މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރަމުން އަންނާތީ ނަތީޖާ ލިބުން ލަސްވެދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އެއާއެކު ގިނަ ބަޔަކު ތިބީ މާލޭގައި ތާށިވެ ނަފްސާނީ ގޮތުން އުނދަގޫވެފަ އެވެ. އެގޮތަށް އޮންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މި މަހުގެ ހަތްވަނަ ދުޗަހު ވަނީ އެ ބަންދުން ވީއްލި ދަތުރުކުރެވިދާނެ ކަން އިއުލާންކޮށްފަ އެވެ.
މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ. ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ނެގެޓިވް ޕީސީއާރަކާއެކު ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭން ވަނީ ނިންމާފަ އެވެ.
އެޗްޕީއޭން ބުނީ ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީސީއާރް ޓެސްޓު ހަދަމުންދާތީ ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން ޓެސްޓުކުރުމުގައި ކޮވިޑްގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަން ދޭނެ ކަމަށް އެޗްޕީއޭން ބުނެ އެވެ.

މާލެއިން އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރާއިރު އަދި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
އެގޮތުން، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި ތިމާ އާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެންމީހުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުމަށް ވެސް ހަނދާކޮށްދީފައި ވެ އެވެ.













