ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަހުމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ އަލްހާ އީދު ދުވާހާ ގުޅިގެން ރައީސް ސޯލިހު ދެއްވި މެސެޖުގައި ވިދާޅުވީ އީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ހާއްސަ ދެ މުނާސަބަތުކަން ފާހަގަކުރައްވައިފަ އެވެ.
އެގޮތުން، އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހުމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށް ކަމުގަ އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައި ވެސް، އެންމެ ވަރުގަދަ ބާރަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

އެހެންކަމުން، އީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.













