ލަންޑަން (ޖުލައި 18) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބޮލަށް ސީރިއަސް އަނިޔާއެއް ކުރިމަތިވި ވުލްވަހެމްޓަން (ވުލްވްސް)ގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް، އަށް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެފި އެވެ.
ޕްރީ ސީޒަން ފްރެެންޑްލީ މެޗެއްގައި ރޭ ހިމެނޭޒް ވަނީ ވުލްވްސް އަށް 30 މިނިޓް ކުޅެދީފަ އެވެ. ކްރޫ އަލެކްސަންޑްރާ އަތުން 1-0 އިން ވުލްވްސް ބަލިވި މި މެޗުގައި ހިމެނޭޒް ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.
މިދިޔަ ނޮވެމްބަރު މަހުގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ފުއްމައިގެން އަރައި ބޯޅައިގައި ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޭނާ އަށް ޖެހުނީ ހިމެނޭޒް ބޮލުގަ އެވެ. ހިމެނޭޒަށް ވަގުތުން ދަނޑުމަތީގައި އޮކްސިޖަން ދީގެން ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތަކެއް ކުރި އެވެ.
ޓެސްޓްތަކުން އެނގުނީ ހިމެނޭޒް ބޮލުގެ ނާށިގަނޑުގައި ރެނދެއްލާފައިވާ ކަމެވެ. އޮޕަރޭޝަނެއް ކުރުމަށް ފަހު ހިމެނޭޒަށް އަލުން ފުޓްބޯޅަ ކުޅެވިދާނެތޯ ސުވާލު އުފެދުނު ނަމަވެސް ރަނގަޅަށް ރިކަވާވެގެން އޭނާ މި ވަނީ އެނބުރި އައިސްފަ އެވެ.

އާސެނަލާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން ހިމެނޭޒް އަނިޔާވެގެން ދަނޑުމަތީގައި.
އުމުރުން 30 އަަހަރުގެ ހިމެނޭޒް، އަލުން ޓްރެއިނިންގައި ބައިވެރިވާން ފެށީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މިދިޔަ މެއި މަހު ހިމެނޭޒަށް އަލުން ކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ އިތުރު ޓެސްޓްތަކެއް ހަދަން މަޑުކުރީ އެވެ.
ހިމެނޭޒް ކުރިއަށް އޮތްތަނުގައި ކުޅޭނީ ބޮލުގައި ހާއްސަ ހެޑްބޭންޑެއް އަޅައިގެންނެވެ. އެެއީ ކުރިން އަނިޔާވިތަނަށް ދެ ވަނަ ފަހަރަށް އަނިޔާވެއްޖެނަމަ ދެން ފުޓްބޯޅަ ނުކުޅެވުމުގެ ބިރު އޮތުމުންނެވެ.
ޕްރިމިއާ ލީގަށް އެނބުރި އައިސް ވުލްވްސް ހޭދަކުރި ފުރަތަމަ ދެ ސީޒަނުގައި ހިމެނޭޒް ވަނީ އެ ޓީމަށް 13 ގޯލާއި 17 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި އަނިޔާވުމުގެ ކުރިން ކުޅުނު 10 މެޗުން ހިމެނޭޒް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
ހިމެނޭޒަށް އަނިޔާވި ފަހުން މި ދިޔަ ސީޒަނުގައި ވުލްވްސް އަށް ލަނޑު ނުޖެހުމުގެ މައްސަލަތައް ދިމާވި އެވެ. އެ ގޮތުން ވުލްވްސް އިން ޕްރިމިއާ ލީގުގައި ކުޅުނު 12 މެޗެއްގައި ލަނޑެއް ނުޖެހި ދިޔަ އެވެ.












