އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން މި މަހު ލިބޭ ދިގު ޗުއްޓީ މެދުކެނޑޭ ދެ ދުވަސް ވެސް ސަރުކާރު ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް އަންނަ ހުކުރުން ދުވަހުން ފެށިގެން 12 ދުވަސް ސަރުކާރު ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
އެގޮތުން، މި ހިނގާ ޖުލައި މަހުގެ 16 އިން 27 އާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.
ނަމަވެސް، ބަންދަށްފަހު އަންނަ ޖުލައި 28 ވާ ބުދަ ދުވަހާއި އަދި 29 ވާ ބުރާސްފަތި ދުވަހު ސަރުކާރު އޮފީސްތައް ހުޅުވުމަށްފަހު، އަނެއްކާވެސް ހަފްތާ ބަންދު ވަންނާތީ، ގިނަ ބަޔަކު އެކަމުގެ ޝަކުވާކުރި އެވެ.
އެކަމާ ގުޅިގެން އެ ދެ ދުވަސް ވެސް ސަރުކާރު ބަންދުކޮށްދިނުމަށް ރައީސް ސޯލިހު ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މިގޮތަށް ހަމަޖައްސަވައިދެއްވާފައިވަނީ އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންކަމަށް އެ އޮފީހުން އިތުރަށް ބުނެފައި ވެ އެވެ.
މިގޮތަށް ހަމަޖެއްސެވުމުން، ޖުލައި 16 ގައި ފެށޭ ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅުން އަރައިގަނެ، ސްކޫލުގެ ރަސްމީ ބަންދާއި އީދު ބަންދާ ވެސް ދިމާކޮށް ކޭސްތަކުގެ އަދަދު ދަށްވާން ފެށުމާއެކު ގިނަ ލުއިތަކެއް ވަނީ ދީފަ އެވެ.
މިހާރު މިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލް ބަދަލުކޮށްފަ އެވެ. ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ނެގެޓިވް ޕީސީއާރަކާއެކު ދަތުރު ކުރެވެ އެވެ.
އެއާއެކު މާލޭން އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ހާއްސަ ގޮތެއްގައި ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރާއިރު އަދި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.












