ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒު ޖަހަން އެޕޮއިންޓްމަންޓް ދޫކުރާ ގަޑީގެ މާކުރިން ކިޔޫގައި ޖެހި ގިނަ ބަޔަކު ތޮއްޖެހޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޝީލްޑް ޖެހުން މެދުކެނޑިފައި ވަނިކޮށް، ހެޔޮއެދޭ ފަރާތަކުން ދިން ވެކްސިނުން ދެ ވަނަ ޑޯޒު ޖަހަން ފެށީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު، އެޕޮއިންޓްމެންޓް އުސޫލުންނާއި ކިއުބީ މެދުވެރިކޮށް ޓޯކެން ދޫކޮށްގެންނެވެ.
މިގޮތަށް ހަމަޖައްސާފައި އޮތަސް ވެކްސިން ކިޔޫއަށް މިއަދު ވެސް ގިނަ ބަޔަކު ޖަމާވެ، ތަރުތީބު އޮޅި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކިއޫތައް ދިގުވާ މައިގަނޑު ސަބަބަކީ އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ދެ ގަޑިއިރު ނުވަތަ ތިންގަޑިއިރު ކުރިން ކިއޫއަށް އަރާތީ ކަމަށެވެ.
ތޮއްޖެހިފައިވާ ކިއުތަކުގައި ގިނައީ ބިދޭސީންނެވެ.

އެތަނުގައި ތިބި ބައެއް މީހުން ބުނިގޮތުގައި އޮންލައިން އެޕޮއިންޓްމެންޓެއް ނަގަން ޖެހޭކަމެއް ނޭނގެ އެވެ. އަދި ބައެއް މީހުން ދިޔައީ އެ ތަނުގައި ހުރެގެން ވެސް އެޕޮއިންޓްމެންޓް އޮންލައިންކޮށް ނަގަމުންނެވެ.
ވެކްސިން ޖެހުން އަލުން ފަށާފައިވާއިރު މީގެ ކުރިންވެސް ކިއުތައް ދިގުވެ ތޮއްޖެހުމުގެ މައްސަލަތައް ކުރިމަތިވި އެވެ. މިފަހަރު ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން ފެށީ ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.
ނަމަވެސް ފަހުން ނިންމީ، ފެބުރުއަރީ 1އިން މާޗް 15 އާ ދެމެދު ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ކިއުބީ މެދުވެރިކޮށް ޓޯކެން ދޫކުރާގޮތަށެވެ. އޭގެފަހުން ރޭ ވަނީ ޕޯޓަލްއެއް ވެސް ތައާރަފްކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ޕޯޓަލްއެއް ތައާރަފްކުރީ ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށެވެ.
އެކަމަކު އެންމެން އެއްފަހަރާ ކިއޫއަށް އެރުމުން ދަތިތަކެއް ކުރިމަތިވާތީވެ އެޗްޕީއޭ އިން ވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ދޫކުރާ ގަޑިއަށް ދާން އިލްތިމާސްކޮށްފަ އެވެ.













