ސްޕޯޓްސް ފިޝިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ކަނޑުގައި އިތުރު މަސް ކަނދުފަތިތަކެއް އެޅުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ދޮށީގެ މަސްވެރިކަމަށް ހާއްސަ ކޮށްގެން ރާއްޖޭގައި މިވަގުތު 56 ކަނދުފަތި އަޅާފައިވާއިރު, އޭގެން ކޮންމެ އެއްޗެއްގެ އަގަކީ 250،000 ރުފިޔާ އެވެ. ކަނދުފަތި އަޅަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ކުރެވޭ ގޮތަށެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ދޮށީ މަސްވެރިކަމުގެ ބޭނުމަށް އަޅާފައިހުރި ކަނދުފަތިތައް ކައިރި ނަނު ފައްތައިގެން މަސްވެރިކަން ކުރާތީ ކަނދުފަތިތަކަށް ގެއްލުން ލިބި ކަނޑައިގެންދެ އެވެ.
ދޮށީ މަސްވެރިކަމުގެ ބޭނުމުގައި ނޫން ގޮތަށް ކަނދުފަތިތައް ބޭނުން ކުރުން މަނާ ކޮށްފައިވީ ނަމަވެސް، އެކަން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަތު ނަނުގެ މަސްވެރިކަން ކުރާ މީހުން ބޮއެގައި އަށްސައިގެން އެބަ އުޅޭ. އެއީ ވަރަށް ގޯސް ކަމެއް ނޫންތޯ؟ އެހެންވެ ވަރަށް އަވަހަށް ކަނޑައިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: އިތުރު ކަނދުފަތިތަކެއް އެޅުމަށް ދަނީ މަޝްވަރާ ކުރަމުން-- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި އިތުރު ކަނދުފަތިތަކެއް އަޅައިފިނަމަ މަސް ހިފެހެއްޓޭވަރު އިތުރު ވާނެ ކަމަށް ފެންނާތީ ކަނދުފަތިތައް ގިނަ ކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ކަނދުފަތި ވިއުގައި މިހާރަށް ވުރެން ފުޅާ ކުރެވެއްޖެއްޔާ ރާއްޖޭގެ ސަރަހައްދުގައި މަސް ހިފަހައްޓާފައި ހުންނަ މިންވަރު އިތުރުވާނެ. މިހާރު އަޅުގަނޑުމެން އަންދާޒާ ކުރަނީ ކަނދުފަތިތައް ކައިރި މަސް ހުންނަނީ ދެ ދުވަސް ތިން ދުވަހު ކަމަށް. މިއަށް ވުރެން ކަނދުފަތި ގިނަ ކޮށްފިއްޔާ، ޑަބަލް ކޮށްފިއްޔާ ހަތް ދުވަސް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ މީހުންނަށް ހާއްސަ ކަނދުފަތިތަކެއް އަތޮޅުތަކުގެ އެތެރޭގައި އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭރަށް ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ ކަނދުފަތިތަކަށް ގެއްލުން ލިބުން ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޮއިވާލި ކަނދުފަތި ހަރުކުރަނީ: ރާއްޖޭގައި އިތުރު ކަނދުފަތިތަކެއް އެޅުމަށް ދަނީ މަޝްވަރާ ކުރަމުން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްވެރިކަމަށް ބޭނުންވާ އެން ލިބުން ވެސް ރާއްޖޭގައި ވަނީ ދަތިވެފަ އެވެ.
ހާއްސަކޮށް ދެކުނު އަތޮޅުތަކުގައި އެން ހޯދުމަށް ވަރަށް އަޑިއަށް ފީނަން ޖެހެ އެވެ. އޭގެ ސަބަބުން ބޮޑެތި ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.
އެން ހޯދުން ދަތިވެފައިވާއިރު އެމަށް ހާއްސަ ކަނދުފަތިތަކެއް އެޅުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާތަނަށް ރާއްޖޭގައި އެފަދަ ކަނދުފަތިތަކެއް އަޅާފައެއް ނުވެ އެވެ.
މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކަނދުފަތިތައް އިތުރު ކުރުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.













