުގެ ކުޅަދާނަކަން ދެއްވާފައިވާ ޖަނަވާރެކެވެ.
ހިޝްމާގެ މަންމަ، އައިމިނަތު ނާސިރާ، ރިއޯއަށް ސޫރަތުލް އިހްލާސް ދަސްކޮށްދޭން ފެށީ މީގެ ދެ ހަފްތާ ކުރިންނެވެ. ރިއޯ ކައިރީ އިނދެ ކޮންމެ ދުވަހަކުވެސް އެ ފަސް އާޔަތް ކިޔަވައިދިނީ އެވެ.
އިންސާނުން ބޭނުންކުރާ ލަފުޒުތައް ނަކަލުކުރާ ގުރައެއް ގެންގުޅުމަކީ ބައެއް ހާލަތްތަކުގައި ބޮލުގެ ރިހުމަކަށް ވެސް ވެދާނެ އެވެ. އެކި މީހުންގެ އަޑުން ވާހަކަ ދެއްކުމާއި އާންމުކޮށް އިވޭ ބަސްތައް ބޭނުން ކުރާތީ އެވެ.
ރިއޯ ވެސް ތިން މީހެއްގެ އަޑުން ވާހަކަ ދައްކާ ކަން ފާހަގަވެފައިވާ ކަމަށް ހިޝްމާ ބުންޏެވެ. އެއީ ހިޝްމާގެ އަޑައި އޭނާގެ ފިރިމީހާގެ އިތުރުން މަންމަ އަޑެވެ.
"އަޑު އިވެންޏާ އަޑު އިވޭ ކޮންމެ އެއްޗެއްވެސް ކިޔާނެ. މަންމަގެ ފްރެންޑެއް އަންނާނެ ގެއަށް. އައިސް މަންމަގެ ނަމުން ގޮވާނީ. ދެން ހަމަ އޭނާ އަށް ވުރެ ބާރަށް، މަންމަ ނުފެންނަނީސް ގޮވާނެ މަންމައަށް ނާސިރާއޭ ކިޔާފަ،" އޭނާ ބުންޏެވެ.
ހިޝްމާ، ރިއޯގެ އިތުރުން ވެސް އެހެން ވައްތަރުގެ ޖަނަވާރު ޕެޓްސްގެ ގޮތުގައި ގެންގުޅެ އެވެ. އޭގެ ތެރޭގައި ބުޅަލާއި ގުރާގެ އެހެން ވައްތަރުތައް ހިމެނެ އެވެ.
ވާހަކަ ދެއްކުމަކީ ކޮންމެ ކޮންމެ ދޫންޏަކަށް ނުކުރެވޭ ކަމަކަށް ވާއިރު މިއީ ގުރާގެ ހުރިހާ ވައްތަރުތަކަށްވެސް ކުރެވޭ ކަމެއް ނޫނެވެ. ވާހަކަ ދެއްކޭ ވައްތަރުގެ ގުރާއަށް އެ ކުޅަދާނަކަން ލިބިފައިވަނީ ކޮން ގޮތަކުންތޯ ބެލުމަށް ސައިންސްވެރިން ގިނަ ދިރާސާތައް ކޮށްފައިވެ އެވެ.

ހިޝްމާ ގެންގުޅެމުންދާ ގުރާ--
އެގޮތުން އެގްޒީޓިކް ޑައިރެކްޓްގައި 2016 ވަނަ އަހަރު ޑޮރޯތީ ސްވާޒް އާންމުކުރި ރިޕޯޓެއްގައި ބުނާ ގޮތުގައި ގުރައަށް އެ ކުޅަދާނަކަން ލިބިފައިވަނީ އެސޮރުމެންގެ ސިކުނޑީގައިވާ ލައްވާފައިވާ "ނިއުރޯން" ތަކެއްގެ ސަބަބުންނެވެ. އެ ނިއުރޯން އަކީ "ސޯންގް ނިއުކްލިއައި" އެވެ.







