އިނގިރޭސިވިލާތުން ނެރޭ އިންސާނީ ހައްގުތަކާ ގުޅޭ ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓު އޮފީހުން ނެރޭ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުގައި ހިމަނަނީ އިންސާނީ ހައްގުތަކާމެދު ކަންބޮޑުވުން އޮތް ގައުމުތަކެވެ.
އެ ލިސްޓުން އުނިކުރަނީ އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތާއި އެ ހާލަތު ބަދަލު ކުރުމަށް ކުރާ މަސައްކަތް ކުރިއަށްދާ ގޮތާއި އެ ގައުމެއްގެ ހާލަތު ބަދަލު ކުރުމަށް އިނގިރޭސިވިލާތުން ކުރެވެން ހުރި މަސައްކަތްތަކަށް ބެލުމަށްފަހު އެވެ.
ޕްރަޔޯރިޓީ ލިސްޓުން އުނިކުރި ދިވެހިރާއްޖޭގެ އިތުރުން ބުރުންޑާއީ އެވެ. ލިސްޓަށް އިތުރުކޮށްފައި ވަނީ ބެލަރުސް، މާލީ އަދި ނިކަރާގުއާ އެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމަށް މަރުހަބާ ދަންނަވައިފަ އެވެ.

"މިއީ އިންސާނީ ހައްގުތައް ކުރިއަރުވާ ރައްކާތެރި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތްތައް ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިގަންނަ ކަމުގެ ސާފު ހެއްކެއް،" ޝާހިދު ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.












