ޑެންމާކް ބަލިކޮށް އިންގްލެންޑް ފުރަތަމަ ފަަހަރަށް ފައިނަލަށް

Jul 7, 2021, 9:36 PM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 8) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފަހަތުން އަރައި 2-1 އިން ޑެންމާކް ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފައިނަލުގައި އާދިއްތަ ދުވަހު އިންގްލެންޑް ކުޅޭނީ އިޓަލީއަ ދެކޮޅަށެވެ. މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ފަހުން މިވީ 55 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭ ފުރަތަމަ ފަަހަރެވެ.

އިންގްލެންޑް ވަނީ އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ފަހަރު ސެމީގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު އަތުން އިންގްލެންޑް ވަނީ ބަލިވެފަ އެވެ. އިންގްލެންޑުން ވަނީ މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކޮށްފަ އެވެ.

އިންގްލެންޑުން ވަނީ މި މެޗަށް ނުކުތްއިރު ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފަ އެވެ. ކުއާޓާ ފައިނަލުގައި ޔޫކްރެއިނާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ކުޅުނު ޖޭޑަން ސަންޗޯގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅުނީ ބުކާޔޯ ސަކާ އެވެ.

އިންގްލެންޑްގެ ސަކާ (ކ) އަތުން ބޯޅަ ހޯދަން ޑެންމާކްގެ މޭލާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ޓީމުގެ ފަަރާތުން މެޗު ފަށައިގެން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އިންގްލެންޑްގެ އޭރިއާތެރެއިން ޑެންމާކުގެ މިކޭލް ޑަމްސްގާޑް ޖެހި ބޯޅަ ވަނީ އަރިމަތިން ބޭރަށް ގޮސްފަ އެވެ. އިންގްލެންޑުން ފޮނުވާލި ފުރަތަމަ ހަމަލާގައި އޭރިއާބޭރުން ހެރީ ކޭން ފޮނުވާލި ޝޮޓެއް ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.

ޑެންމާކުން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި ޑަމްސްގާޑް ޖެހި ހިލޭ ޖެހުމުންނެވެ. މީގެ ފަސް ވަރަކަށް ދުވަސް ކުރިން 21 ވަނަ އުފަން ދުވަސް ފާހަގަކުރި ޑަމްސްގާޑް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އަތް ކައިރިންނެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ހިލޭ ޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ. އަދި އިންގްލެންޑް ކޮޅަށް މުބާރާތުގައި ވަން ފުރަތަމަ ގޯލެވެ. އިންގްލެންޑުން ވަނީ ކޮޅަށް ގޯލެއް ވަނަނުދީ 691 މިނިޓް ފުރިހަމަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 37 ވަނަ މިނިޓްގައި ރަހީމް ސްޓާލިން މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑުން އެއްވަރުކުރީ އޭގެ ދެ މިނިޓް ފަހުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހުސްކޮށްލާފައި އޭރިއާތެރެއިން ސަކާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލައިފަ އެވެ. އެ ބޯޅަ ސްޓާލިން އަށް ލިބުމުގެ ކުރިން ސަލާމަތްކުރަން ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ މަސައްކަތްކުރިއިރު، އޭނާ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފެނުނު 11 ވަނަ ބައިގޯލެވެ.

ދެ ވަނަ ހާފް ފެށިގެން ނުވަ މިނިޓް ތެރޭ އިންގްލެންޑަށް ލީޑުނަގައިދޭން ހެރީ މެގުއާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި މޭސަން މައުންޓް ނަގައިދިން ހިލޭ ޖެހުމަކުން މެގުއާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ޑެންމާކްގެ ކެސްޕާ ޑޯލްބާގް ޖެހި ޝޮޓް އަމާޒުވީ ކީޕަރު ޕިކްފޯޑް އަތަށެވެ.

އިންގްލެންޑުން ވަނީ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސަކާގެ ބަދަލުގައި ޖެކް ގްރީލިޝް ކުޅެން އަރުވައި ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން މެޗުގެ އިތުރު ވަގުތަށް ދެއްކި ހަ މިނިޓްގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އޭރިއާތެރެއިން ގްރީލިޝް ހުރަސްކޮށްލި ބޯޅަ ކޭން އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ގޯލާ ސީދާކޮށް ކޭން ޖެހި ނުރައްކާތެރި ބޯޅައެއް ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ޕެނަލްޓީގެ ރީބައުންސް ބޯޅަ ކޭން ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑަށް ފުރަަތަމަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 101 ވަނަ މިނިޓްގައި ކޭން އެވެ. ސްޓާލިން އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ކޭން ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ޝްމައިކަލް މަތަކުރި އެވެ. އެކަމަކު ރީބައުންސް ގޯލު ތެރެއަށް ފޮނުވާލައިގެން ކޭން ވަނީ އިންގްލެންޑަށް ލީޑުނަގައިދީފަ އެވެ. އެއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ، ޑެންމާކްގެ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ ނެދަލެންޑްސްގެ ޑެނީ މަކެއިލީ މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހޯ ހޯދުމަށް ފަހު އެވެ.

މި ގޯލާ އެކީ ކޭން ވަނީ ބޮޑު މުބާރާތްތަކުގައި (ޔޫރޯ އާއި ވޯލްޑް ކަޕް) އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އެ ޓީމުގެ ކުރީގެ ފޯވާޑް ގެރީ ލިނެކާގެ ރެކޯޑާ ހަމަކޮށްފަ އެވެ. ލިނެކާ އާއި ކޭން ކޮންމެ ކުޅުންތެރިއަކު ވަނީ 10 ގޯލު ޖަހައިފަ އެވެ. ކޭން ވަނީ މި ފަހަރުގެ ޔޫރޯގައި ޖުމްލަ ހަތަރު ގޯލު ޖަހައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ޑެންމާކުން އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ މާޓިން ބްރައިތުވެއިޓާއި ޔޫސެފް ޕޯލްސަން އަށް ލިބޭ ބޯޅަތަކުގައި އެންމެ ރަނގަޅަށް ބޭނުން ހިފޭ ގޮތެއްނުވި ނަމަވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތްކުރި އެވެ. އެގޮތުން އޭރިއާބޭރުން ބްރައިތުވެއިޓް ޖެހި ބޯޅައެއް ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

އިންގްލެންޑަށް ތިން ވަނަ ގޯލެއް ޖަހައިދޭން ސްޓާލިން ފޮނުވާލި ބޯޅަ ކީޕަރު ޝްމައިކަލް ވަނީ ހުއްޓުވައިފަ އެވެ. މިއީ 2014 ވަނަ އަހަރަށް ފަހު ޑެންމާކް އަތުން އިންގްލެންޑަށް ލިބުނު ފުރަތަަމަ މޮޅެވެ. މިދިޔަ އަހަރު ނޭޝަންސް ލީގުގައި ޑެންމާކުން ވަނީ އެ މެޗުން އިންގްލެންޑް ބަލިކޮށް އަނެއް މެޗުން އެ ޓީމު ބަލިކޮށްފަ އެވެ.

މިރޭގެ މެޗުން މޮޅުވުމަކީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އިންގްލެންޑް 1996 ވަނަ އަހަރުގެ ޔޫރޯ ސެމީން ބަލިވީ ސައުތުގޭޓް އަތުން ނާކާމިޔާބުވި ޕެނަލްޓީގެ ސަބަބުންނެވެ. އަނެއްކޮޅުން ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ ދެ ސެމީގައި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން އަދި 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭ ޑެންމާކް ބަލިކޮށް ޔޫރޯގެ ފައިނަލުން ޖާގަ ހޯދައި ސައުތުގޭޓް މި ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox