ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ހަމަނުވެގެން މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އޮތް މުހިއްމު ތިން ބިލަކަށް ވޯޓެއް ނޭހި ޖަލްސާ ނިންމާލަން ޖެހިއްޖެ އެވެ.
މިއަދުގެ އެޖެންޑާގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ތަފާސްހިސާބުގެ ބިލު މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އޮތީ ހިމަނައިފަ އެވެ.
މިއަދުގެ ޖަލްސާގައި އެ ތިން ބިލުގެ ކޮމިޓީ ރިޕޯޓުތައް ހުށަހެޅުމުން ބަހުސް ކުރަން އެއްވެސް މެމްބަރަކު އެދިފައިނުވުމުން، އެ ބިލުތަކުގެ ތިން ވަނަ ކިޔުން އިއްވައި ވޯޓަށް އަހާނެކަމަށް ރިޔާސަތު އިއުލާނުކުރި އެވެ.
އާއްމުކޮށް ވޯޓު ގަޑި މެނދުރު 1:30 ގައި އޮންނަ ނަމަވެސް، މިއަދު އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ރިޔާސަތުން ވަނީ ވޯޓު ގަޑި 11:00 އަށް އަވަސްކޮށްފަ އެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދުގައި ބުނާ އަދަދަށް މެމްބަރުން ޖަލްސާއަށް ހާޒިރުވެނެތުމުން، އެ ތިން ބިލަށް މިއަދު ވޯޓަށް އެހެން ނެތް ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

ރައްޔިތުންްގެ މައްޗަށް އަމަލުކުރުން ލާޒިކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަންހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައަށް ވުރެ ގިނަ މެމްބަރުން ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން، އީވާ ވިދާޅުވީ އެ ތިން ބިލަށް ވޯޓަށް އެހުމަށް މަދުވެގެން 44 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިބެންޖެހޭއިރު، މިއަދުގެ ވޯޓު ގަޑީގައި ތިބީ 39 މެމްބަރުން ކަމަށެވެ.
ރައްޔިތުންްް އަމަލުކުރުންް ލާޒިމުކުރާ ގާނޫނުތައް
ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ގާނޫނެއް ފާސްކުރުމަށް.
- ރައްޔިތުންްް ވަކިގޮތަކަށްްް އަމަލުކުރުމަށްް ނުވަތަ ނުކުރުމަށްްް ބާރުއަޅާ ގާނޫނެއް ފާސްކުރުމަށް.
- ރައްޔިތުންގެ އަތުންްް ފައިސާއެއްް ހަރަދުކުރަންޖެހޭ ކަމެއްްް ހިމެނޭ ގާނޫނެއް ފާސްކުރުމަށް.
- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް.
- ވަކިކަމެއްް ކުރުމުންް ނުވަތަ ނުކުރުމުންް ރައްޔިތަކު ކުށްވެރިވުންް ހިމެނޭ ގާނޫނެއް ފާސްކުރުމަށް.
- ރައްޔިތަކު އުފުލަންޖެހޭ ޝަހްސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް.
މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު މިދިޔަ މަހުގެ ނިޔަލަށް ނިމޭ ގޮތަށް އޮތް ނަމަވެސް، ކުރަން ހުރި މުހިއްމު މަސައްކަތްތަކެއް ނުނިމޭތީ މާދަމާއާ ހަމައަށް ދައުރު ވަނީ ދަންމާލައިފަ އެވެ.
އެހެންކަމުން، މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ އޮންނައިރު، މިއަދު ފާސްނުކުރެވުނު ބިލުތައް މި ދައުރުގެ ތެރޭގައި ފާސްކުރަން މާދަމާ ފަހު ފުރުސަތު ލިބޭނެ އެވެ.













