ދައުލަތުގެ އިދާރާތަކަށް އެއް ޕްލެޓްފޯމަކުން މަސައްކަތް ކުރެވޭނެހެން މައިކްރޯސޮފްޓް 365 ގެ ހިދުމަތް ބޭނުން ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިންނެވެ. އެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން ނޫން ކަމަށެވެ.
އެގޮތުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗާ، ހިންގުން އަދި މަސައްކަތް ކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތް ކުރާ ބައެއްގެ ވިސްނުންވެސް ބަދަކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހާއްސަ ގޮތެއްގައި ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށްވެފައި މައިކްރޯސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލެވި ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި އެފަދަ ބަދަލަކާއިއެކު ސައިކަލު، ކާރު އަދި ފެރީ ދަރުތުތައް މަދުވެ، މާހައުލީ ނިޒާމަށް ގެއްލުންވާ ކާބަންޑައިއޮކްސައިޑް ފަދަ ގޭސްތައް މާހައުލަށް ބޭރުވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް މިނސްޓަރު ވިދާޅުވި އެވެ.
"ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ މިއަދު ވަރަށް މުހިއްމު. ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން އެކަންޏެއް ނޫން. ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗާ، ހިންގުން އަދި މަސައްކަތް ކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތް ކުރާ ބައެއްގެ ވިސްނުންވެސް ބަދަކުރަންޖެހޭނެ." ޝައުނާ ވިދާޅުވި އެވެ.
މިނިސްޓްރީގެ އުއްމީދަކީ މައިކްރޯސޮފްޓް 365 ގެ އެހީގައި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ފަސޭހަކަމާއިއެކު މަސައްކަތް މެނޭޖްކުރެވި، މަސައްކަތްކުރާ ޓީމާއި ބައްދަލުކުރެވި، ހަވާލުކުރެވޭ ޓާގެޓްތައް ފުރިހަމަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ.













