ލަންޑަން (ޖުލައި 10) - މި ފަހަރުގެ ވިމްބަލްޑަން ފައިނަލުގައި ޗެކް ރިޕަބްލިކްގެ ކެރޮލީނާ ޕްލިސްކޯވާ ބަލިކޮށް އޮސްޓްރޭލިއާގެ އެޝްލެއި ބާޓީ މުބާރާތުގެ އަންހެން ސިންގަލްސް ތަށި އުފުލާލައިފި އެވެ.
މިއީ މިދިޔަ 41 އަހަރު ތެރޭ އޮސްޓްރޭލިއާ އަށް ނިސްބަތްވާ އަންހެން ކުޅުންތެރިއަކު ވިމްބަލްޑަން ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ވިމްބަލްޑަން ކާމިޔާބުކުރި އޮސްޓްރޭލިއާގެ އަންހެން ކުޅުންތެރިއަކީ 1980 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވޯން ގޯލަގޯން ކޯލީ އެވެ. އެވޯން އަކީ މިރޭ ޗެމްޕިއަންކަން ހޯދި ބާޓީ އެންމެ ސަޕޯޓްކުރާ ޓެނިސް ކުޅުންތެރިޔާ އެވެ.
ދުނިޔޭގެ 13 ވަނައިގައި އޮތް ކެރޮލީނާ އާއި އެއް ވަނައިގައި އޮތް ބާޓީ މި ފަަހަރުގެ ފައިނަލުގައި ކުޅުނުއިރު، މިއީ މި ދެ ކުޅުންތެރިންގެ ވެސް ފުރަތަމަ ވިމްބަލްޑަން ފައިނަލެވެ. އެންމެ ފަހުން މުޅިން އަލަށް ދެ އަންހެން ކުޅުންތެރިން ވިމްބަލްޑަންގެ އަންހެން ފައިނަލެއްގައި ކުޅުނީ 1977 ވަނަ އަހަރު އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ފަހަރުގެ ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 6-3 6-7 (4-7) 6-3 އިންނެވެ. ބާޓީ މޮޅުވީ ސެޓުތަކުގެ މެޗު ޕޮއިންޓާ ހަމައިން ދެެއްކި ހިތްވަރުންނެވެ.

ކެރޮލީނާ (ކ) އާއި ބާޓީ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
"މިއީ ދުވަހަކު ވެސް އަހަރެން އުއްމީދު ކުރި ކާމިޔާބެއް ނޫން. އަހަރެން މި ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. އަހަރެން ރޭގަ ނުނިދަން. ފައިނަލުގައި ވާނެ އެކި ގޮތްގޮތާ މެދު ވިސްނަން އޮވެވުނީ. އަހަރެން އެންމެ އުފާވަނީ އެވޯންގެ ކާމިޔާބީ އަށް ފަހު އަހަންނަށް މިކަން ހާސިލްކުރެވުމުން. މި މެޗު ބަލަން އައި ކޮންމެ ސަޕޯޓަރަކީ އަހަރެންގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގެ ހިއްސާއެއް އޮތް މީހެއް،" ރޮވިފައި ހުރެ އިންޓަވިއުގައި ވާހަކަ ދެއްކި ބާޓީ ބުންޏެވެ.
މިއީ އުމުރުން 25 އަހަރުގެ ބާޓީ ކާމިޔާބުކުރި ދެ ވަނަ ގްރޭންޑް ސްލޭމް ތަށްޓެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ފްރެންޗް އޯޕަން ތަށި ވެސް އުފުލާލައިފަ އެވެ. އެއީ ފައިނަލުގައި ޗެކް ރިޕަބްލިކްގެ މަކޭޓާ ވޮންދްރޮސޯވާ ބަލިކޮށްފަ އެވެ.
މިރޭގެ ފައިނަލުގައި ބަލިވި ކެރޮލީނާ ފުރަތަމަ ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދަން ކުރާ އިންތިޒާރު މި ވަނީ ދިގުވެފަ އެވެ. ކުރިން ދުނިޔޭގެ އެއް ވަނަ މަގާމަށް ވެސް އެރި ކެރޮލީނާ ވަނީ 2016 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ވެސް ބަލިވެފަ އެވެ.
މާދަމާ ކުޅޭ ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ކުޅޭނީ އިޓަލީގެ މަޓެއޯ ބެރެޓީނީއާ އެވެ. މި މެޗުން މޮޅުވެއްޖެނަމަ ޖޮކޮވިޗަށް 20 ގްރޭންޑް ސްލޭމް ހަމަކޮށް ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލްގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަކުރެވޭނެ އެވެ.
އުމުރުން 25 އަހަރުގެ ބެރެޓީނީ އަކީ 1976 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ އިޓަލީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ސެމީ ފައިނަލުގައި ޕޮލެންޑްގެ ހިއުބާޓް ހުކާޒް ބަލިކޮށްފަ އެވެ.












