ޕީއެސްޖީ (ޖުލައި 14) - ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ ބެހޭގޮތުން އޭނާ އަށް ލަފައެއް ދޭނަމަ އެދޭނީ ޕީއެސްޖީގައި މަޑުކުރަން ކަމަށް ދާދި ފަހުން އެ ޓީމާ ގުޅުނު ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރާމޯސް ޕީއެސްޖީ އަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 22 އަހަރުގެ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އަދި އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ރާމޯސް ކުރިން ކުޅުނު ރެއާލް މެޑްރިޑަށެވެ.
ޕީއެސްޖީއާ އެކު ފަރިތަކުރުންތައް ފެށުމަށް ފަހު އެ ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުނީ ކުޅުންތެރިއަކު ނިންމާނެ އަމިއްލަ ނިންމުމަކަށް ނުފޫޒުފޯރުވަން ބޭނުންނުވާ ކަމަށެވެ. އެކަމަކު، ގާތް މީހެއްގެ ހައިސިއްޔަތުން ނަސޭހަތެއް ދޭނަމަ އެމްބާޕޭ ގާތުގައި ބުނާނީ ޕީއެސްޖީގައި މަޑުކުރަން ކަމަށް ރާމޯސް ބުންޏެެވެ.
"އަހަރެން ބޭނުންވޭ އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ޓީމަކަށް ކުޅެން. އަހަރެން އެދޭނީ އޭނާ ޕީއެސްޖީގައި މަޑުކުރަން،" ރާމޯސް ބުންޏެވެ.
ސޯޅަ އަހަރަށް ފަހު ރެއާލް ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް ބުނީ އޭނާ ރެއާލް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި ކްލަބްގައި މަޑުކުރަން ބެލިއިރު، އެ ޓީމުން ކުރި މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށެވެ. ރެއާލްގައި މަޑުކުރިނަމަ ރާމޯސް އެދޭނީ އެމްބާޕޭ އެ ޓީމަށް އަންނަންތޯ ސުވާލުކުރުމުން ރާމޯސް ބުނީ އަބަދުވެސް ގޮތެއް ނިންމުމުގެ އިހުތިޔާރު އޮންނާނީ އެމްބާޕޭ އަތުގައި ކަމަށެވެ.
"އަހަންނަށް ނޭނގޭ އެމްބާޕޭ ވިސްނަނީ ކިހިނެއް ކަމެއް. އޭނާގެ ކެރިއަރަށް ރަނގަޅު ގޮތެއް ނިންމާނީ އޭނާ ވަރަށް ރަނގަޅަށް ވިސްނާފައި. އޭނަ އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް. އޭނަ އަށް ރަނގަޅު ޓީމެއް ބޭނުންވޭ ކާމިޔާބީ ހޯދަން. އަހަރެން ދެކޭ ގޮތުގައި ޕީއެސްޖީގައި މި އޮތީ އެ ފަދަ ޓީމެއް،" އުމުރުން 35 އަހަރުގެ ރާމޯސް ބުންޏެވެ.
ޕީއެސްޖީއާ އެކު އެމްބާޕޭ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވަނީ އެމްބާޕޭ ނުވިއްކާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ސީޒަނުގައި ޕީއެސްޖީން ވަނީ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު އެމްބާޕޭ އަދި ރަސްމީކޮށް ޕީއެސްޖީގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ބޭނުމެއްނުވާތީ ވާހަކަތައް އޮތީ މަޑުޖެހިފަ އެވެ.












