ނަފުރަތުގެ ބިލު ދިފާއު ނުކުރާތީ ސަރުކާރަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން

މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު. -ފޮޓޯ: ރައީސް އޮފީސް

މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު. -ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ދިފާއުނުކޮށް އެ ބިލު ބަޔަކު ބޭނުންހާ ގޮތަކަށް އިސްލާހުކުރަން ފުރުސަތު ދީފައިވާކަމަށް ތުހުމަތުކޮށް، އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފި އެވެ.

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

އެ މާއްދާ ކޮމިޓީން އިސްލާހުކުރީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި އާއްމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ ވެސް ހިއްސާކުރެ އެވެ.

އެ މާއްދާގެ ދެވަނަ ނަންބަރު ކޮމިޓީން އިސްލާހުކުރިއިރު އޮތީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުން ކުށަކަށްވާ ގޮތަށެވެ.

ކޮމިޓީން އެ ބިލު އިސްލާހުކުރި ގޮތާމެދު ހުރި ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މެދުވެރިކޮށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް، އެ ބިލާ މެދު މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެއްބަސްވުނުވެވި، އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން ޖުޑީޝަރީގެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.

އޭނާ މިއަދު ވެސް ވިދާޅުވި ގޮތުގައި، އެ ބިލަށް ކޮމިޓީން އިސްލާހުތައް ގެނައީ ވަރަށް ފުޅާކޮށް ހިޔާލު ހޯދައިގެން ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކޮމިޓީން ބޭނުންނުވި މިންވަރަށް ވެސް އެ ބިލަށް ދޫތަކެއް ދެވުނު ކަމަށެވެ.

އަދި އެ ބިލު މިހާރު އިސްލާހުކޮށްފައިވާ ގޮތާމެދު ސިޔާސީ ގޮތުން އިސްވެ ނޫޅުއްވާ ދީނީ އިލްމުވެރިން ވެސް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މި ބިލު ސަރުކާރުން ހުށަހެޅީ ދީނުގައި ނަމުގައި ނަފުރަތު އުފައްދައިގެން، މީހުންގެ ލޭ ހުއްދަކޮށް ގަތުލު ކުރަމުންދާތީ އެވެ.

އެހެންކަމުން، އެ ބިލު ސަރުކާރުން ވެސް ދިފާއުކޮށްދޭންޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ސަރުކާރުން މި ބިލު ޑިފެންޑު ކުރަން ޖެހޭނެ. ސްޓޭންޑް ވަރުގަދަވާންޖެހޭނެ. ކެރެން ޖެހޭނެ ސްޓޭންޑެއް ނަގައިފިއްޔާ. އެ ސްޓޭންޑުގައި ދެމި ތިބެން ޖެހޭނެ. ކެރެން ޖެހޭނެ. އަމާޒެއް އޮންނަންޖެހޭނެ،" އިންތި ވިދާޅުވި އެވެ.

އެ ރިޕޯޓުގެ ބަހުސްގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލަންޖެހުމުން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

މީކާއީލް ވިދާޅުވީ ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ގަތުލުތަކުގެ ފަހަތުގައި އޮތް ސަބަބުން ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލު ދިފާއުކުރުމުގެ ހިތްވަރު ހުންނަންޖެހޭ ކަމަށެވެ.

"މި ފިނޑި ސުޕާ މެޖޯރިޓީ ދެން ޑރ. އަފްރާޝީމް އަލީގެ ވާހަކަ ދައްކައިގެން ނުވާނެ. މި ފިނޑި ސުޕާ މެޖޯރިޓީ ދެން ޔާމީން ރަޝީދުގެ ވާހަކަ ދައްކަވައިގެން ނުވާނެ. މިއީ ފިނޑި 65،" އެ ބިލާ ދެކޮޅު ހަދާ އެމްޑީޕީގެ މެމްބަރުންނަށް ވެސް އަމާޒުކޮށް މީކާއީލް ފާޑުވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ބިލަކާމެދު ސަރުކާރުގެ ތެރޭގައި ހިލާފު އުފައްދައިގެން "ސަކަރާތް" ޖަހާ ކަމަށް އިދިކޮޅު މެމްބަރަކު ވިދާޅުވުމުން، ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ ޖަވާބު ދެއްވައިފަ އެވެ.

އީވާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައި، އެއަށް އަނެއްކާ ވެސް އިސްލާހުތަކެއް ހުށަހަޅައިގެން މި ހޭދަވި މުއްދަތުގައި ހާސިލުވި ހަމައެކަނި ނަތީޖާއަކީ އެ ބިލު ސަރުކާރަށް ހުށަހަޅައި ދެއްވި ހިސާން ހުސެއިން ނުރައްކަލަށް ހުށަހެޅުން ކަމަށެވެ.

އެގޮތުން، ހިސާނަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެން 24 ގަޑިއިރު ސެކިޔުރިޓީ ފޯރުކޮށްދޭންޖެހިފައިވާކަން އީވާ ފާހަގަކުރެއްވި އެވެ.

"އެކަމަނާގެ އަމިއްލަ ގޭގައި އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ވަޑައިގެންނެވެނީ ސިފައިންނާއެކު. އެކަމަކު ސަރުކާރުގެ ތެރެއިން އެޓާނީ ޖެނެރަލް ނޫން އެހެން ބޭފުޅަކު ހިސާން ދިފާއުކޮށްދެއްވި ތަނެއް ނުފެނޭ. އެހެންވީމާ މިއީ އަޅުގަނޑުމެންނަށް ސަކަރާތެއް ވެސް ނޫން. ސަމާސާއެއް ނޫން،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާއިރު، އިދިކޮޅުން ވެސް އެ ބިލާ ދެކޮޅު ހަދަމުންދާތީ، މިއަދުގެ ޖަލްސާގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox