ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވައިފި އެވެ.
ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހެވެ.
މާރިޔާއާ އެކު ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ހަމަލާއާ ގުޅޭ ތަހުގީގުތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ މިންގަނޑުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އިންސާފު ގާއިމުކުރެވެންދެން، ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ ރިޕޯޓުތައް ވެސް ތައްޔާރުކުރައްވާނެ ކަމަށެވެ.

ރައީސްގެ ހާއްސަ މަންދޫބު ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވާފައި ވާއިރު، މަޖިލީހުގެ 241 ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދަށް ދޭން އުޅުނު ހަމަލާގެ މައުލޫމާތު މާރިޔާއަށް ލިބިވަޑައިގެން އެކަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތަކަށް އަމަލު ނުކުރެއްވުން ބަލައެއްނުގަނެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިން ރޭ އެ ސަރަހައްދުގައި މޯބައިލް ރޭންޖު ބުލޮކް ކުރާ ޖޭމަރު ބޭނުން ނުކުރުމާއި އެ ސަރަހައްދު ކުރީ ބައިގައި ބަލައި ފާސް ނުކުރުމަކީ ވެސް ފެއިލުވުމެއް ކަމުގައި ރިޕޯޓުގައި ބުނެފައިވެ އެވެ.













