މާލެ ސިޓީ ކައުންސިލުން ގަރާޖު ސިޓީ ދޫކުރަން ފަށަން މިހާރު އިއުލާންކޮށްފައިވާ ތާރީހު ފަސްކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީގައި އެދިފައިވާ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ގަރާޖު ހުއްދަ ދޫކުރުމުގެ ކަންކަން މާލެ ސިޓީ ކައުންސިލާ މަތިކޮށް ކުރި އިއުލާނުގައި އޮތް ތާރީހަކީ އޮގަސްޓް 1 އެވެ. އެ އިއުލާނުގައި ވަނީ އެ ތާރީހުން ފެށިގެން އުޅަނދު ބާއްވާ ގަރާޖް ޗެކް ކުރުމާއި ގަރާޖާއި ގުޅޭ ކަންކަމުގައި ވެވޭ އެއްބަސްވުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ.
ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ މި އިއުލާނަކީ ސިޓީ ކައުންސިލާ މަޝްވަރާ ނުކޮށް ކުރި އިއުލާނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ބަދަލު ކުރަން ކުރި މަސައްކަތް ވެސް މިހާތަނަށް ނާކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ގަރާޖް ހުއްދައިގެ ކަންކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީއާ ސިޓީ ކައުންސިލާ ކުރެވުނު މުއާމަލާތްތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ، އެއް ކަމެއްގައި ދެ ތަނަށް ދާން ޖެހޭ މައްސަލައިގައި ކޮންމެވެސް އެއް މުއައްސަސާއަކުން ގަރާޖް ހުއްދަ ދޫކުރުމުގެ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނު ކަމަށެވެ.
"ދެ ތަނަކަށް ގޮސް ރައްޔިތުންނަށް އުނދަގޫތަކެއް ވެޔޭ، ވަރަށް ވަގުތު ހޭދަވެޔޭ. އެހެންވެ އަޅުގަނޑުމެން އެދުނީ ކޮންމެވެސް އެއް މުއައްސަސާއަކުން މިކަން ކުރާ ގޮތް ހަމަޖައްސައިދެއްވާށޭ. ކޮންމެވެސް އެއް ތަނަކުން ހަމަޖައްސައިދިނީމަޔޭޭ މާލެ ސިޓީ ރައްޔިތުންނަށް ފަސޭހަވާނީ." މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު ކުއްލިޔަކަށް މި އިއުލާން ނެރުނީ އެކަމަށް އެދި ފޮނުވި ސިޓީއަށް ވެސް ޖަވާބުދާރީ ނުވެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން ގަރާޖް ހުއްދައިގެ ބައެއް ކަންކަމުގައި ދާން ޖެހެނީ ސިޓީ ކައުންސިލަށެވެ. އަނެއް ބައި ކަންކަމުގައި ދާން ޖެހެނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ. އުސޫލުގައި ބުނާ ގޮތުން އުޅަނދުގެ ރަޖިސްޓްރީގެ ކަންކަން ފުރިހަމަ ވަނީ މި ދެ މުއައްސަސާއިން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުންނެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ހަވާލުކުރާ ކޮންމެ މަސައްކަތެއް ކުރަން މާލެ ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ކަންކަމުގެ ތެރެއިން ގަރާޖް ހުއްދަ ދޫކުރަން ވެސް ތައްޔާރު ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ތާރީހު ފަސްކުރަން އެދެން ޖެހުނީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި މި ހިދުމަތް ފޯރުކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުންވާ ވަސީލަތްތައް ހަމަޖައްސަން ކުރި މަސައްކަތްތައް ނާކާމިޔާބު ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެކަށީގެންވާ ވަރުގެ އެއްބާރުލުމެއް ނުލިބޭ ކަން މުއިއްޒު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
"މަސައްކަތެއް ބަދަލުކުރުމުގައި ކުރެވެން ޖޭހެ އެތައް ކަމެއް އޮންނާނެ. މަޝްވަރާތަކެއް ހިންގަން ޖެހޭނެ. ރިސޯސަސް ބަދަލުކުރެވެން ޖެހޭނޭ. އެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި މިހާތަނަށް އެ މަސައްކަަތް ކުރި މުވައްޒަފުން އަޅުގަނޑުމެންނަށް ބަދަލުކުރެވި، ބަޖެޓު ބަދަލުކުރެވި، މިފަދަ ރިސޯސަސް ބަދަލުކުރެވުނީމަ އަޅުގަނޑުމެންނަށް އެ ހިދުމަތް ދެވޭނީ" މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިޔަށް މި އޮތް ދެ ހަފުތާ ސަރުކާރު ބަންދު ކުރާ އިރު، ސިޓީ ކައުންސިލުން އެދެނީ ސަރުކާރު ހުޅުވާ ތާރީހު ކަމުގައިވާ އޮގަސްޓް 1 އިން ފެށިގެން އޮތް ތާރީހު ފަސްކޮށް، މިކަމަށް ބޭނުންވާ ކަންކަން ހަމަޖެހެންދެން އެ ތާރީހު ފަސްކުރަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.












