ލަންޑަން (ޖުލައި 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް އިނގިރޭސިންނަށް ޔޫރޯގެ ތަށްޓެއް ކާމިޔާބުކުރެވިފައިވޭތޯ ސުވާލު ކޮށްފި އެވެ.
އިންގްލެންޑުން މި ފަހަރުގެ ޔޫރޯ ކާމިޔާބުކުރާނެ ކަމަށް ބުނެ މިހާރު އެންމެ ވަރުގަދަ އަށް ޓްރެންޑް ވަމުން އަންނަ އެއް ވާހަކަ އަކީ "އިޓްސް ކަމިން ހޯމް" އެެވެ. މިއީ ބޮޑު މުބާރާތްތަކުގައި އިނގިރޭސިންނަށް ކާމިޔާބު ހޯދައިދޭން އަބަދުވެސް ބޭނުންކުރާ އިބާރާތެކެވެ.
ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ އިންގްލެންޑާއި ޑެންމާކް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސި ނޫސްވެރިއަކު ސުވާލުކުރިއިރު ކެސްޕާ ޝްމައިކަލް ގާތުގައި އެހީ "އިޓްސް ކަމިން ހޯމް" ހުއްޓުވަން ކުރެވޭނީ ކޮން ކަމެއްތޯ އެވެ.
ނޫސްވެރިޔާގެ އެ ސުވާލުގެ ޖަވާބު ދެމުން ކެސްޕާ ޝްމައިކަލް ވަނީ އިތުރު ސުވާލެއް ކޮށްފަ އެވެ.
"އިނގިރޭސިންނަށް ތަށްޓެއް ކާމިޔާބު ކުރެވުނުތަ؟" އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލެސްޓާ ސިޓީ އަށް ކުޅޭ ކެސްޕާ ޝްމައިކަލް ބުންޏެވެ.
ޖަވާބުގައި އިނގިރޭސި ނޫސްވެރިޔާ ކެސްޕާ ޝްމައިކަލް ގާތުގައި ބުނަނީ 1966 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިނގިރޭސިން އަމިއްލަ ފަސް ގަނޑުގައި ކުޅެގެން ކާމިޔާބުކުރި ކަމަށެވެ. ކެސްޕާ ޝްމައިކަލް ބުނީ އެއީ ވޯލްޑް ކަޕް ކަމަށާއ އިނގިރޭސިން އަދި ޔޫރޯ އެއް ކާމިޔާބުކޮށްފައިނުވާ ކަމަށެވެ.
"އަހަރެމެން މި ވަގުތު އިންގްލެންޑް ހުއްޓުވާނެ ގޮތަކަށް ވުރެ މި ވިސްނަނީ ޑެންމާކް މޮޅުވާނެ ގޮތެއް ހޯދަން. އަހަރެމެން ބޭނުންވަނީ ޑެންމާކަށް ކާމިޔާބެއް ހޯދަން. ހަގީގަތަށް ބުނަންޏާ އިނގިރޭސި ޓީމާ މެދު އެހާ ވަރަށް ނުވިސްނަން،" ކެސްޕާ ޝްމައިކަލް ބުންޏެވެ.
ކެސްޕާ ޝްމައިކަލް އިނގިރޭސިންނަށް ޔޫރޯ ކާމިޔާބު ކުރެވުނުތޯ ސުވާލުކުރުމާ އެކު އިނގިރޭސި ގިނަ ސަޕޯޓަރުން ވަނީ ކެސްޕާ ޝްމައިކަލް އަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.
ޑެންމާކުން ވަނީ 1992 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭރު ޑެންމާކްގެ ގޯލު ބެލެހެއްޓީ ކެސްޕާ ޝްމައިކަލްގެ ބައްޕަ ޕީޓާ ޝްމައިކަަލް އެވެ.
ކެސްޕާ ޝްމައިކަލް ބުނީ މިހާރު އޮތް ޑެންމާކް ޓީމުގައި ވެސް ކާމިޔާބު ހޯދޭނެ ފެންވަރު އެބަހުރި ކަމަށާއި މި ފަހަރު ޓީމު މިހާރު މި އޮތް ވަރަށް އެއްބައިވަންތަ ވުމުގައި ދިމާވީ އެހެން ކަމެއް ކަމަށެވެ. އެއީ ކްރިސްޓިއަން އެރިކްސަން ދަނޑު މައްޗަށް ހިތްހުއްޓިގެން ވެއްޓި ދިމާވި ހާދިސާ އަށް ފަހު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުންކަން ކެސްޕާ ޝްމައިކަލް ވަނީ ފާހަގަކޮށްފަ އެވެ.
"މި ދިމާވި ކަންތައްތަކުން ވެސް އެނގުނީ ޑެންމާކް ވަރުގަދަކަން. ޓީމެއްގެ ގޮތުގައި އޮތް ރޫހު ރަނގަޅު،" ކެސްޕާ ޝްމައިކަލް ބުންޏެވެ.
ޑެންމާކުން މި ފަހަރުގެ ޔޫރޯގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ ފުރަތަމަ އެގާރަ އަށް ބަލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ކެސްޕާ ޝްމައިކަލްގެ އިތުރުން ޗެލްސީގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަން، ސައުތެމްޓަންގެ ޔަނިކް ވެސްޓެގާޑް އަދި ޓޮޓެންހަމް އަށް ކުޅޭ މިޑްފީލްޑަރު ޕިއޭ އެމީލް ހޮއިބިއޭ ހިމެނެ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ޑެންމާކާއި އިންގްލެންޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.












