މިދިޔަ އަހަރާއި މި އަހަރަކީ މި ފަހުގެ ތާރީހެއްގައި ދިވެހި ސިއްހީ ދާއިރާ ކުރިމަތިލާންޖެހުނު އެންމެ ބޮޑު ދެ އަހަރެވެ. ކޮރޯނާގެ ބަލިމަޑުކަން ފެތުރި، ސިއްހީ ދާއިރާ ކުޑަ ކަކުލަށް ތިރިކޮށް، އެ ދާއިރާގެ ހިދުމަތްތެރިން ގާނުވާލައި ވަރުބަލިކޮށްލި އިރު މުޅި ގައުމު، ކުޑަކުދިން ވެސް ހިމެނޭގޮތަށް އޮތީ ނަފްސާނީ "ކާރިސާ" އެއްގެ ތެރެއަށް "ގެނބި" ގޮތްހުސްވެފަ އެވެ. މި ދަނޑިވަޅުގައި ނެތް ހަކަތަ އަށް ހިތްވަރު އާ ކޮށްގެން ގައުމު ހޭހަންކޮށްދޭން ނިކުމެ ތިބި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ދެއްކި ނަމޫނާ އަކީ އާދައިގެ ކަމެއް ނޫނެވެ.
ހާއްސަކޮށް، ބުރަކޮށް މަސައްކަތް ކުރަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑުއަހައި ނަފްސާނީ ގޮތުން މީހުން ހޭލުންތެރިކޮށް، ސިއްހީ ތެދު މައުލޫމާތު ފެތުރުމުގައި އަވަދިނެތި އުޅޭ ސީނިއާ ޑޮކްޓަރުން މީގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.
މި އާޓިކަލް ގައި މި ހިމަނާލަނީ ރާއްޖޭގެ އެންމެ މަގުބޫލު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ، އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީގެ ޓްވިޓާ އިން އަހަރެމެން ނަގައިލި ބައެއް މުހިއްމު ޓުވީޓުތަކެވެ.
ކޮވިޑްގެ ވާހަކަ ގިނައިން، ގޭގައި ކޮވިޑް މޮނިޓާކުރާނެ ގޮތާއި ސަމާލުވާނެ ގޮތް ކިޔައިދިން
ޕެންޑެމިކްގެ އެންމެ ކުރީކޮޅާއި، ރާއްޖޭގައި ވެކްސިން ޖަހަން ފެށި ދުވަސްކޮޅާއި އަވައްޓެރި އިންޑިއާގެ ކޮވިޑް-19 ހާލަތު ބޮއްސުންލައިގެން ދިޔަ ދުވަސްކޮޅާ ދިމާކޮށް ރާއްޖޭގެ ކޭސްތައް ދުވަހަކު ނުވާ ވަރަށް އިތުރުވި ދުވަސްކޮޅަކީ އެންމެ ބޮޑަށް މީހުން ތެދު މައުލޫމާތާއި އިރުޝާދަށް ބޭނުންވި ވަގުތު ތަކެވެ. މިއިން ކޮންމެ ވަގުތަކު މި ޑޮކްޓަރެއްގެ ޓުވިޓާ ފީޑުން އެތައް މުހިއްމު މައުލޫމާތެއް ހިއްސާކުރި އެވެ.
ކޮވިޑް އާއި ނޯމަލް ރޯގާ ގެ އަލާމާތްތައް ވަކިކުރާނެ ގޮތާއި މޮނިޓާ ކުރާނެ ގޮތް އޮޅުންފިލުވައިދިނެވެ.

ކޭސްތައް މަދުކުރަން މީހުން ވި ގުރުބާނީ ބަލައިގަތް، އަދިވެސް ސަމާލުވެ ތިބެން ނަސޭހަތް ދިން
އޭޕްރިލް ފަހުކޮޅަށް އައި އިރު ކޮރޯނާގެ ކޭސްތައް ދުވާލަކު ހާހަކަށްވުރެ މަތިވަމުން ގޮސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުތައް ގިނަވެގެން ދިޔަ ދުވަސްކޮޅަކީ އެންމެން ހާސްކޮށްލި ބިރުވެރި ވަގުތެކެވެ. އެކަމަކު އެޗްޕީއޭއިން ދިން ގައިޑްލައިންތަކާ އެއްގޮތަށް އެ ހާލަތުން އަރައިގަތުމަށް އާންމުން އަނެއްކާ ވެސް ގެތަކަށް ވަދެ ދަތި އުނދަގޫތަކެއް ތަހައްމަލުކުރި އެވެ.
އެއީ ކިހާ ވަރެއްގެ ގުރުބާނީއެއް ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު އަދި ވެސް އަހަރެމެން މި ތިބީ އެންމެ އަމާން އައްސޭރިއަށް އާދެވިފައި ނޫން ކަމުން އަދިވެސް މާސްކް އަޅައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައިގެން ތިބުމަށް ނަސޭހަތްތެރިވި އެވެ.
