މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ ވިއުގަ އަންނަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށައި، މާލޭގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ޖަނަރޭޓަރުތައް ނިއްވާލެވޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތުގައި ވަގުތީ ގޮތުން ބަހައްޓާފައި ހުންނަ ހަތަރު ޖަނަރޭޓަރުތަކުން އެކިއެކި އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ނަމަވެސް، ސްޓެލްކޯއިން ތަކުރާރުކޮށް ބުނަމުން އައީ، އެއީ ވަގުތީ ޖަނަރޭޓަރުތަކެއް ކަމަށާއި އެ ޖަނަރޭޓަރުތައް ބެހެއްޓީ ހުޅުމާލެ އާއި މާލެ އިންޓަކަނެކްޝަން މަސައްކަތް ކުރިއަށް ގެންދާ އިރު މާލޭގައި ދޭ ކަރަންޓްގެ ހިދުމަތަށް ބުރޫ އެރިޔަ ނުދިނުމަށް ކަމަށެވެ.
ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލުވާނީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ނިމުމުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ވެސް ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު މިއަދު "އަދަދު"އަށް ވިދާޅުވީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން ކަރަންޓު ވިއުގަ މިހާރު ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ ހުކުރު ދުވަހު އެ ވިއުގަ ބޭނުންކުރަން ފަށާނެ ކަމަށެވެ.
"އެ ވިއުގަ ބޭނުންކުރަން ފެށުމާ އެކު މާލޭގައި ބަހައްޓާފައިވާ ހަތަރު ޖަނަރޭޓަރު ވެސް އަޅުގަނޑުމެންނަށް ނިއްވާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ބެހެއްޓި 50 މެގަވޮޓްގެ ކަރަންޓު ޖަނަރޭޓަރު ސެޓު މާލެއާ ގުޅާލަނީ ސިނަމާލޭ ބްރިޖުގެ އަރިމަތިން ގެންނަ ކޭބަލަކުންނެވެ.
މާލޭގައި ކަރަންޓު ބޭނުން ކުރާވަރު އުޅެނީ 60-70 މެގަވޮޓާ ދެމެދުގެ އަދަދެއްގަ އެވެ. މާލޭގައި ބަހައްޓާފައި ހުރި ސްޓެލްކޯ އިންޖީނު ގެއިން އުފެއްދެނީ ގާތްގަނޑަކަށް 90 މެގަވޮޓްގެ ކަރަންޓެވެ.
ޝަކުވާ ބޮޑުވެފައިވާ ޖަނަރޭޓަރުތައް ނިއްވާލަން ތައްޔާރުވެފައިވާއިރު، އެ ޖަނަރޭޓަރުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދެ މައްސަލައެއް މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
މިހާރު ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޮޓްގެ ޖަނަރޭޓަރު ސެޓުގެ އިތުރުން ހަމަ އެ ސައިޒުގެ އިތުރު ޖަނަރޭޓަރު ސެޓެއް ހުޅުމާލޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ.
އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.














