ލަންޑަން (ޖުލައި 8) - އަންނަ އާދިއްތަ ދުވަހު ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ކުޅެން ޖެހުމަކީ އިންގްލެންޑަށް ބޮޑު ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ސެމީ ފައިނަލުގައި ރޭ އިންގްލެންޑުން ފަހަތުން އަރައި 2-1 އިން ޑެންމާކް ބަލިކޮށް ފައިނަލުގެ ފުރުސަތު ހޯދިއިރު، މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭ ފުރަތަމަ ފަހަރެވެ. އިންގްލެންޑް ބޮޑު މުބާރާތެއްގެ ފައިނަލުގައި މިހާތަނަށް ކުޅެފައިވަނީ 1966 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގަ އެވެ. މި ފަހަރުގެ ފައިނަލް ވެސް އަންނަ އާދިއްތަ ދުވަހު އޮންނާނީ އިންގްލެންޑްގަ އެވެ.
"އަހަރެން ކުރިން ވެސް ބުނަމުން މި އަންނަނީ މި ޓީމުގައި މި އޮތް ގްރޫޕްގެ ކުޅުންތެރިންނަކީ ތާރީހު ލިޔެވޭފަދަ ކާމިޔާބެއް ހޯދޭނެ ކުޅުންތެރިންނޭ. ދެން އަހަރެމެން މި އޮތީ ވަރަށް އުނދަގޫ ޗެލެންޖެއް. އިދިކޮޅަށް ނުކުންނަ ޓީމަކީ (އިޓަލީ އަކީ) މެޗަކުން ބަލިނުވެ ވަރަށް ގިނަ މެޗު ފުރިހަމަކޮށްފައި އޮތް ޓީމެއް. އަހަރެެމެންނަށް މި ޗެލެންޖުން ކާމިޔާބު ހޯދޭނީ ސަޕޯޓަރުންގެ އެހީއާ އެކު،" އިޓަލީ އެންމެ ފަހުން ކުޅުނު 33 މެޗުން ބަލިނުވެ އޮތުމަށް އިޝާރާތްކޮށް ސައުތުގޭޓް ބުންޏެވެ.
އިޓަލީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1968 ވަނަ އަހަރު އެވެ. އިންގްލެންޑަށް އަދި މި މުބާރާތުގެ ތަށީގައި އަތްލުމުގެ ނަސީބެއް ނުލިބެ އެވެ.
ރޭގެ މެޗުން މޮޅުވުމަކީ ސައުތުގޭޓަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އިންގްލެންޑް 1996 ވަނަ އަހަރުގެ ޔޫރޯ ސެމީން ބަލިވީ ސައުތުގޭޓް އަތުން ނާކާމިޔާބުވި ޕެނަލްޓީގެ ސަބަބުންނެވެ. އަނެއްކޮޅުން ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ ދެ ސެމީގައި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން އަދި 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް އަތުން ބަލިވެފަ އެވެ. އެކަމަކު، ރޭ ޑެންމާކް ބަލިކޮށް ޔޫރޯގެ ފައިނަލުން ޖާގަ ހޯދައި ސައުތުގޭޓް މި ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ.
"ތެދެއް ވަރަށް ދުވަސްކޮށްފައި އަހަރެމެންނަށް ސެމީ ފައިނަލުން ފެށިގެން ފައިނަލާ ހަމައަށް ދާން މި އޮތް ފިޔަވަޅު ގިރާކުރެވުނީ. ހަގީގަތުގައި މިއީ ވަރަށް މަސައްކަތް. އަހަރެމެން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީގައި ވެސް ވަރަށް ރަނގަޅަށް ކުޅެފައި ބަލިވީ. މި މެޗުގައި (ޑެންމާކާ ދެކޮޅަށް) އެހެން ވާން ބޭނުންނުވި،" ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑް މޮޅުވި ގޯލަކީ ޕެނަލްޓީއެއްގެ ރީބައުންސް އިން ހެރީ ކޭން ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ ޑެންމާކް އޭރިއާތެރެއިން އެ ޓީމުގެ ޔަކީމް މޭލާ އިންގްލެންޑްގެ ރަހީމް ސްޓާލިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަ އަށް ސްޓާލިން ބުނީ ބޯޅައާ ކުޅުމުގެ ބަދަލުގައި އޭނާ ގައިގައި ޑެންމާކް ކުޅުންތެރިން ޖެހުނު ކަމަށާއި އެހެންވެ، އެއީ ޕެނަލްޓީއެއް ކަމަށެވެ.
ސްޓާލިންގެ އެ ވާހަކަތަކާ ޑެންމާކްގެ ކޯޗު ކެސްޕާ ޖޮލްމަންޑް ބުނީ ސްޓާލިން އަށް ފައުލުކުރި ކަމަށް ބުނެ އިންގްލެންޑަށް ދިނީ ދޭން ނުޖެހޭ ޕެނަލްޓީއެއް ކަމަށެވެ.
"އަހަންނަށް މި ވަގުތު މިކުރެވޭ އިހުސާސްތަކުގެ ވާހަކަ މިހާރު ނެތް ބުނެވެން. ދެ ދުވަހެއް ވަރު ފަހުން މި ވާހަކަތައް ދައްކަން ފަސޭހަވެދާނެ. މި ވަގުތު އަހަންނަށް ބުނެވޭނެހާ ވެސް ވާހަކަ އަކީ އެއީ ޕެނަލްޓީއެއް ނޫނޭ،" ޖޮލްމަންޑް ބުންޏެވެ.
ޑެންމާކުން މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނީ 29 އަހަރަށް ފަހު އެވެ. ޑެންމާކުން ވަނީ 1992 ވަަނަ އަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. ޑެންމާކަކީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ފުރަތަަމަ ޓީމެވެ.