ޕިނާއި ތޫނު އެއްޗެހި އަނގަޔަށް ނުލާން ތަކުރާރުކޮށް ނަސޭހަތްތެރިވި
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ހަމަ މި މެސެޖެއް ތަކުރާރުކުރެއްވީ ޕިނެއް ފުއްޕާމެއަށް ގޮސްގެން ސާޖަރީއެއް ކުރަން ޖެހުނު ކޭސް އަކާ އެކު އެވެ. އަދި ވެސް މި ފަދަ ކޭސްތައް ތަކުރާރު ވަމުންދާތީ، މިކަމުގެ ސީރިއަސްކަމަށް ސަމާލުވެ، ޕިނާއި ތޫނު އެއްޗެހި އަނގަޔަށް ނުލާން ނަސޭހަތްތެރިވި އެވެ.
ސިގިރޭޓްގެ ހުރި ނުރައްކަލާއި އެއިން ދުރުވާން އެތައް ފަހަރަކު އެދުނު
މި މައުލޫމާތު ގިނަ މީހުންނަށް އެނގޭނެ އެވެ. އެކަމަކު މިވެސް ހަނދާންކޮށްދިނުމެކެވެ.
އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅާއިލުމުގެ މުހިއްމުކަން ތަކުރާރުކޮށް ހަނދާންކޮށްދިން
ކުޑަކުދިންގެ ހިތްވަރަށް ސާބަސް ދިން، މައިންބަފައިންގެ ކެތްތެރިކަމަށް ތައުރީފު ކުރި
ދިގު ލޮކްޑައުނެއް ގައި ދެ އަހަރު ފުރެން ކައިރިވެފައިވާއިރު، އެންމެ އުނދަގޫ ދުވަސްތަކެއް ތަހައްމަލުކުރި އެއްބަޔަކަށް ވާނީ ކުޑަކުދިންނެވެ. އެކުދިން އަދި ވެސް އެ ދައްކަނީ އެ ހިތްވަރެވެ. ކުދިންގެ ރޫޓިން އާއި ބައެއް އާދަ ތަކަށް ބަދަލު އަޔަސް، މި ވަގުތަކީ ހާލަތުގެ ނެގެޓިވިޓީ އަށްވުރެ ބޮޑަށް ޕޮޒިޓިވް ކޮށް ކަންކަމާމެދު ވިސްނައި ކިތަންމެ ކުޑަޔަސް، ކާމިޔާބީ އާއި ހިއްވަރު ފާހަގަކުރަންވީ ވަގުތު ކަން ޑޮކްޓަރު ހަނދާންކޮށްދިނެވެ.
ކޮވިޑްގެ ތެދާއި ދޮގާއި، އާ ލީޑު ތައް ފިލްޓަރެއް ނެތި ހާމަކުރެއްވި
ޕޯސްޓް-ކޮވިޑް އަލާމާތްތައް އެތައް ބަޔަކު ތަޖުރިބާ ކުރި އެވެ. ބައެއް މީހުންނަށް ދުވަހަކު ތަހައްމަލު ނުކުރާ ސިއްހީ އުނދަގޫތައް ދިމާވި އެވެ. ސިއްހީ ތަޖުރިބާކާރުންގެ ހައިސިއްޔަތުން ފާހަގަވާ މިފަދަ ސިއްހީ މައްސަލަތަކުގެ މައުލޫމާތު ވެސް ގެނެސްދެއްވި އެވެ.
ކޮވިޑްގެ ފަރުވާތަކާއި ބޭހާއި، ބޭސްތައް ބޭނުންކުރާނެ ރަނގަޅު ގޮތް ކިޔައިދިން
ޑިޕްރެޝަން އާއި އެންޒައިޓީގެ ވާހަކަ ތައް، ހޭލުންތެރިވާން އެތައް ފަހަރަކު އިލްތިމާސްކުރެއްވި
ޑރ މުހައްމަދު އަލީ ފާހަގަކުރެވެނީ ނަފްސާނީ ބަލިތަކުގެ ވާހަކަތައް ގިނައިން ދައްކަވާ އަޑު އުފުއްލަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ޑިޕްރެޝަން އާއި ޑިޕްރެޝަން ދިމާވާން މެދުވެރިވާ ސަބަބުތައް ސައިންސުގެ ނަޒަރުން އޮޅުންފިލުވައިދީ ތަފްސީލުކޮށްދީ ހައްދަވަ އެވެ. ޑޮކްޓަރުގެ ޓުވިޓާގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކަ އަކީ ވެސް ނަފްސާނީ ދުޅަހެޔޮ ކަމުގެ ވާހަކަ އެވެ.







