ދިވެހިރާއްޖެއަށް އެތެރެ ކުރާ ކެމިކަލްތައް ރަނގަޅު ގޮތުގައި މެނޭޖް ކުރުމަކީ އޮތް ގޮންޖެހުމެއް ކަމަށާއި އެއީ ސަމާލުކަންދޭންޖެހޭ މަސައްކަތެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ކެމިކަލް މެނޭޖް ކުރާނެ ތަނެއް ގާއިމްކުރުމަށް ފީސިބިލިޓީ ދިރާސާއެއް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އެ ފެސިލިޓީ ގާއިމް ކުރުމުން ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތަކަށް ކެމިކަލް ނައްތާލެވޭނެ ކަމަށެވެ.
"މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި ފެސިލިޓީގެ އިންޖިނިއަރިން ޑިޒައިން ތައްޔާރު ކުރުން ހިމެނޭ،" ޝައުނާ ވިދާޅުވި އެވެ.
ކެމިކަލް މެނޭޖް ކުރާ ފެސިލިޓީއެއް ގާއިމް ކުރުމުން ކުނި ނައްތާލާއިރު ނުރައްކާތެރި ކުނީގެ ބާވަތްތައް ވަކިކޮށް ކެމިކަލްތައް ވެސް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ނައްތާލެވޭނެ ކަމަށެވެ. އެ ފެސިލިޓީގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޖަރުމަނުވިލާތުގެ ފިޗްނާ އިންޖިނިއަރިން އެންޑް ކޮންސަލްޓިންއާ ހަވާލުކޮށްފައި ވަނީ 1.6 މިލިއަން ރުފިޔާއަށެވެ.
"ރައްކާތެރި ގޮތުގައި ކެމިކަލްސް ބޭނުންކުރުމާއި ކެމިލަސް މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް. ރައްކާތެރި ގޮތުގައި ކެމިކަލްސް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީސް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޖެކް އެކްޝަންޕްލޭންގައި ވަނީ ހިމަނާފައި،" ޝައުނާ ވިދާޅުވި އެވެ.

ކެމިކަލް މެނޭޖް ކުރާ ފެސިލިޓީއެއް މި ހަދަނީ ގްލޯބަލް އެންވަރަމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއި އެކު މިދިޔަ އަހަރު ފަށާފައިވާ "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ހިންގާ މަސައްކަތެކެވެ.












